ޗައިނާއާއި ރާއްޖެއާ ދެމެދު އޮން-އެރައިވަލް ވިސާ ދޭން ސޮއިކުރި އެއްބަސްވުމަށް އަމަލުކުރަން ފަށައި، އޮންއެރައިވަލް ވިސާ ދޭން ފަށައިފި އެވެ.
ޗައިނާ އެމްބަސީން ކުރި ޓްވީޓެއްގައި ވަނީ އޮންއެރައިވަލް ވިސާ ދިނުމަށް ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
ޗައިނާގެ ރައްޔިތުންނާއި އަދި ދިވެހިން ދެ ގައުމުގެ މެދުގައި ދަތުރުކުރާއިރު، 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށާއި މީގެ ތެރޭގައި ފަތުރުވެރިންނާއި، ވިޔާފާރި އަދި އާއިލާ ގާތަށް ދަތުރުކުރާ މީހުންނާއި، ޓްރާންސިޓް ކުރާ މީހުންނަށްވެސް، ދުރާލައި ވިސާ ނަގަން ނުޖެހި އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް އެމްބަސީން ބުނެ އެވެ.
ނަމަވެސް، ވަޒީފާ އަދާ ކުރުމަށާއި، ދިރިއުޅުން ބަދަލުކުރުމާއި، ނޫސްވެރިކަން ފަދަ މަސައްކަތްތަކުގައި ޗައިނާއަށް ދަތުރުކުރާ މީހުން އަދިވެސް ވިސާ ނަގަން ޖެހޭނެ އެވެ.
މިއީ މިދިޔަ އަހަރު ރާއްޖެއާއި ޗައިނާއާއި ދެމެދު ވެފައިވާ ވިސާ ފްރީ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މި އެއްބަސްވުމަށް އަމަލުކުރުން އޮތީ ފަސްކޮށްފަ އެވެ.











