އުތުރު ޗައިނާގައި ބޯޓުދެލި ނަގާ މައިނެއްގެ ބަޔެއް ވެއްޓި ދެ މީހުން މަރުވެ، 50 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ އެވެ.
ރައީސް ޝީ ޖިންޕިން ވަނީ ގެއްލުނު މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް އަމުރު ކުރައްވައިފަ އެވެ.
އެ ހާދިސާ ހިނގި ސަރަހައްދުން އަނިޔާވެފައިވާ ހަ މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އެ މީހުންނަށް ފަރުވާދެމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދައުލަތުގެ ޝިންހުއާ ނިއުސް އެޖެންސީއިން ބުނީ ރެސްކިއު އޮޕަރޭޝަނުގައި 200 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ހާދިސާ ހިނީ އިނާ މޮންގޯލިއާ ސަރަހައްދުގެ އަލްކްސާ ލީގްގަ އެވެ. ދައުލަތުގެ ސީސީޓީވީން ބުނީ ހާދިސާ ހިނގީ ޝިންޖިންގް ކޯލް މައިނިން ކޮމްޕެނީއިން އޮޕަރޭޓް ކުރާ މައިނެއްގެ ތެރޭގައި ކަމަށެވެ.
ޗައިނާގައި އެންމެ ގިނައިން ކޯލް ނުވަތަ ބޯޓުދެލި އުފައްދާ ބައެއް މައިންތައް ހުންނަނީ އިނާ މޮންގޯލިއާ ސަރަހައްދުގަ އެވެ.
ޗައިނާގެ މައިނިން ސިނާއަތުގައި ދޭތެރެ ދޭތެރެއިން ހިތާމަވެރި ހާދިސާތައް ހިނގަ އެވެ. އެގޮތުން ޑިސެމްބަރު 2020 ގައި މައިނެއްގެ ތެރެއަށް ކާބަން މޮނޮކްސައިޑް ގޭސް ލީކުވެ 23 މީހުން މަރުވި އެވެ.










