ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023، ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން، ތ. ތިމަރަފުށި 3-0 އިން ބަލިކޮށް، ކ. ގާފަރުން ޝީލްޑް އުފުލާލައިފި އެވެ.
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖް އިން މުޅިން އަލަށް ފެށި ކޮންސެޕްޓްގައި ކުޅުނު ފުރަތަމަ ޗެރިޓީ ޝީލްޑް މެޗެވެ. މީގެ ކުރިން 2016 ވަނަ އަހަރު އައިލެންޑާސް ކަޕްގެ ޗެމްޕިއަނާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން މެދުގައި ޝީލްޑް މެޗެއް ކުޅެގެން ތިމަރަފުށި ވަނީ ކާމިޔާބުކޮށްފަ އެވެ.
އެކަމަކު، ގޯލްޑަން އިން އެންމެ ފަހުގެ ދެ ޗެމްޕިއަނުން މެދުގައި ޗެރިޓީ ޝީލްޑް މެޗެއް ކުޅޭ ގޮތަށް ރޭވި ކޮންސެޕްޓަށް ބަލާއިރު، މިއީ ފުރަތަމަ ޝީލްޑް މެޗެވެ. ތިމަރަފުށްޓަކީ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ކަމަށްވާތީ ގާފަރަށް މި ފަހަރުގެ ޝީލްޑް މެޗުން ފުރުސަތު ދިނީ މިދިޔަ އަހަރުގެ ރަނަރަޕްގެ ހައިސިއްޔަތުންނެވެ.
އަންނަ އަހަރުގެ ޝީލްޑް މެޗުގައި ވެސް ތިމަރަފުށި އެއްކޮޅުން ކުޅޭނެ އެވެ. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ.

މިރޭގެ ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން ގާފަރު ޓީމުގެ މައްޓު (ކ) އަތުން ބޯޅަ ހޯދަން ތިމަރަފުށީގެ ސިނާހު މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށީ މިއުޒިކާ އެކު ކުލަގަދަ އިވެންޓްތަކަކުންނެވެ.
އިވެންޓްތަކުގެ ތެރެއިން މުބާރާތުގެ ލަވަ ލޯންޗްކުރިއިރު، މުބާރާތަށް ޑިޒައިން ކުރި އާ ތަށި ދައްކާލީ އެންމެ ފަހުގެ ޗެމްޕިއަންގެ ކެޕްޓަންގެ ހައިސިއްޔަތުން، ތިމަރަފުށީ ޓީމުގެ ކެޕްޓަން، އިބްރާހިމް ސިނާހު އެވެ.
ފުޓްސަލްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ފެނުނު މިރޭގެ ޝީލްޑް މެޗުގައި ގާފަރުން ފުރަތަމަ ހާފުގައި ލީޑުނެގީ އެ ޓީމުގެ ކެޕްޓަން، ސާމިން މުހައްމަދު ނަސީރު ދިން ބޯޅަ އަކުން އަޒްޔާން އިބްރާހިމް ޖެހި ގޯލުންނެވެ. މިއީ އޭރިއާތެރެއިން ހުސްކޮށް އަރައި، އަޒްޔާން ޖެހި ގޯލެކެވެ. އަޒްޔާން ވަނީ މިދިޔަ އަހަރު ގޯލްޑަން ފައިނަލުގައި ވެސް ތިމަރަފުށި ކޮޅަށް ގޯލު ޖަހައިފަ އެވެ.
ފުރަތަމަ ހާފުގައި ގާފަރުން ފޮނުވާލި ހަމަލާތައް ތިމަރަފުށީ ގޯލު ބެލެހެއްޓި، މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.
އެކަމަކު، ދެ ވަނަ ހާފުގައި ގާފަރު ޓީމުގެ އިބްރާހިމް ރިމާހު (ރިމޭ) އޭރިއާބޭރުން ޖެހި ބާރު ދެ ބޯޅަ ހުއްޓުވޭނެ ގޮތެއް ކީޕަރު ޝަފީއު އަށް ނެތެވެ. ރިމޭ ޖެހި އެއް ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ވަންއިރު، އަނެއް ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.
މި ފަހަރުގެ މުބާރާތަށް ވަގުތު ކުޑަތަންވެފައި އޮއްވައި، ޕްރެކްޓިސް ފެށި ތިމަރަފުށީ ޓީމަށް އެންމެ އެކަށީގެންވާ ގޮތަށް މި މެޗުގައި ނުކުޅެވުނެވެ. ގާފަރުން ވަނީ ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ އިރުޝާދުގެ ދަށުން މި ފަހަރުގެ މުބާރާތަށް ޕްރެކްޓިސް ފަށައިފަ އެވެ.

ޝީލްޑް ޗެމްޕިއަނުންގެ ގޮތުގައި ގާފަރުން ޗެރިޓީ ފައިސާގެ ރަމްޒީ ޗެކް ސްޕެޝިއަލް އޮލިމްޕިކްސްއާ ހަވާލުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ތިމަރަފުށީގެ ކުޅުންތެރިން ފޮނުވާލި ބައެއް ބޯޅަތައް ގާފަރުގެ ކީޕަރު ފައްޔާޒު ފަޔާޒް (ފައިއްޓެ) ވަނީ މަތަކޮށްފަ އެވެ. އެ ގޮތުން ހިލޭ ޖެހުމަކުން، ސިނާ ފޮނުވާލި ބޯޅަ ފައިއްޓެ މަތަކުރިއިރު، އަބްދުﷲ ޒިޔާން އާއި އާދަމް ނާސިހު ޖެހި ޝޮޓްތަކެއް ވަނީ ގޯލާ ސީދާނުވެ ގޮސްފަ އެވެ.
ޝީލްޑް މެޗުން ޗެރިޓީގެ ގޮތުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން މެދުވެރިކޮށް ވަނީ ފައިސާގެ އިނާމް ވެސް ދީފަ އެވެ. ފައިސާގެ އިނާމްގެ ގޮތުގައި 25،000 ރުފިޔާ ވަނީ ސްޕެޝަލް އޮލިމްޕިކްސް އަށް ހަދިޔާކޮށްފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މައި މުބާރާތް މާދަމާ ފަށާއިރު، މި ފަހަރު 102 ޓީމަކުން ބައިވެރިވި އެވެ. އަންނަ މަހުގެ 19 ވަނަ ދުވަަހު ފައިނަލް ކުޅޭ ގޮތަށް މި ވަގުތު ޝެޑިއުލް ކޮށްފައިވާ މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެ އެވެ.
މި ފަހަރުގެ މުބާރާތުގެ ކަންކަން ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ގެންދަން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަންތަކުގެ ތެރޭގައި ރާއްޖޭގެ ފުޓްސަލް ރެފްރީންނަށް ފީފާ އާއި އޭއެފްސީ އެލީޓް ފުޓްސަލް ރެފްރީ އިންސްޓްރަކްޓަރެއް ކަމަށްވާ މެލޭޝިއާގެ ބަދުރުލް ހިސާމްއާ އެކު ރިފްރެޝާސް ކޯހެއް ވަނީ ހިންގައިފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ ވެސް ޕީއާރް ޕާޓްނަރަކީ "އަދަދު" އެވެ.












