މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ކުޅުނު ފައިނަލް މެޗުތަކުން މޮޅުވެ، ހއ.ގެ ޗެމްޕިއަންކަން އުތީމުން ހޯދިއިރު، ހދ.ގެ ތަށި ނައިވާދޫން ދިފާއުކޮށް، ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫން ހޯދައިފި އެވެ.
ހއ.ގެ ފައިނަލުގައި އުތީމުން ވަނީ ފަހަތުން އަރައި ފިއްލަދޫ އަތުން 2-1 އިން މޮޅުވެފަ އެވެ. ނައިވާދޫން ވަނީ ހދ.ގެ ފައިނަލުގައި ނޭކުރެންދޫ އަތުން 1-0 އިން މޮޅުވެފަ އެވެ. ށ، އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ކަނޑިތީމު އަތުން ފޯކައިދޫ މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން، 4-3 އިންނެވެ.

ފިއްލަދޫ ކުޅުންތެރިއަކު ކައިރިން އުތީމުގެ ކެޕްޓަން، ރިފާއު ބޯޅަ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި އަހަރުގެ ފުރަތަމަ އަތޮޅު ފައިނަލުގައި އުތީމު ކޮޅަށް ފިއްލަދޫން ވަނީ އަބްދުﷲ އިހުވާން ޖެހި ގޯލުން ލީޑުނަގައިފަ އެވެ. މިއީ އޭރިއާތެރެއިން ތިރިތިރިން ބޯޅަ ފޮނުވާލައިގެން އިހުވާން ޖެހި ގޯލެކެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 15 ސިކުންތު ތެރޭގައި އުތީމުން އެއްވަރުކުރީ ރިޝްވާން އިބްރާހިމް ރަޝީދު ޖެހި ގޯލުންނެވެ. މި ގޯލަކީ ފިއްލަދޫގެ ކީޕަރު ހެދި ގޯހަކުން ވަން ގޯލެކެވެ. އުތީމު މޮޅުވި ގޯލު ޖެހީ ޖެހުމަކުން އަހުމަދު އައިހަމް އެވެ. އެ ބޯޅަ ގޯލަށް ވަނީ ފިއްލަދޫ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ.
މިއީ ފުޓްސަލްގައި އުތީމުން ހޯދި ފުރަތަމަ ތަށްޓެވެ. ހއ.ގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ފިއްލަދޫގެ މުހައްމަދު ހުސާމް އަަށެވެ. އެންމެ ގިނަ ގޯލު ޖެހީ ވަށަފަރުގެ ސާޖިދު ރަޝީދު އެވެ.

ނޭކުރެންދޫ ކޮޅަށް ގޯލު ޖެހުމަށް ފަހު ޝާއްޕެ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ނައިވާދޫން ފަސް ވަނަ ފަހަރަށް އަތޮޅު ތަށި ހޯދިއިރު، ފައިނަލް މެޗު ދިޔައީ ފޯރިގަދަކޮށެވެ. ގްރޫޕް ސްޓޭޖުގައި ނައިވާދޫ އާއި ނޭކުރެންދޫ ކުޅުނު މެޗަށް ވުރެ ފައިނަލުގައި ދެ ޓީމުން ވެސް ފެނުނީ ވަރުގަދަ އަށް ކުޅުނު ތެނެވެ.
ރޭގެ ފައިނަލުގައި ނައިވާދޫގެ ހަމައެކަނި ލަނޑު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މިއީ ޔާމީން މުހައްމަދު (ޔާންޓެ) ދިން ބޯޅައަކުން ޝާއްޕެ ޖެހި ގޯލެކެވެ. ހދ.ގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ ހޯދީ ޝާއްޕެ އެވެ.
ފޯކައިދޫން ކަނޑިތީމު ބަލިކޮށް، ށ. އަތޮޅުގެ ޗެމްޕިއަންކަން ހޯދިއިރު، އެ އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ކަނޑިތީމުގެ ކެޕްޓަން، އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ.
ހއ. އާއި ހދ. އަދި ށ.ގެ ޗެމްޕިއަނާއި ރަނަރަޕް ދެން ނުކުންނާނީ ޒޯން އެކެއްގަ އެވެ. ޒޯން އެކެއްގެ ގްރޫޕް އެކެއްގައި ހިމެނެނީ ނޭކުރެންދޫ އާއި ނައިވާދޫ އަދި އުތީމު އެވެ. ޒޯން އެކެއްގެ ގްރޫޕް ދޭއްގައި އޮތީ ފޯކައިދޫ އާއި ކަނޑިތީމު އަދި ފިއްލަދޫ އެވެ.












