ގަވަމެންޓު ސަމިޓުގައި ބައިވެރިވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ޔޫއޭއީއަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ސަމިޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި ކަމަށެވެ.
މިއަހަރުގެ ސަމިޓު ކުރިޔަށް ގެންދާނީ މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަގުބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު ހަ ތީމެއް ކަނޑައަޅައިގެންނެވެ.
މި ސަމިޓުގެ ފިއުޗާ އޮފް ވާކް ފޯރަމްގައި ފައިސަލް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި ދިވެހިރާއްޖެ އާއި ޔޫއޭއީއާ ދެމެދު މިދިޔަ އަހަރު ސޮއިކުރެވުނު "މޯލްޑިވްސް ލީޑަޝިޕް ޕްރޮގްރާމް" އިފްތިތާހުކުރުމުގައި މި ދަތުރުފުޅުގެ ތެރެއިން ބައިވެރިވެވަޑައިގަންނާނެ އެވެ.

ގަވަމެންޓު ސަމިޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުންނާއި، ބައިނަލްއަގުވާމީ މާހިރުންނާއި، ނިންމުންތައް ނިންމާ ފަރާތްތައް އެއްތަނަކަށް އެއްވެ، ހިޔާލުބަދަލުކޮށް، މުސްތަގުބަލަށް މުހިންމުވާނެ ތަރައްގީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ހިޔާލާއި މަޝްވަރާތައް ކުރިޔަށްގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ނައިބު ރައީސް ފައިސަލްގެ މި ދަތުރު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.














