ރާއްޖޭގެ 102 ރަށަކުން ޓީމުތައް ބައިވެރިވާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023" މި އަހަރުގެ މުބާރާތުގައި އިއްޔެގެ މެޗުތަކުން ފެށިގެން، މުބާރާތް އިންތިޒާމްކުރާ ފަރާތް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އަންނަނީ ތުރުކީ އާއި ސީރިއާ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން ދައްކުވައިދިނުމުގެ ގޮތުން ހާއްސަ މެސެޖެއް ދިނުމަށް ހަރަކާތެއް ހިންގަމުންނެވެ.
މި މަހު، ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމުގެ ސަބަބުން ދެ ގައުމުގެ ގިނަ މުސްލިމު ބިކަހާލުގައި ޖެހިފައިވާއިރު، މަރުވި މީހުންގެ އަދަދު 25،000 އަށް ވުރެ އިތުރެވެ. މި އުނދަގޫ ވަގުތުގައި އެ ދެ ގައުމުގެ މީހުންނާ އެކު، ތިބިކަން ދައްކުވައިދޭން ދުނިޔޭގެ އެކި ގައުމުތަކުގެ މުސްލިމުން އަންނަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ.
އެ ގޮތުން، ރާއްޖޭގައި މި ވަގުތު އެންމެ ފުޅާކޮށް ހިންގާ ކުޅިވަރު ހަރަކާތަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް އިން ވެސް މި ވަނީ އިސްނަަގައި، ތުރުކީ އާއި ސީރިއާ އަށް ހާއްސަ ހަރަކާތެއް ފަށައިފަ އެވެ. އެއީ މުބާރާތުގެ އަލީގައި ދިވެހިންގެ ފަރާތުން ދެވެން އޮތް މެސެޖެއް ދޭށެވެ. އެ ނޫނަސް މި ފަދަ ކަންކަމަށް ދެވެން އޮޔތް އެއްބާރުލުމެއް ދޭން ގޯލްްޑަން ފުޓްސަލް އެސޯސިއޭޝަނުން އޮތީ ތައްޔާރަށެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް، މޫސާ ރިލްވާން، "އަދަދު" އަށް ވިދާޅުވީ ހަގީގަތުގައި މީގެ ބޭނުމަކީ މި ފަދަ އުނދަގޫ ވަގުތުގައި އެއްބައިވަންތަ ކަމުގެ މުހިންމުކަން އަންގައިދިނުމުގެ ބޭނުން ކަމަށެވެ.
"ހަގީގަތުގައި ކޮންމެ މެޗެެއް ފެށުމުގެ ކުރިން މި ނަގާ ފޮޓޯގަނޑުން މި ދޭން ބޭނުންވާ ހާއްސަ މެސެޖަކީ ކޮންމެ ގޮތަކުން ވިޔަސް އަަހަރެމެންގެ މުސްލިމުންގެ މެދުގައި މި އޮންނަ އެއްބައިވަންތަކަމުގެ ރީތި ސިފަ އާލާކުރުން. މި މެސެޖަކީ ތުރުކީ އާއި ސީރިއާ ރައްޔިތުންނާ އެކު ދިވެހީން ތިބިކަން ދައްކުވައިދޭ މެސެޖެއްގެ ގޮތުގައި، އެންމެންނަށް ފެންނަ ޕްލެޓްފޯމެއްގައި (ފޭސްބުކްގައި) މި ދޫކޮށްލަނީ،" ރިލްވާން ވިދާޅުވި އެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާ ގިނަ ބަޔަކު ސަމާލުކަން ދޭ ބޮޑު މުބާރާތެއްގައި ދޭ މެސެޖަކާ އެކު ތުރުކީ އާއި ސީރިއާ އަށް އެކި ގޮތްގޮތުން އެހީވާން ބޭނުން މީހުންނަށް އެ ފުރުސަތު ވެސް އޮތްކަން އަންގައިދޭން ބޭނުން،"
ރިލްވާން ވިދާޅުވީ މުބާރާތުގެ ތެރެއިން، ތުރުކީ އާއި ސީރިއާ އަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން "ފަންޑް ރައިޒިން" ހަރަކާތެއް ހިންގަން ބޭނުންނަމަ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެކަމުގައި ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.
ދިވެހި އެކިއެކި ފަރާތްތަކުން ތުރުކީ އާއި ސީރިއާ އަށް އެހީވާން ކުރާ މަސައްކަތް ވެސް ރިލްވާން ވަނީ ފާހަގަކުރައްވައިފަ އެެވެ.
މި ވަގުތު ހިނގަމުން އަންނަ ހަރަކާތްތަކަށް ބަލާއިރު، ރާއްޖޭގައި އެންމެ ގިނަ ކުޅުންތެރިން ފެންނަ ފުޓްބޯޅަ ޕްލެޓްފޯމަކީ ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. މި ފަހަރުގެ މުބާރާތުގައި ހުރިހާ ޓީމެއްގައި ހިމެނޭ ޖުމްލަ ކުޅުންތެރިންގެ އަދަދަށް ބަލާނަމަ އެއީ 1400 އަށް ވުރެ އިތުރު އަދަދެކެވެ.
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ހަތް ވަނަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި ވެސް މުޅިން އަލަށް ގިނަ ރަށްތަކެއް ވަނީ ބައިވެރިވެފަ އެވެ. ރާއްޖޭގެ ރަށްތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތަކީ މިއީ އެވެ. ހާއްސަކޮށް، މި މުބާރާތުގައި ބައިވެރިވެވެނީ އެ ރަށެއްގެ ކައުންސިލުން ރުހުންދޭ ޓީމަކަށް ކަމަށް ވާއިރު، ރަސްމީ ސިފައެއްގައި ވެސް ގިނަ މުއައްސަސާތަކުން އަހައްމިއްޔަތުކަން ދޭ މުބާރާތަކަށް މި މުބާރާތް ވަނީ ވެފަ އެވެ.












