ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބުނި ގޮތުގައި، މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް އޭނާ ސަސްޕެންޑު ކުރީ މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށެވެ.
އޭނާ ސަސްޕެންޑު ކޮށްފައިވަނީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އިރު، އެ ކޯޓުގެ ކައިވެނީގެ ރެޖިސްޓްރާއަށް ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ލަފައެއް ދީފައިވާ މައްސަލައެއްގަ އެވެ.
ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާ މެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އެވެ.
އެހެންކަމުން ފެމިލީ ކޯޓުގައި އަމަލުކުރަން އޮންނަ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުުމަށް މަގުފަހިވެފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ގާޒީ ހަސަން ސައީދު, ކުރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރީ ވެސް ސުލޫކީ މައްސަލައެއް ސާބިތުވެ ފިޔަވަޅެއްގެ ގޮތުންނެވެ. ކުރިން އޭނާ ހުންނެވީ ފެމެލީ ކޯޓުގެ އިސް ގާޒީގެ ގޮތުގަ އެވެ.
ގާޒީ ހަސަންއާ ގުޅޭ ސުލޫކީ މައްސަލައެއް އޭރު ބެލީ އެ ކޯޓުގެ މުވައްޒަފުންތަކަކަށް އޭނާގެ ފަރާތުން އެކި ކަހަލަ ފުރައްސާތަކާ ކުރިމަތިލާން ޖެހުނުކަން މުވައްޒަފުން ބުންޏެވެ.
އެ މައްސަލަ ސާބިތުވެ، ފިޔަވަޅެއްގެ ގޮތުން އޭނާގެ ކުރިމިނަލް ކޯޓުގެ ގާޒީއެއް ކަމަށް ބަދަލު ކުރި ނަމަވެސް، އެ މަގާމުގެ މުސާރަ ކުރިން ހުރި މަގާމަށްވުރެ ބޮޑުކަމުން ޖޭއެސްސީއަށް ފާޑުކިޔުން އަމާޒުވި އެވެ.
އޭގެ އިތުރުން، ކުރިމިނަލް ކޯޓުގެ ގާޒީއަކަށް އައްޔަންވި ފަހުން އަމަލު ކުރެއްވި ގޮތްތަކާ ގުޅިގެން ވެސް އޭނާގެ މައްސަލަ ބައެއް ފަރާތްތަކުން ޖޭއެސްސީއަށް ހުށަހަޅާފައިވެ އެވެ. ގާޒީ ހަސަން ސައީދަކީ އޭނާގެ ބައެއް ނިންމުންތަކާ ހެދި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ގާޒީއެކެވެ.
އެ ގޮތުން, ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ, މީހަކު ޖާމިނުކޮށް ދިނުމުގެ މައްސަލާގައި ފާޑުކިޔުން އަމާޒުވި އެވެ. އަދި, މިފަހުން ސީލައިފް މައްސަލާގައި ދައުވާ ލިބޭ އަހުމަދު މޫސާ (އަންމަޓީ) ދޫކޮށްލި މައްސަލާގައި ވެސް ފާޑުކިޔުން އަމާޒުވި އެވެ.
ބަންދު މުރާޖައާކުރުމުގެ އަޑުއެހުމެއްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނު އާއި ޝަރީއަތްކުރުމާއިބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.












