ޗައިނާގެ އިންވެސްޓްމެންޓް ބޭންކެއް ކަމުގައިވާ، ޗައިނާ ރެނެސަންސްގެ ޗެއާމަން އަދި ސީއީއޯ ބާއޯ ފަން ވީނުވީއެއް ނޭނގި "ގެއްލިއްޖެ" އެވެ.
އެ މައްސަލަ އެ ކުންފުނިން ބުރާސްފަތި ދުވަހު ހޮންކޮންގުގެ ސްޓޮކް އެކްސްޗޭންޖަށް ވަނީ ހުށަހަޅައިފަ އެވެ. ވީނުވީއެއް ނޭނގެނީ އޭނާ ގެއްލުމާއި ކުންފުނީގެ ވިޔަފާރީގެ ކަމަކާ ގުޅުމެއް އޮތްކަން އެނގިފައި ނެތް ކަމަށް އެ ބޭންކުގެ ބޯޑުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އެ ބޭންކުން ރަސްމީކޮށް ނޫސްތަކަށް ބަހެއް ބުނެފައެއް ނުވެ އެވެ.
ބާއޯގެ ކުއްލި ގެއްލުމާ ގުޅިގެން ސްޓޮކް މާކެޓުގައި އޭނާގެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.
ބޭންކިން ދާއިރާގައި ބާއޯ މަސައްކަތް ފެށީ 1990 އަހަރުތަކުގައި، މޯގަން ސްޓެންލީ އާއި ކްރެޑިޓް ސުވިސްއިންނެވެ. ޝަންހާއީ އާއި ޝެންޒެންގެ ސްޓޮކް އެކްސްޗޭންޖްތަކުގެ އެޑްވައިޒަރެއްގެ މަގާމު ވެސް އަދާކުރެއްވި އެވެ.
ޓެކް ކުންފުނިތަކާ ގާތް ގުޅުމެއް އޮންނަ ބާއޯ މަޝްހޫރު ވެފައިވަނީ ވިޔަފާރީގެ ބޮޑެތި މުއާމަލާތްތައް ނިންމުމާއި، ބިޔަ ކުންފުނިތައް ގުޅުވާލުމަށް މެދުވެރިއެއްގެ ރޯލް އަދާކުރާ މީހެއްގެ ގޮތުގަ އެވެ.
ބޮޑެތި ވިޔަފާރިވެރިންނާއި މާލީ އިދާރާތަކުގެ ވެރިން "ގެއްލުމުގެ" ތާރީހެއް ޗައިނާގައި އޮވެ އެވެ. ގިނަ ދުވަސްތަކަކަށް ފަހުން ބައެއް ވެރިން އަލުން އެނބުރި މަގާމުތަކަށް ވަޑައިގެންނެވި ނަމަވެސް، ބައެއް ބޭފުޅުން އިތުރަށް ހިދުމަތުގައި ފެނިގެންނުދެ އެވެ.
މާލީ އިދާރާތަކުގެ ވެރިންގެ މައްޗަށް އެކި ތުހުމަތުތަކޮށް، ބަންދުކޮށް ޖަލަށް ހުކުމްކޮށްފައި އެބަ ހުއްޓެވެ.







