ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ކުޅުނު މެޗުތަކުން ގ. ގާފަރާއި ރ. އިނގުރައިދޫ އަށްް ގޯލުގެ ފަރަގަކުން ބޮޑު މޮޅެއް ހޯދައިފި އެވެ.
މި ފަަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ގާފަރުން ރޭގެ މެޗުގައި ވަނީ 8-0 އިން ކ. ތުލުސްދޫ ބަލިކޮށްފަ އެވެ. ކ. އަތޮޅުގެ އަނެއް މެޗުން، ދިއްފުށިން ވަނީ 4-1 އިން ގުރައިދޫ ބަލިކޮށްފަ އެވެ.
އަލީ ހާފިޒް (ހާއްޕެ)ގެ ކެޕްޓަންކަމުގައި ކުޅޭ އިނގުރައިދޫ 8-0 އިން ރ. އިންނަމާދޫ އަތުން މޮޅުވެފަ އެވެ. މިއީ މިހާތަނަށް މި މުބާރާތުގެ އެންމެ ފަރަގު ބޮޑު ދެ ނަތީޖާ އެވެ.
ރޭ ތ. އަތޮޅުގެ ފުރަތަމަ ގްރޫޕްގައި ގާދިއްފުށްޓާއި ވޭމަންޑޫ ކުޅުނު މެޗު ވަނީ 3-3 އިން އެއްވަރުވެފަ އެވެ. އަނެއް މެޗުން އޮމަދޫ ވަނީ 5-0 އިން ހިރިލަންދޫ ބަލިކޮށްފަ އެވެ. ށ. އަތޮޅުގައި ރޭ ކުޅުނު މެޗުން ފީވަށް ވަނީ 3-1 އިން ޅައިމަގު ބަލިކޮށްފަ އެވެ. އއ. އަތޮޅުގެ ދެ މެޗަށް ބަލާއިރުު، ފެރިދޫ އާއި ރަސްދޫގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މަތިވެރިން ވަނީ 4-1 އިން ތޮއްޑޫ ބަލިކޮށްފަ އެވެ.

ތުލުސްދޫ ކުޅުންތެރިއަކު ކައިރިން ގާފަރު ޓީމުގެ ރިމޭ (ވ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ގާފަރުން ތުލުސްދޫ ކައިރީގައި މޮޅު ކުޅުމެއް ދައްކައި ފުރަތަމަ މިނިޓުން ފެށިގެން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދަމުން ދިޔަ އެވެ. މި މެޗުގައި ގާފަރުގެ ގޯލުތައް ޖެހީ އިބްރާހިމް ރިމާހު (ރިމޭ) އާއި އަލީ މާއިސް (މައްޓު) ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ޓީމުގެ ކެޕްޓަން ސާމިން މުހައްމަދު ނަސީރު، އައްޒާމް ނިޔާޒް، އަޒްޔާން އިބްރާހިމް އަދި ސަނީމް ސާމިލް ގޯލެކެވެ.
ދިއްފުށިން ގުރައިދޫ ބަލިކުރިއިރު، ގޯލުތައް ކާމިޔާބުކުރީ އަހުމަދު މާޒިން ދެ ގޯލާއި ރިލްވާން ރަޝީދު އަދި ހަސަން ސާހިލް އެވެ. ގުރައިދޫގެ ގޯލު ޖެހީ މުހައްމަދު އެވެ.
އިނގުރައިދޫ ޓީމުން ރޭ އިންނަމާދޫ ބަލިިކުރީ މެޗުގެ ތެރެއަށް ވަންނަން ފުރުސަތެއް ނުދީ އެވެ. އިނގުރައިދޫ ޓީމަށް ރޭގެ މެޗުގައި ލަނޑުުތައް ޖަހައިދިނީ އަހުމަދު އައިހަމް (އައިހު) ހެޓްރިކަކާއި ހާއްޕެ އާއި މުހައްމަދު މަމްދޫހު ދެ ގޯލުގެ އިތުރުން މުހައްމަދު ޖުމާން ގޯލެކެވެ.
ތ. އަތޮޅުގައި ރޭ ގާދިއްފުށްޓާއި ވޭމަންޑޫގެ ކުރިމަތިލުން ފޯރިގަދަކޮށް ދިޔައިރު، ވޭމަންޑޫގެ ގޯލުތައް ޖެހީ ހަމްދޫން އަހުމަދު ދެ ގޯލާއި މާޒިން އަހުމަދު ގޯލެކެވެ. މި މެޗުގައި ވޭމަންޑޫގެ އައިހަމް ސައީދު އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ގާދިފުއްޓަށް މި މެޗުގައި ގޯލުތައް ޖަހައިދިނީ އަހުމަދު އުނައިސް، މުހައްމަދު އައިހަމް އަދި ޓީމުގެ ކެޕްޓަން ހުސެއިން ޒާހިރު އެވެ. އޮމަދޫން ފަސޭހައިން ހިރިލަންދޫ ބަލިކުރިއިރު، ލަނޑުތައް ޖެހީ އަހުމަދު ނަޝްވާން ދެ ގޯލާއި މުހައްމަދު ލީވާން ހަސަން، ސަހްލާން ބިން މުހައްމަދު އިދުރީސް އަދި އިސްމާއިލް މިމްރާހު މުއީން އެވެ.
ރޭ ކުޅުނު އއ އަތޮޅުގެ އެއް މެޗުގައި ފެރިދޫގެ ހުސެއިން ހިޝާމް އަބްދުﷲ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، މެޗުގެ ފަހު ކޮޅުގައި ރަސްދޫ އަށް އެއްވަރުކޮށްދިނީ އަލީ ރިސްވާން އަހުމަދު އެވެ. އެ އަތޮޅު އަނެއް މެޗުން، މަތިވެރިން ގޯލުތައް ޖެހީ މުހައްމަދު އިމްރާން، އިސްމާއިލް ނަސީމް (ބޯވަ)، އަހުމަދު ފިރާޝް އަދި އަލީ އަލްސަން އެވެ. މަތިވެރި ކޮޅަށް ތޮއްޑޫގެ ހަމައެކަނި ގޯލު ޖެހީ އިބްރާހިމް ޝިޔާޒް އެވެ.
ށ އަތޮޅުގެ ދެ ވަނަ ގްރޫޕްގައި ފީވަށް ކުޅުުނު ފުރަތަމަ މެޗުން ފޯކައިދޫ އަތުން ބަލިވި ނަމަވެސް ރޭ ކުޅުނު މެޗުން ވަނީ ޅައިމަގު އަތުން 3-1 އިން މޮޅުވެފަ އެވެ. ފީވަކުގެ ގޯލުތައް ޖެހީ އަބްދުﷲ އަމާން، އަބްދުﷲ ރިމާހު އަދި ހުސެއިން ޝާމިހު އެވެ. ޅައިމަގުގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ފަސީލް އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ.
މިރޭގެ މެޗުތައް:
8:00
ލ. ގަން - ލ. މާމެންދޫ
ގދ. ގައްދޫ - ގދ. ވާދޫ
9:00
ލ. ކަލައިދޫ - ލ. މާބައިދޫ
ގދ. ތިނަދޫ - ގދ. ހޯޑެއްދޫ
10:00
ހދ. ނޮޅިވަރަންފަރު - ހދ. ނާވައިދޫ
ހދ. ނެއްލައިދޫ - ހދ. ކުމުންދޫ
11:00
ހދ. ހިރިމަރަދޫ - ހދ. ނޭކުރެންދޫ
ހދ. މަކުުނުދޫ - ހދ. ވައިކަރަދޫ












