އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށް އުރަމަތީގެ ކެންސަރާ ބެހޭ ގޮތުން ހޭލުންތެރިކުރުމާއި ސްކްރީން ކުރުމުގެ ޕްރޮގުރާމެއް އެއާޕޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.
އެއާޕޯޓު ރެކްރިއޭޝަން ސެންޓަރުގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ޕްރޮގުރާމަކީ ސޮސައިޓީ އޮފް ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން އެމްއޭސީއެލް އިން ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، މަހްޖޫބު ސުޖާއު އާއި އެކުންފުނީގެ އެކި ޑިޕާޓުމަންޓުތަކުގެ ވެރިން އެ ޕްރޮގުރާމުގައި ބައިވެރިވެވަޑާއިގެންނެވި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ މީހުން މަރުވަނީ ކެންސަރު ބަލީގަ އެވެ. އެހެންނަމަވެސް އަވަހަށް ދެނެގަނެވި، އެކަށީގެންވާ ފަރުވާ އަވަހަށް ދެވިއްޖެނަމަ ކެންސަރު ބަލި މުޅީން ފަސޭހަވުމުގެ ފުރުސަތު ވަރަށް ބޮޑުވެ އެވެ.
އެމްއޭސީއެލް އިން ބުނީ ކެންސަރު ބައްޔަށް ސްކްރީން ކުރުމުގެ އެ ހަރަކާތް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގުސަދަކީ ވެސް އެކުންފުނީގެ މުވައްޒަފުންގެ ސިއްހަތު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ބާރު އެޅުން ކަމަށެވެ.
އެގޮތުން ސިއްހަތާއި ރައްކާތެރިކަމާ ގުޅުންހުރި ޕްރޮގުރާމުތައް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްއޭސީއެލްގެ އެކަމަށް ހާއްސަ ޑިޕާޓުމަންޓުން ބުނެ އެވެ.
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއާއި ސޮސައިޓީ އޮފް ހެލްތު އެޑިއުކޭޝަނަކީ ސިއްހީ އެކި ކަންކަމާ ގުޅޭގުތުން މީހުން ހޭލުންތެރިކުރުމާއި ބަލިތަކުން މީހުން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ދެ އޯގަނައިޒޭޝަނެވެ.











