ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އެންމެ ފަހުން ކުޅުނު މެޗުތަކަށް ފަހު، ށ. އަތޮޅު ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމާއި ފޯކައިދޫ ފުރުސަތު ހޯދިއިރު، ގދ. ފައިނަލަށް ވާދޫ އަދި ރ. އަތޮޅު ފައިނަލުގެ ފަހު ޖާގަ ދުވާފަރުން ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅުނު ށ. އަތޮޅު ސެމީގައި ކަނޑިތީމުން ފީވަށް ބަލިކުރީ 5-0 އިންނެވެ. މި މެޗުގައި ކަނޑިތީމުގެ ކެޕްޓަން އިބްރާހީމް ނަދާދު (ކުޑައްޓޭ)ގެ އިތުރުން އެ ޓީމުގެ ގޯލުތައް ޖަހައިދިނީ އަބްދުﷲ އިރުފާނާއި އަހުމަދު ރިޒާން ދެ ގޯލާއި މުހައްމަދު ޝާން ގޯލެކެވެ. ށ. އަތޮޅުގެ އަނެއް ސެމީގައި ބިލެތްފަހީގެ މައްޗަށް ފޯކައިދޫ ކުރިހޯދީ 4-1 އިންނެވެ. މި މެޗުގައި ފޯކައިދޫގެ މުހައްމަދު ރިޝްވާން (ފުކޭ) ހެޓްރިކެއް ހެދިއިރު، އަނެއް ގޯލު ޖެހީ ޖަހައިދިނީ އަބްދުﷲ މާލިކު އެވެ. މި މެޗުގައި ބިލެތްފަހީގެ ހަަމައެކަނި ގޯލު ކާމިޔާބުކުރީ އާދަމް އަފްރާހު އެވެ.

ފޯކައިދޫގެ ކުޅުންތެރިން އިއްޔެގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގދ. ގެ ފައިނަލުން އެންމެ ފަހުން އަތޮޅުގެ ތަށި އުފުލާލި ވާދޫ ޖާގަ ޔަގީންކުރީ އިއްޔެގެ މެޗުގައި މަޑަވެލީ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިގެންނެވެ. މަޑަވެލީގެ މައްޗަށް ވާދޫ ކުރިހޯދީ 11-2 އިންނެވެ. މި މެޗުގައި ވާދޫގެ މުހައްމަދު އިޔާދު އަލީ ހަތަރު ގޯލު ޖެހިއިރު، އިބްރާހީމް ޝައުފް އާއި މުހައްމަދު ނާއިލް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހައިފަ އެވެ. ދެން ގޯލު ޖެހީ، ޓީމުގެ ތަރި، އަޔާޒް އަހުމަދު (އަޔާ) އާއި ޒައިން މުހައްމަދު އަދި ޔަޒްދާން އިބްރާހިމް އެވެ.
ގދ. އަތޮޅުގައި އިއްޔެ ކުޅުނު އަނެއް މެޗުން ގައްދޫ އިން ވަނީ ހޯޑެއްދޫ 2-0 އިން ބަލިކޮށްފަ އެވެ. މި މޮޅާ އެކު ގައްދޫން ދެ މޮޅު ހަމަކުރިއިރު، އެ ޓީމަށް ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
އެންމެ ފަހުން ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ދުވާފަރުން މި ފަހަރުގެ ފައިނަލުގެ ދެ ވަނަ ޖާގަ ހޯދީ ރޭ އަލިފުށި އަތުން 1-0 އިން މޮޅުވެފަ އެވެ. ރޭ ދުވާފަރުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އާދަމް އިލްޔަސައު އެވެ. ރ. އަތޮޅު ފައިނަލުގައި ދުވާފަރުން ނުކުންނާނީ އިނގުރައިދޫއާ ދެކޮޅަށެވެ.

ކަނޑިތީމު ކެޕްޓަން، ކުޑައްޓޭ (ވ) ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރ. އަތޮޅުގައި ރޭ ކުޅުނު އަނެއް މެޗުން މީދޫ ވަނީ 9-2 އިން އިންނަމާދޫގެ މައްޗަށް ކުރިހޯދައިފަ އެވެ. މި މެޗުގައި މީދޫ ޓީމުގެ ރަޝާދު އަބްދުލް މަތީން އަށް ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ މުހައްމަދު އަނާން އެވެ. އިންނަމާދޫގެ ލަނޑުތައް ޖެހީ އަހުމަދު މިސްފާހު އާއި މޫސާ ނިމާލް އެވެ.
ތ. އަތޮޅުގައި ރޭ ވޭމަންޑޫ އާއި އޮމަދޫ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ހިރިލަންދޫން ވަނީ ގާދިއްފުށި އަތުން 5-1 އިން މޮޅުވެފަ އެވެ. އަދި ކިނބިދޫ ކުޅުނު މެޗުން ވަނީ ބުރުނި އަތުން 5-2 އިން މޮޅުވެ، އަތޮޅު ސެމީ އަށް ދަތުރުކޮށްފަ އެވެ.
ކިނބިދޫ ޓީމަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ އަހުމަދު ހަމްދާން ހުސައިން އާއި މުހައްމަދު ސަހާއު (ބޭލް) ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އަދި އިބްރާހީމް އިމްރާޝް (އިންމި) އެވެ. ބުރުނީގެ ލަނޑުތައް ޖެހީ އަހުމަދު ސައްދާމް އާއި މައުސޫމް ޝަބީން އެވެ. ހިރިލަންދޫން މޮޅަކާ އެކު މުބާރާތް ނިންމާލިިއިރު، ލަނޑުތައް ޖެހީ މުހައްމަދު ޝިޔާން ދެ ގޯލާއި އަހުމަދު ޝިހާމް އަދި އަހުމަދު މުފީދުގެ އިތުރުން ގާދިފުށީގެ މޫސާ ނަދީމް އަތުން ބައިކޮޅަށެވެ. ގާދިފުށީގެ ހަމައެކަނި ލަނޑު ޖެހީ އަދީބް އަބްދުލްރަހްމާން އެވެ.

ދ އަތޮޅުގައި ރޭ މާއެނބޫދޫ ކުޅުންތެރިން ކުޑަހުވަދޫ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ފ. އަތޮޅާއި ދ. އަތޮޅުގެ މެޗުތަކެއް ވެސް ރޭ ވަނީ ކުޅެފަ އެވެެ.
އެ ގޮތުން، ރޭ ފ. ނިލަންދޫން 5-0 އިން ބިލެތްދޫ ބަލިކުރިއިރު، މަގޫދޫން ވަނީ 1-0 އިން ދަރަނބޫދޫގެ މައްޗަށް ކުރިހޯދައިފަ އެވެ. ދ. އަތޮޅުގައި ރޭ ކުޅުނު މެޗުގައި މާއެނބޫދޫން ވަނީ އެންމެ ފަހުގެ އެ އަތޮޅު ޗެމްޕިއަން، ކުޑަހުވަދޫ 3-2 އިން ބަލިކޮށްފަ އެވެ.
ނިލަންދޫ ޓީމަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ކެޕްޓަން، ފާރޫގު އިސްމާއިލް އާއި އަކުރަމް އިސްމާއިލް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން އަހުމަދު ވާފިރު އެވެ. ރޭގެ މެޗުގައި މަގޫދޫ އަށް ހަމައެކަނި ގޯލު ޖަހައިިދިނީ މޫސާ މާހިލް މިގުދާދު އެވެ.
ރޭގެ މެޗުގައި ކުޑަހުވަދޫ ކޮޅަށް މާއެނބޫދޫގެ ގޯލުތައް ޖަހައިދިނީ ކެޕްޓަން އަހުމަދު މަހްތޫމް ދެ ގޯލާއި އަހުމަދު ޝައިހާން އެވެ. ކުޑަހުވަދޫ އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ އިރުފާން އާދަމް ނަސީރު އާއި އަބްދުލް މުގުސިތު އެވެ.












