ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ރޭ މާމެންދޫން ގއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދިއިރު، ކ. އަތޮޅުގެ ފައިނަލުން ގާފަރާއި ދިއްފުށިން ފުރުސަތު ހޯދައި، ދިއްގަރާއި ނާލާފުށި މ. އަތޮޅުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭ ކުޅުނު ގއ. ފައިނަލުގައި ނިލަންދޫ އަތުން މާމެންދޫ މޮޅުވީ 2-1 އިންނެވެ. މި މެޗުގައި މާމެންދޫގެ ގޯލުތައް ޖެހީ އަހުސަމް ހަސަން ދީދީ އާއި ޝަމްވީލް މުހައްމަދު އެވެ. ނިލަންދޫގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ މަމްދޫހު އިބްރާހިމް އެވެ. ގއ.ގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މާމެންދޫގެ އަހުސަމް އެވެ.
ކ. އަތޮޅުގެ ފުރަތަމަ ސެމީގައި ގާފަރާއި ކާށިދޫ ވަނީ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރުވެފަ އެވެ. ގާފަރުގެ ސާމިން މުހައްމަދު ރަޝީދު ގޯލު ޖެހިއިރު، ކާށިދޫގެ ލަނޑު ޖެހީ އަކުމަލް މުހައްމަދު އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ގާފަރުން ހަތަރު ޕެނަލްޓީ ވައްދާލި އެވެ. އެއީ އައްޒާމް ނިޔާޒް، ޝަނާން ރަޝާދު، ނާއިހު މުފީދު (ނާހު) އަދި އިބްރާހިމް ރިމާހު (ރިމޭ) އެވެ. ކާށިދޫން ކާމިޔާބުކުރީ އަބްދުﷲ ސުޒޭރު އާއި ޝައްފާން ހަލީމްގެ ޕެނަލްޓީ އެވެ.
އަނެއް ސެމީގައި މާފުށި އަތުން ދިއްފުށި ކުރިހޯދީ 3-3 އިން މެޗު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. މާފުށީގެ އިސްމާއިލް ނަޒީހު ދެ ގޯލު ޖެހިއިރު، ހުސެއިން އިމްރާން ވެސް ލަނޑެއް ޖެހި އެވެ. ދިއްފުށީގެ ލަނޑުތައް ޖެހީ ޒައިން ޒަފަރު އާއި އަހުމަދު މާޒިން އަދި މުހައްމަދު އަސްލަމް އެވެ. ޕެނަލްޓީގައި މާފުށީގެ ނަޒީހު އާއި އިމްރާން އަދި އަލީ އުޒައިރު މުހައްމަދު ކާމިޔާބުކުރި އެވެ. ދިއްފުށިން ޒައިން އާއި މާޒިންގެ އިތުރުން ރިލްވާން ރަޝީދު އަދި އަސްލަމް ޕެނަލްޓީ ވައްދާލި އެވެ.
ފައިނަލުގައި ދިއްފުށްޓާއި ގާފަރު ކުޅޭއިރު، ގްރޫޕް ސްޓޭޖުގައި ގާފަރު ވަނީ ފަސޭހައިން ދިއްފުށި ބަލިކޮށްފަ އެވެ.
މ. އަތޮޮޅުގެ ސެމީގައި މަޑުއްވަރީ އާއި ނާލާފުށި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނާލާފުށި މޮޅުވީ ޕެނަލްޓީގަ އެވެ. މި މެޗުގައި މަޑުއްވަރީ އިސްމާއިލް ނާޝިދު ގޯލު ޖެހިއިރު، ނާލާފުށީގެ ލަނޑަކީ މަޑުއްވަރީގެ މޫސާ ޝިޔާޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޕެނަލްޓީގައި ނާލާފުށީގެ އަލީ އަޒުމީލް، ޔޫސުފް ޒަޔާން، މުހައްމަދު ފަޒީލް އަދި މޫސާ ނައިސާން ވަނީ ކާމިޔާބު ކޮށްފަ އެވެ. މަޑުއްވަރީން ޕެނަލްޓީ ކާމިޔާބުކުރީ އިބްރާހިމް މުއާޒް، ހުސެއިން ޒަހުވާން އަދި ހުސެއިން ނާއިމް އެވެ.
މ އަތޮޅުގެ އަނެއް ސެމީގައި މުލި އަތުން ދިއްގަރު މޮޅުވީ 3-2 އިންނެވެ. މި މެޗުގައި ދިއްގަރުގެ ގޯލުތައް ޖެހީ ހުސެއިން ފާރިޝް އާއި އަލީ މާޖިދު އަދި އަހުމަދު މިދުހަތު މަހުމޫދު އެވެ. މުލީގެ ލަނޑުތައް ޖެހީ އަބްދުﷲ ނާފިއު އާއި ހަސަން އަޝްރަފް އެވެ. ފައިނަލުގައި ދިއްގަރާއި ނާލާފުށި ކުޅޭއިރު ގްރޫޕް މެޗުން ނާލާފުށި ވަނީ މޮޅުވެފަ އެވެ.
ރޭ ކުޅުނު އައްޑޫ އަތޮޅު ބުރުގައި ސ. ފޭދޫން ވަނީ 2-0 އިން ސ. މަރަދޫފޭދޫ އަތުން މޮޅުވެފަ އެވެ. މި މެޗުގައި ފޭދޫގެ ގޯލުތައް ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ހުސެއިން އަޒުވާން އެވެ. ރޭ ކުޅުނު ދ. އަތޮޅު މެޗުން ދ. މާއެނބޫދޫން ވަނީ 5-0 އިން ބަނޑިދޫ ބަލިކޮށް، ދެ ވަނަ މޮޅު ހޯދައިފަ އެވެ. މާއެނބޫދޫގެ ގޯލުތައް ޖެހީ އަހުމަދު ޝައިހާން ދެ ގޯލާއި އަމްޖަދު އަލީ އާއި މުހައްމަދު ނަޔާޒް އަދި އަބްދުﷲ ޝަހީން ގޯލެކެވެ.












