ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ކުޅުނު މެޗުތަކުން ހއ. ހޯރަފުށްޓާއި ހއ. އުތީމު 2-2 އިން އެއްވަރުވިއިރު، ހއ. ވަށަފަރާއި ހއ. ދިއްދޫ ކުޅުނު މެޗުތަކުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ރޭ ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި އަހަރުގެ މުބާރާތުގެ ޖުމްލަ އަށް މެޗެއް ކުޅެވިފަ އެވެ.
އެ ގޮތުން ރޭގެ ނަތީޖާ ތަކަށް ބަލާއިރު، ހއގެ ގްރޫޕް އެކެއްގައި ކެލާ އިން ވަނީ 2-0 އިން މާރަންދޫ ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން ތުރާކުނު އަތުން ބާރަށް ވަނީ 4-1 އިން މޮޅުވެފަ އެވެ. ހއ. ގެ ގްރޫޕް ދޭއްގައި އުތީމާއި ހޯރަފުށި އެއްވަރުވިއިރު، އެ ގްރޫޕްގެ އަނެއް މެޗުން ވަށަފަރު ވަނީ 4-0 އިން އިހަވަންދޫ ބަލިކޮށްފަ އެވެ. ހއ.ގެ ތިން ވަނަ ގްރޫޕްގައި ތަކަންދޫ އަތުން ދިއްދޫ މޮޅުވީ 5-0 އިންނެވެ. އެ ގްރޫޕްގައި މުރައިދޫ އަތުން ފިއްލަދޫ މޮޅުވީ 4-1 އިންނެވެ. ރޭ ކުޅުނު ހދ.ގެ ގްރޫޕް ދޭއްގެ ދެ މެޗުން، ފިނޭ އަތުން ކުމުންދޫ 1-0 އިން މޮޅުވިއިރު، މަކުނުދޫ އަތުން ނެއްލައިދޫ މޮޅުވީ 3-1 އިންނެވެ.
ކެލާ އިން މާރަންދޫ ބަލިކުރި މެޗުގައި ގޯލުތައް ޖެހީ އަހުމަދު ޝަފަގް އާއި އަހުމަދު ވަހީދު އެވެ. ތުރާކުނު ކޮޅަށް ބާރަށުގެ ގޯލުތައް ކާމިޔާބުކުރީ އަހުމަދު ޝަޒީމް، ހުސެއިން ސިނާން އަދި އަބްދުﷲ މިސްބާހު އެވެ. ތުރާކުނުގެ ހަމައެކަނި ގޯލު ޖެހީ ހުސެއިން އާޒިމް އެވެ. ތުރާކުނުގެ މުހައްމަދު ސަމީހު އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ.
އުތީމު ކޮޅަށް ރޭ ހޯރަފުށްޓަށް ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން އަބްދުﷲ ޔާމީން (ޔާނު) އެވެ. އެކަމަކު، ފުރަތަމަ ހާފުގައި އުތީމުން ވަނީ އޭރިއާތެރެއިން އަހުމަދު އައިހަމް އަށް ލިބުނު ފުރުސަތުން ގޯލެއް ޖަހައި އެއްވރުކޮށްފަ އެވެ. ފޯރިގަަދަކޮށް ފެނިގެންދިޔަ މި މެޗުގެ ދެ ވަނަ ހާފުގައި ވެސް ލީޑުނެގީ ހޯރަފުށިންނެވެ. ބަދަލަކަށް ކުޅެން އަރައި، ހޯރަފުށީގެ މުހައްމަދު ރިޝާން މި ގޯލު ޖެހީ އުތީމުގެ ކެޕްޓަން، މުހައްމަދު ރިފާއު ކައިރިން ގޮހެވެ. އުތީމަށް އެއްވަރުކޮށްދިނީ ބަދަލަކަށް ކުޅެން އެރި، އަލީ އިލްހާމް އެވެ. އޭނާ ވަނީ ލިބުނު ފުރުސަތުގައި ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ވަށަފަރުން ފަސޭހަކަމާ އެކު އިހަވަންދޫ ބަލިކުރިއިރު ގޯލުތައް ޖެހީ އަބްދުﷲ ސިނާން އާއި ސާޖިދު ރަޝީދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ.

ރޭގެ މެޗުގެ ތެރެއިން ވަށަފަރު ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ތަކަންދޫގެ މައްޗަށް ދިއްދޫ އިން ބޮޑު މޮޅެއް ހޯދިއިރު، ގޯލުތައް ޖެހީ ހައިޝަމް ރަޝީދު (ހައި)، އަހުޒަމް ރަޝީދު، ފަތުހުﷲ ޖަމީލް، އިމާދު ސަލީމް އަދި އަހުމަދު މުނައްވަރު އެވެ. އެ ގްރޫޕްގެ އަނެއް މެޗުގައި ފިއްލަދޫ އިން ވަނީ މުރައިދޫ އަތުން މޮޅުވެފަ އެވެ. ފިއްލަދޫގެ މުހައްމަދު ހުސާމް ދެ ގޯލު ޖެހިއިރު، އަބްދުﷲ އިހުވާން އާއި އާދަމް އަބްދުލް ރަހީމް ވަނީ ގޯލު ޖަހައިފަ އެވެ. މުރައިދޫގެ ގޯލު ޖެހީ އިޔާން އަހުމަދު ރަޝީދު އެވެ.
ހދ. ގެ ދެ މެޗަށް ބަލާއިރު، ފިނޭ ކޮޅަށް ކުމުންދޫގެ ހަމައެކަނި ގޯލު ޖެހީ ޝިނާން އިބްރާހިމް އެވެ. މަކުނުދޫ ކޮޅަށް ނެއްލައިދޫގެ ގޯލުތައް މުހައްމަދު ސާވިން، އަހުމަދު ޒިމާމް އަދި މުހައްމަދު ވިސާމް އެވެ. މަކުނުދޫގެ ހަމައެކަނި ގޯލު ޖެހީ ކެޕްޓަން، ނުހާދު ފައުޒީ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ވެސް އަށް މެޗެއް ކުޅެވޭނެ އެވެ. އެ ގޮތުން 8 ޖަހާއިރު ފަށާ ދެ މެޗަކީ ގއ. ގެމަނަފުށްޓާއި ގއ. ދެއްވަދޫގެ މެޗާއި ގއ. ކޮނޑޭ އާއި ގއ. ކަނޑުހުޅުދޫގެ މެޗެވެ. އޭގެ ފަހުން، 9 ޖަހާއިރު ފަށާނީ ގއ، ވިލިނގިއްޔާއި ގއ. މާމެންދޫގެ މެޗާއި ގއ. ދާންދޫ އާއި ގއ. ނިލަންދޫގެ މެޗެވެ. ދިހައެއް ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވަނީ ށ، މިލަންދޫ އާއި ށ، މަރޮށީގެ މެޗާއި ށ. ފޯކައިދޫ އާއި ށ.ފީވަކުގެ މެޗެވެ. އަދި މިރޭގެ ފަހު ދެ މެޗު، 11 ޖަހާއިރު ފަށާއިރު، އެ ވަގުތު އޮތީ ށ. ކަނޑިތީމާއި ށ. ބިލެތްފަހިގެ މެޗާއި ރ. މީދޫ އާއި ރ. ދުވާފަރުގެ މެޗެވެ.












