ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންްޖް 2023 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ތ. އޮމަދޫ އާއި އދ. މާމިގިލި އަތޮޅު ސެމީން ފުރުސަތު ހޯދައިފި އެވެ.
އދ. އަތޮޅު ގްރޫޕް ދޭއްގައި ރޭ ކުޅުނު މެޗުން ދަގެނތި އަތުން މާމިގިލި މޮޅުވީ 1-0 އިންނެވެ. އދ. އަތޮޅުގެ ފުރަތަމަ ގްރޫޕްގައި، އެ އަތޮޅު އޮމަދޫ އަތުން ފެންފުށި ވަނީ 3-0 އިން މޮޅުވެ، ފުރަތަމަ މޮޅު ހޯދައިފަ އެވެ.
އަދި ތ. އަތޮޅު ފުރަތަމަ ގްރޫޕްގެ ރޭގެ މެޗުން އޮމަދޫ ވަނީ 3-1 އިން ތ. ގާދިއްފުށި އަތުން މޮޅުވެފަ އެވެ. އެ ގްރޫޕްގެ ރޭ ކުޅުނު އަނެއް މެޗުން ހިރިލަންދޫ އަތުން ވޭމަންޑޫ ވަނީ 2-1 އިން މޮޅުވެފަ އެވެ.
އދ. އަތޮޅު ގްރޫޕް ދޭއްގައި ތިން ޓީމު އޮތްއިރު ދަނގެތި ވަނީ ފުރަތަމަ މެޗުގައި ހަންޏާމީދޫއާ އެއްވަރުވެފަ އެވެ. އެ ގްރޫޕްގެ ދެ ވަނަ މެޗުން މާމިގިލި މޮޅުވުމާ އެކު އެ ޓީމަށް ތިން ޕޮއިންޓް ލިބުމުން އަތޮޅު ސެމީ ޔަގީންވީ އެވެ. ދެން މި ގްރޫޕުން ސެމީ އަށް ދާ އަނެއް ޓީމު ކަނޑައެޅޭނީ ހަންޏާމީދޫ އާއި މާމިގިލި ކުޅޭ މެޗުންނެވެ.
ތ. އަތޮޅުގެ ފުރަތަމަ ގްރޫޕްގައި އޮމަދޫ ވަނީ ކުޅުނު ދެ މެޗުން ހިރިލަންދޫ އާއި ގާދިއްފުށި ބަލިކޮށް، ހަ ޕޮއިންޓް ހަަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތް ވޭމަންޑޫ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ގާދިއްފުށި އޮތީ ޕޮއިންޓެއް ހޯދައިގެންނެވެ. ފުލުގައި އޮތް ހިރިލަންދޫ އަށް ދެ މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕުން ދެން ސެމީގެ ފުރުސަތު އޮތީ ގާދިއްފުށްޓާއި ވޭމަންޑޫ އަށެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ މާމިގިލިން ދަނގެތި ބަލިކުރިއިރު، މެޗުގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ޖެހީ އިބްރާހިމް ރިޒްހާން (ރިޒްކޮ) އެވެ. ދަނގެތި އޭރިއާތެރެއިން ލިބުނު ބޯޅަ ރިޒްކޮ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ މެޗުން މަހިބަދޫ އަތުން ބަލިވި ފެންފުށިން ރޭ ކުޅުން ރަނގަޅުކޮށް އޮމަދޫ އަތުން މޮޅުވިއިރު، ގޯލުތައް ޖެހީ އަސްލަމް އާދަމް، މޫސާ މުހައްމަދު އަދި މުހައްމަދު އާދަމް އެވެ.
ގާދިއްފުށި އަތުން އޮމަދޫ މޮޅުވިއިރު، އޮމަދޫ އަށް ލަނޑުތައް ޖަހައިދިނީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އަހުމަދު ނަޝްވާން އާއި ހަސަން ކިއާން ސިނާންގެ އިތުރުން ހިލޭ ޖެހުމަކުން މުހައްމަދު އަލާއު އެވެ. މެޗުގެ ފަހު ކޮޅުގައި ހިލޭ ޖެހުމަކުން ގާދިއްފުށީގެ ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން ހުސެއިން ޒާހިރު އެވެ.
ވޭމަންޑޫން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ސޮލާހު އަލީ އާއި މާޒިން އަހުމަދުގެ ގޯލުން ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނަ ހާފުގައި އަހުމަދު މުފީދު ވަނީ ހިރިލަންދޫ އަށް ގޯލެއް ޖަހައިދީފަ އެވެ. ނަތީޖާ ހަމަހަމަ ކުރަން ހިރިލަންދޫން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
މުބާރާތުގައި މިރޭ ވެސް އަށް މެޗެއް ކުޅޭނެ އެވެ.
މިރޭގެ މެޗުތަކުގެ ޝެޑިއުލް:
20:00 - ބ. ފެހެންދޫ - ބ. އޭދަފުށި
20:00 - އއ. ފެރިދޫ - އއ. މަތިވެރި
21:00 - ބ. ކެންދޫ - ބ. ތުޅާދޫ
21:00 - އއ. ތޮއްޑޫ - އއ. ބޮޑުފޮޅުދޫ
22:00 - ގއ. ގެމަނަފުށި - ގއ. ވިލިނގިލި
22:00 - ގއ. މާމެންދޫ - ގއ. ދެއްވާދޫ
23:00 - ގއ. ނިލަންދޫ - ގއ. ކޮނޑޭ
23:00 - ގއ. ކަނޑުހުޅުދޫ - ގއ. ދާންދޫ












