އެއާ ޓްރެފިކް ކޮންޓްރޯލް ލައިސެންސިންގެ ދެ ކޯހެއް އެމްއޭސީއެލް އިން ފަށައިފި އެވެ.
އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ކޯސްތަކުގައި ޖުމްލަ 12 ދަރިވަރުން ބައިވެރިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެއީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯހުގައި (އަސީއޭއޯ 055) ހަ ދަރިވަރުން އަދި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯހުގައި (އައިސީއޭއޯ 053) ހަ ދަރިވަރުންނެވެ.
އެމްއޭސީއެލްއިން ބުނީ އެ ކޯސްތަކުގައި ކިޔަވައިދެއްވާނީ ކަމުގެ ތަޖުރިބާ ހުރި އިލްމީ ބޭފުޅުން ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކާއި ރާއްޖޭގެ ބައެއް ފަރާތްތައް ވެސް ހިމެނެ އެވެ. މިއީ އެމްއޭސީއެލްއިން އޭޓީސީ ރޭޓިންގެ ދެ ކޯސް އެއްފަރާ ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

އެމްއޭސީއެލްއިން ކުރިއަށް ގެންދިޔަ އޭޓީސީ ކޯހުގެ ބައިވެރިން -- ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްއަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކަކަށް ވެސް އެއާ ނެވިގޭޝަންގެ ހިދުމަތް ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައި އޮންނަ ކުންފުންޏެވެ. އެމްއޭސީއެލްއިން ބުނީ މިހާރު ފަށައިގެން ކުރިއަށްގެންދާ ކޯސްތަކަކީ އެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ.
ދެހާސްއެކާވީސް ވަނަ އަހަރު އެމްއެސީއެލްއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ ޓްރެފިކް ކޮންޓްރޯލް ޓަވާ ސްޓިމިއުލޭޓަރެއް ވެސް ތައާރަފުކޮށްފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އެ ސްޓިމިއުލޭޓަރުން އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރުންނަށް ތަމްރީނު ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރެއެވެ.
މިހާރު ކުރިއަށްގެންދާ އޭޓީސީ ކޯސްތައް ފުރިހަމަ ކުރާ ދަރިވަރުން އޮންނަ ގަވާއިދުގެ ތެރެއިން ދަސްކުރި އެއްޗެހި ތާޒާ ކުރުމުގެ ޕްރޮގުރާމުތަކުގައި ބައިވެރިވާން ޖެހޭނެ އެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މުވައްޒަފުންނަށް ފެންވަރު ރަނގަޅު ތަމްރީނުތަކާއި ތަޖުރިބާ ހޯދައިދީގެން ކަސްޓަރުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.










