މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި އިއްޔެ އާއި ރޭ ކުޅުނު މެޗުތަކަށް ފަހު ގއ. އަތޮޅު ކަނޑުހުޅުދޫ އާއި ދެއްވަދޫ އެ އަތޮޅު ސެމީން ފުރުސަތު ހޯދިއިރު، ށ. އަތޮޅުގެ ސެމީ ފައިނަލަށް ކަނޑިތީމު ދަތުރުކޮށްފި އެވެ.
ގއ. ގްރޫޕް ދޭއްގައި ކަނޑުހުޅުދޫން ވަނީ 5-1 އިން ގއ. ނިލަންދޫ ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން ރޭ ދާންދޫ އާއި ކޮނޑޭ އެއްވަރުވީ 2-2 އިންނެވެ. ގއ. ދެއްވަދޫން ވަނީ އެ އަތޮޅު ގްރޫޕް އެކެެއްގައި ގއ. ވިލިނގިލި އަތުން 2-0 އިން މޮޅުވެފަ އެވެ. އެ ގްރޫޕް އަނެއް މެޗުން ގއ. މާމެންދޫ އާއި ގެމަނަފުށި ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ފުރަތަމަ ދެ މެޗުން މޮޅުވެފައިވާތީ ދެއްވަދޫ އާއި ކަނޑުހުޅުދޫ އަށް ވަނީ ސެމީ ޔަގީންވެފަ އެވެ.

ރޭ ކުޅުނު ރ. އަތޮޅުގެ މެޗުން އިނގުރައިދޫ ކެޕްޓަން އަލީ ހާފިޒް (މ) މީދޫ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ށ. އަތޮޅުގެ ގްރޫޕް އެކެއްގައި ކަނޑިތީމު ކުޅުނު ދެ ވަނަ މެޗުން މަރޮށި ބަލިކުރީ 6-2 އިންނެވެ. އެ ގްރޫޕްގެ އަނެއް މެޗުން ބިލެތްފަހިން ވަނީ 4-2 އިން މިލަންދޫ ބަލިކޮށްފަ އެވެ. އއ. އަތޮޅުގައި ކުޅުނު މެޗުތަކުން ބޮޑުފޮޅުދޫ އާއި މަތިވެރީގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި ރަސްދޫ އާއި ތޮއްޑޫގެ މެޗު ނިމުނީ 2-2 އިންނެވެ.
ރޭ، އދ. މަހިބަދޫން ވަނީ 4-0 އިން އދ. ފެންފުށި ބަލިކޮށްފަ އެވެ. އދ.ގެ އަނެއް ގްރޫޕްގައި ހަންޏާމީދޫ އާއި ދަނގެތި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރ. އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، އަލިފުށިން ވަނީ 5-1 އިން އިންނަމާދޫ ބަލިކޮށްފަ އެވެ. އެ އަތޮޅު، އިނގުރައިދޫ ރޭ ކުޅުނު މެޗު ނިމުނީ މީދޫ އަތުން 7-1 އިން މޮޅުވެގެންނެވެ.
ގއ. ގެ މެޗުތައް ފެނުނީ ފޯރިގަދަކޮށް
ގއ. ގްރޫޕް ދޭއްގައި ނިލަންދޫ ކޮޅަށް ކަނޑުހުޅުދޫގެ ގޯލުތައް ޖެހީ މުހައްމަދު ޒައިން ނިޔާޒް އާއި އަލީ އަޒްވާން އަބްދުލް އަޒީޒް ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އަހުމަދު ޒާހިރު ގޯލެކެވެ. ނިލަންދޫގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ޔަމާން އަޝްރަފް އެެވެ. ދާންދޫން ރޭގެ މެޗުގައި އަހުމަދު ހަސަން (އައްމަޑޭ) ހަނި އޭންގަލުން ޖެހި ގޯލުން ލީޑުނެގިއިރު، ދެ ވަނަ ހާފުގައި ކޮނޑޭގެ މުހައްމަދު އިންޝާއު އަހުމަދު އޭރިއާބޭރުން ދެ ގޯލު ޖަހައި، އެ ޓީމަށް ލީޑުނަގައިދިނެވެ. އެކަމަކު، ދާންދޫން ވަނީ ފަހު ވަގުތު ޖާވިދު އަލީ ޖެހި ގޯލުން އެއްވަރުކޮށްފަ އެެވެ.
ދެއްވަދޫން ރޭގެ މެޗުގައި ވިލިނގިލި ބަލިކުރިއިރު، ލަނޑުތައް ޖެހީ ހަސަން އަޝްފާގު މުހައްމަދު އާއި އަހުމަދު ރާހިލް ރަޝީދު އެވެ. ގެމަނަފުށިން ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އަލީ ޝާޒް ހަބީބު ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަަމަކު، ދެ ވަނަ ހާފުގައި މާމެންދޫން ވަނީ ހިލޭ ޖެހުމެއްގައި ކުރި އެޓޭކަކުން، އަހުސަން ހަަސަން ދީދީގެ ގޯލުން އެއްވަރުކޮށްފަ އެވެ.
ށ. އަތޮޅު ޗެމްޕިއަން ކަނޑިތީމަށް ދެ ވަނަ މޮޅު
ށ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމުން މި ވަނީ މި ފަހަރުގެ މުބާރާތް ވެސް ވަރުގަދަކޮށް ފަށައިފަ އެެވެ. އިއްޔެ ހަވީރު އެ ޓީމުން މަރޮށި ބަލިކުރިއިރު، ލަނޑުތައް ޖެހީ އިބްރާހިމް ނަދާދު (ކުޑައްޓޭ) ދެ ގޯލާއި އަހުމަދު ނިމާލް، އަހުމަދު ރިޒާން، މުހައްމަދު ޝާން އަދި ރައުލް ނިޔާޒް ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. މަރޮށި ޓީމުގެ ގޯލުތައް ޖެހީ ޝަހުދާން ނަސީމް އާއި އަބްދުލް ރަހުމާން ސާމީ އެވެ.
އެ އަތޮޅު އަނެއް މެޗުގައި މިލަންދޫ ކޮޅަށް ބިލެތްފަހީގެ އަބްދުﷲ ހަމީދު ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑު ޖެހީ މުހައްމަދު އަމީން އެވެ. މިލަންދޫގެ ލަނޑުތައް ޖެހީ މުހައްމަދު ނާއިލް އާއި އަލީ ޖުނައިދު އެވެ.
އއ. އަތޮޅުގައި އިއްޔެ ކުޅުނު މެޗުން މަތިވެރިން ބޮޑުފޮޅުދޫ ކޮޅަށް މަތިވެރީގެ ގޯލު ޖެހީ އަލީ އަލްސަން އެވެ. ބޮޑުފޮޅުދޫ އެއްވަރުކުރީ އަލީ ޝަނީޒްގެ ގޯލުންނެވެ. ރަސްދޫން ތޮއްޑޫއާ އެއްވަރުކުރިއިރު، ގޯލުތައް ޖެހީ އަލީ ރިސްވާން އަހުމަދު އާއި ހުސެއިން ޝަރީފް އެވެ. ތޮއްޑޫގެ ގޯލުތައް ޖެހީ އިބްރާހިމް އުޝާމަތު އާއި އަލީ މަނާލް މުސްތަފާ އެވެ.

އަލިފުށި ޓީމުގެ މަންސޫރު (ކ) އާއި ފާރިހު ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މަހިބަދޫ އާއި އަލިފުށި ފެށީ މޮޅަކުން
މަހިބަދޫން ވަނީ ރޭ ކުޅުނު މެޗުން ފެންފުށި އަތުން ފަސޭހަ މޮޅެއް ހޯދައިފަ އެވެ. މި މެޗުގައި މަހިބަދޫގެ ގޯލުތައް ޖެހީ އަހުމަދު ޒިފާން އިބްރާހިމް، ޝުއައިދު ސައީދު، އިބްރާހިމް ޝާތިރު އަދި ބަަދަލަކަށް ކުޅެން އެރި މުހައްމަދު ލީވާން ނަދީމް އެވެ. އދ. ގެ އަނެއް ގްރޫޕް މެޗުން ހަންޏާމީދޫން މުހައްމަދު ޖައިލަމް (އޮގީ)ގެ ގޯލުން ލީޑުނަގާފައިވަނިކޮށް ދަނގެއްޗަށް އެއްވަރުކޮށްދިނީ ނަޒާހު ހަސަން އެވެ.
އަލިފުށިން ވަނީ ފަހަތުން އަރައި އިންނަމާދޫ ބަލިކޮށްފަ އެވެ. އިންނަމާދޫން މެޗުގައި ލީޑުނެގީ މުހައްމަދު ފައިޒާން ޖެހި ގޯލުންނެވެ. އަލިފުށިން މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ އަބްދުﷲ ފާރިހު ދެ ގޯލާއި އާދަމް މަންސޫރު އާއި އަހުމަދު ހުސާމް އަދި އަހުމަދު ވިޖުދާން (ވިޖުއްކޮ) ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.
އިނގުރައިދޫން ރޭ ފަސޭހައިން މީދޫ ބަލިކުރިއިރު، ގޯލުތައް ޖެހީ އަހުމަދު އައިހަމް ހެޓްރިކަކާއި މުހައްމަދު ޖުމާން ދެ ގޯލާއި މުހައްމަދު މަމްދޫހު އަދި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ގޯލެކެވެ. މީދޫގެ ހަމައެކަނި ގޯލު ޖެހީ ރަޝާދު އަބްދުލް މަތީން އެވެ.

މަހިބަދޫ ޓީމުގެ ޒިފާން (ކ) ރޭ ފެންފުށި ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މުބާާރާތުގައި މިރޭ ވެސް އަށް މެޗެއް ކުޅޭނެ އެވެ. މިރޭ އޮތީ ހދގެ ހަތަރު މެޗާއި ހއ.ގެ ކުއާޓާ ފައިނަލް މެޗުތަކެވެ.
މިރޭގެ މެޗު ޝެޑިއުލް:
20:00 - ހދ. ނާވައިދޫ - ހދ. ހިރިމަރަދޫ
20:00 - ހދ. ފިނޭ - ހދ. ނެއްލައިދޫ
21:00 - ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު
21:00 - ހދ. ކުމުންދޫ - ހދ. ވައިކަރަދޫ
22:00 - ހއ. ކެލާ - ހއ. މުރައިދޫ
22:00 - ހއ. ބާރަށް - ހއ. ފިއްލަދޫ
23:00 - ހއ. ވަށަފަރު - ހއ. މާރަންދޫ
23:00 - ހއ. ދިއްދޫ - ހއ. އުތީމު












