ޖުމްލަ 102 ޓީމާ އެކު، މި ފަހަރުގެ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށަން ނިންމާފައިވާއިރު، މުބާރާތް ރަސްމީކޮށް ލޯންޗް ކުރުމުގެ ގޮތުން މިިރޭ އެންމެ ފުރަތަމަ ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަން، ތ. ތިމަރަފުށްޓާއި މިިދިޔަ އަހަރުގެ ރަނަރަޕް ކ. ގާފަރެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ބޭއްވޭ، ފޯރިގަދަ ފުޓްސަލް މުބާރާތް މިރޭ ހުޅުމާލޭ ރެހެންދި ސްޓޭޑިއަމްގައި ފަށާއިރު، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ޗެރިޓީ ޝީލްޑް މެޗެއް މި ތައާރަފްކުރަނީ، މުބާރާތުގެ ތެރެއިން ފޯރިގަދަ ކުރުމުގެ އިތުރު ވިސްނުމަކާ އެކުގަ އެވެ.
ޗެރިޓީ ޝީލްޑް މެޗުގައި އެއްކޮޅުން، ވާދަކުރާ ތިމަރަފުށްޓަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުންވަނީ 2016 އާއި 2019 އަދި 2022 ވަނަ އަހަރު މި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. މުބާރާތް ތިން ފަހަރު ކާމިޔާބު ކުރުމާއި މުބާރާތުގެ ތަށި ދިފާއުކުރި ހަމައެކަނި ޓީމުގެ ޝަރަފް ލިބިފައިވާ ތިމަރަފުށިން މި ފަހަރުގެ މުބާރާތަށް ވެސް ނުކުންނަނީ ކޯޗު އަލީ ފަހުމީ (އައްޔަ)ގެ އިރުޝާދުގެ ދަށުންނެވެ.
ޓީމުގެ ޕްރެކްޓިސް މިދިޔަ ހަފްތާގައި ފެށި ނަމަވެސް ތިމަރަފުށި ޓީމާ މެދު ކޯޗު އައްޔަގެ އިތުބާރު ބޮޑެވެ. މުބާރާތުގައި ތިމަރަފުށިން ހޯދާފައިވާ ކާމިޔާބަށް ބަލާއިރު، އެ ޓީމުން ކޮންމެ ފަހަރަކު ވެސް ނުކުންނަން ޖެހޭނީ ތަށި ހޯދަން، އެ އަށް ޓާގެޓްކޮށްގެން ކަމަށް އައްޔަ ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ގާފަރާއި ތިމަރަފުށި ބައްދަލުކުރިއިރު، ދެ ޓީމު އޮތީ، މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު، 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ތިމަރަފުށި މޮޅުވީ 3-2 އިންނެވެ.
ގާފަރުން ވަނީ، 2015 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ބ. ހިތާދޫ އަތުން ބަލިވެފަ އެވެ. މިހާތަނަށް މި މުބާރާތުގައި ދެ ފައިނަލެއް ކުޅެގެން ނާކާމިޔާބުވި ޓީމުތަކުގެ ތެރޭގައި ގާފަރު ހިމެނެ އެވެ. މި ފަހަރު ގާފަރުން ދުރާލާ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ޕްރެކްޓިސްތައް ފަށައި، ޓީމު ތައްޔާރުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ގައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށް ހުރި އަބްދުﷲ ނަސީރު (އަބޯ) އެވެ.
މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން، ފެނަކަ ޓީމަށް ފުރަތަމަ ފަހަރަށް ހޯދައިދިން އަބޯ، ގާފަރާ ހަވާލުވުމަށް ފަހު ޓާގެޓް ކަނޑައަޅާފައިވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ހޯދުމަށެވެ.
މިރޭ، 20:15 ގައި ކުޅޭ ޗެރިޓީ މެޗަށް ފަހު، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރަސްމީ މުބާރާތް ފެށިގެންދާނީ މާދަމާރެ އިން ފެށިގެންނެވެ. މުބާރާތް ފެށިގެންދާއިރު، ކޮންމެ ރެ އަކު، އަށް މެޗު ކުޅޭނެ އެވެ. އަތޮޅު ބުރުގެ މެޗުތަކަށް ފަހު، ޒޯން ބުރު ކުޅޭނެ އެވެ. އެ އަށް ފަހު، ނޮކައުޓްގެ ފަހު ބުރުތަކުގެ މެޗުތައް ކުޅުމަށް ފަހު، ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ.












