ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ގއ. ނިލަންދޫ އާއި މާމެންދޫން އެ އަތޮޅުގެ ސެމީން ފުރުސަތު ހޯދިއިރު، އއ. އަތޮޅުގެ ލީގު ބުރުގައި ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ފައިނަލުގައި ކުޅުމުުގެ އުންމީދު މަތިވެރިން ބޮޑުކޮށްފި އެވެ.
ރޭގެ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގއ. ގެމަނަފުށިން ވަނީ 5-2 އިން ގއ. ވިލިނގިލި ބަލިކޮށްފަ އެވެ. ގއ. ކޮނޑޭ އަތުން ނިލަންދޫ 2-1 އިން މޮޅުވިއިރު، ގއ. މާމެންދޫ އާއި ގއ. ދެއްވަދޫ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ގއ. ކަނޑުހުޅުދޫން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ގްރޫޕް ނިންމާލީ ރޭ ދާންދޫ އަތުން 4-2 އިން މޮޅުވެގެންނެވެ.
އއ. އަތޮޅުގައި ރޭ މަތިވެރިން ވަނީ 1-0 އިން ފެރިދޫ ބަލިކޮށްފަ އެވެ. އެ އަތޮޅުގައި ރޭ ތޮއްޑޫ އާއި ބޮޑުފޮޅުދޫ ކުުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ބ. އަތޮޅުގައި ރޭ ފެހެންދޫން ވަނީ 0-0 އިން އެ އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށްޓާ އެއްވަރުކޮށްފަ އެވެ. ގިނަ ގޯލުތަކެއް ފެނުނު ބ. އަތޮޅު ތުޅާދޫ މެޗުން އެ ޓީމު މޮޅުވީ 9-4 އިންނެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެއްވަދޫން އައިމަން ތައުފީގު ގޯލު ޖަހައިދިން އިރު، މާމެންދޫގެ ގޯލް ޖެހީ އަހުސަން ހަސަން ދީދީ އެވެ. ގެމަނަފުށީގެ އަލީ ޝާޒް ހަބީބު ރޭގެ މެޗުގައި ހެޓްރިކް ހަދައި، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ އަހުމަދު ޔޫމާން އާއި އިބްރާހީމް ޝަހާފް އާދަމް އެވެ. ވިލިނގިލީގެ ގޯލުތައް ކާމިޔާބުކުރީ އައުޝަމް ރަޝާދު އާއި މުހައްމަދު ރިފާއު ހަސަނެވެ.
ނިލަންދޫ އަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ މައުޒޫފް އާދަމް އާއި އަލީ ޝާހިލް މުހައްމަދު އެވެ. ރޭގެ މެޗުގައި ކޮނޑޭގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު އިންޝާއު އަހުމަދު އެވެ. މި މެޗުން މޮޅުވެގެން ކޮނޑޭ އަށް އަނެއް ބުރަށް ދެވެން އޮތް ނަމަވެސް ނަތީޖާ ނުނެރެވުނީ އެވެ.
ގއ. އަތޮޅުގައި އެންމެ ވަރުގަދަކޮށް ފެންނަ ކަނޑުހުޅުދޫ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިިދިނީ އަހުނަފް ޒާހިރު އާއި އިސްމާއިލް އަންވަރު އަދި މުހައްމަދު ހައިޝަމް އަހުމަދު ދެ ގޯލެވެ. ދާންދޫގެ ގޯލުތައް ޖެހީ ޖާވިދު އަލީ އާއި ނައުޝާދު އަބްދުﷲ އެވެ.
އެންމެ ފަހުގެ އއ އަތޮޅު ޗެމްޕިއަން، މަތިވެރިން މުބާރާތުގައި ދެ ވަނަ މޮޅު ހޯޯދިއިރު، ފެރިދޫ ކޮޅަށް ރޭގެ މެޗުގެ މަތިވެރީގެ ހަމައެކަނި ގޯލު ޖަހައިދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ އަލްސަން އެވެ. މަތިވެރި އަށް އަތޮޅުގެ ލީގު ބުރުގައި ބާކީ އެއް މެޗު އޮތްއިރު، އެ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ފައިނަލަށް ދެވޭނެ އެވެ. އެހެން ނޫނަސް އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ވެސް މަތިވެރި އަށް އަތޮޅު ފައިނަލަށް ދެވޭނެ އެވެ.
ތޮއްޑޫ އަށް ރޭގެ މެޗުގައި ބޮޑުފޮޅުދޫ ކޮޅަށް ގޯލެއް ނުޖެހުނުއިރު، އެ ޓީމަށް ވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ.
މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ފެނުނު މެޗަކީ ކެންދޫ އާއި ތުޅާދޫގެ މެޗެވެ. މި މެޗުގައި ތުޅާދޫގެ އިބްރާހިމް ރަފާހުގެ ހަތަރު ގޯލު ޖެހި އެވެ. އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ ޓީމުގެ ކެޕްޓަން އަންސަރު އިބްރާހިމް (އަންކޮ)ގެ އިތުރުން އިފްހާމް ރަޝާދާއި އަރުޝަމް އިސާމްއިލް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލެވެ. ކެންދޫން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި މި މެޗުގައި އެ ޓީމުގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަލީ ޝައިން އެވެ. އަނެއް ލަނޑުތައް ޖެހީ ހުސައިން ޝާފީ އާއި މުހައްމަދު އައްލަމް އެވެ.
މުބާާރާތުގައި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ. މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 102 ޓީމު ވާދަކުރާއިރު، ޖުމްލަ އެކު 242 މެޗު ކުޅޭނެ އެވެ.












