މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ކުޅުނު މެޗުތަކަށް ފަހު ހދ. އަތޮޅުގެ ސެމީ ފައިނަލުން ނައިވާދޫ އާއި ނޭކުރެންދޫ އަދި ނެއްލައިދޫން ފުރުސަތު ހޯދައިފި އެވެ.
ހދގެ ގްރޫޕް އެކެއްގައި ރޭ ނައިވާދޫން ވަނީ ހިރިމަރަދޫ އަތުން 11-0 އިން މޮޅުވެފަ އެވެ. އެ ގްރޫޕްގައި ރޭ ނޮޅިވަރަންފަރު އަތުން ނޭކުރެންދޫ މޮޅުވީ 2-0 އިންނެވެ. ހދ. އަތޮޅުގެ ގްރޫޕް ދޭއްގައި ވައިކަރަދޫ އަތުން ކުމުންދޫ 3-1 އިން މޮޅުވިއިރު، އެ ގްރޫޕްގެ އަނެއް މެޗުން ނެއްލައިދޫން ވަނީ ފިނޭ އަތުން 3-1 އިން މޮޅުވެފަ އެވެ.
ގްރޫޕް އެކަކުން ސެމީގެ ދެ ޖާގަ ވެސް މި ވަނީ ޔަގީންވެފަ އެވެ. އެއީ ނައިވާދޫ އާއި ނޭކުރެންދޫ ފުރަތަމަ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާތީ އެވެ. ދެން މި ގްރޫޕްގައި އޮތީ މި ދެ ޓީމުން މި މަހު 15 ވަނަ ދުވަހު، އެއް ވަނަ މަގާމަށް ވާދަކުރާ މެޗެވެ.
ހދ. ގެ ގްރޫޕް ދޭއްގައި ފަސް ޓީމު ވާދަކުރާއިރު، ފަހު ދެ މެޗަށް ދާއިރު އެއް ވަަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު ނެއްލައިދޫ އެވެ. އެ ޓީމަށް ގްރޫޕްގެ މެޗުތައް ހަމަވިއިރު، ވަނީ ސެމީ ޔަގީންވެފަ އެވެ. ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ކުމުންދޫ އެވެ. ދެން، މި ގްރޫޕްގައި އޮތް ފިނޭ އާއި މަކުނުދޫ އަދި ވައިކަރަދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގެ ފަހު މެޗުތަކުގައި ކުމުންދޫ އިން މަކުނުދޫއާ ކުޅޭއިރު، ވައިކަރަދޫ ކުޅޭނީ ފިނޭއާ އެވެ. ސެމީގެ ޖާގަ ހޯދަން ކުމުންދޫ އަށް ބޭނުންވަނީ ޕޮއިންޓެކެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ހިރިމަރަދޫ ކޮޅަށް ނައިވާދޫގެ ގޯލުތައް ޖެހީ ޓީމުގެ ކެޕްޓަން، ޔާމީން މުހައްމަދު (ޔާންޓެ) ހެޓްރިކަކާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހުމަދު ހަމީދު (އައްމަޑޭ) ކޮންމެ ކުުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، ހުސެއިން މައިޝާން، މިދުހަތު ފާއިޒް، ހުސެއިން ސަމީރު އަދި މުހައްމަދު އަސްލަމް އެވެ.
ނޮޅިވަރަންފަރު ކޮޅަށް ނޭކުރެންދޫގެ ގޯލުތައް ޖެހީ ޝިފާޒް އާދިލް (ތުއްތު) އާއި މުހައްމަދު ވިލްފް އެވެ. މި މެޗުގައި ނޮޅިވަރަންފަރުގެ ރިޔާޒް އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު، އެ ޓީމުގެ އިބްރާހިމް ވަަހީދު ހަސަން (އިއްބެ) އަތުން ޕެނަލްޓީއެއް ބޭކާރުވި އެވެ.
ކުމުންދޫން ވައިކަރަދޫ ބަލިކުރިއިރު، ކުމުންދޫން ލަނޑުތައް ޖެހީ ފަހުމާން އަބްދުލް ހަމީދު ދެ ގޯލާއި މުޝްރިފު މުހައްމަދު އެވެ. ވައިކަރަދޫގެ ހަމައެކަނި ގޯލު ޖެހީ އަލީ އަބްދުﷲ އެވެ. ނެއްލައިދޫން ފިނޭ ބަލިކުރިއިރު، ނެއްލައިދޫގެ ގޯލުތައް ޖެހީ މުހައްމަދު ޝާވިން، އަލީ ހަސަން އަދި މުހައްމަދު ވިސާމް އެވެ. ފިނޭގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު މާޖިދު އެވެ.
މުބާރާތުގައި މިރޭ ހުރި މެޗުތައް:
20:00 - ތ. ވޭމަންޑޫ - ތ. ހިރިލަންދޫ
20:00 - ގދ. މަޑަވެލި - ގދ. ހޯޑެއްދޫ
21:00 - ތ. ގާދިއްފުށި - ތ. އޮމަދޫ
21:00 - ގދ. ގައްދޫ - ގދ. ތިނަދޫ
22:00 - ލ. އިސްދޫ - ލ. މާބައިދޫ
22:00 - ލ. ގަން - ލ. ކަލައިދޫ
23:00 - އދ. ފެންފުށި - އދ. އޮމަދޫ
23:00 - އދ. ދަނގެތި - އދ. މާމިިގިލި












