މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެމްއޭސީއެލް ގުޅިގެން އެއާޕޯޓުގައި ކުއްލި ހާލަތުގައި އަމަލު ކުރާނެ ގޮތުގެ ތަމްރީނު ޕްރޮގުރާމެއް ހިންގައިފި އެވެ.
ދިވެހި އެއާލައިންތަކާއި އެއާޕޯޓުތައް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގުރާމުގައި ޖުމްލަ 51 މީހުން ބައިވެރިވި އެވެ.
ޕްރޮގުރާމު ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުތައް އޮޕަރޭޓު ކުރުމުގައި ހަރަކާތްތެރިވާ މީހުންނަށާއި އެއާލައިންތައް ހިންގުމާ ހަވާލުވެ ތިބޭ ފަރާތްތަކަށް ކުއްލި ހާލަތުގައި ކުރަންޖެހޭ ކަންކަން އޮޅުންފިލުވައިދިނުމާއި އެކަންކަމަށް ބޮޑަށް އަހުލުވެރި ކުރުން ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެއާޕޯޓު އެމާޖެންސީ ޕްލޭނިން ޕްރޮގުރާމުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް
އެ ޕްރޮގުރާމު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ތޯހާ ވަނީ އެއާޕޯޓުތަކުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް އަބަދުވެސް ތައްޔާރުވެ ތިބުމުގެ މުހިންމު ކަމަށް އަލިއަޅުވާލައި ވާހަކަދައްކަވާފަ އެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ވެސް އެހާމެ މުހިންމު ކަމެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ސިވިލް އޭވިއޭޝަނުގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ އެ ޕްރޮގުރާމަކީ ސީރީސްއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގުރާމެކެވެ. ޕްރޮގުރާމުގެ ތެރެއިން ކުއްލި ހާލަތުގައި އަމަލު ކުރާނެ ގޮތުގެ ތަފާތު އެކްސާސައިޒުތައް ވެސް ކުރިއަށް ގެންދިޔަ އެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް ކަމަށާއި އެ ޕްރޮގުރާމަކީ އެކަމުގެ އެންމެ އަލިގަދަ އެއް ހެކި ކަމަށެވެ.










