މިލާން (ފެބްރުއަރީ 3) - އޭސީ މިލާނަށް ކުޅެމުން އަންނަ ޕޯޗުގީސް ވިންގް، ރަފައެލް ލެއާއޯގެ ކެރިއަރަށް އެންމެ ރަނގަޅު ނިންމުމަކަށް ވާނީ މި ވަގުތު މިލާނުގައި މަޑުކުރުން ކަމަށް އެ ޓީމަށް ކުރިން ކުޅުނު ބްރެޒިލްގެ ޕްލޭމޭކަރު ކަކާ ބުނެފި އެވެ.
ލެއާއޯ، 23، މިލާނާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އޭނާ ގަންނަން އެކި ކްލަބްތަކުން ޝައުވެރިކަން ފާޅުކޮށްފައިވާއިރު، މިލާނުން އޭނާ ވިއްކާލަން ކިޔާ އަގު އުޅެނީ 100 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލެއާއޯ އަގުބޮޑުކޮށް ވިއްކާލަން ކިޔަސް، މިލާނުން ހަގީގަތުގައި ބޭނުންވަނީ ލެއާއޯގެ ކޮންޓްރެކްޓް އާ ކުރާށެވެ. އެކަމަކު، އެކަމަށް އަދި އޮތީ އެއްބަސްވުމަކަށް ނާދެވި އެވެ.
މިލާނުގެ ތާރީހުގައި ވެސް އެ ޓީމަށް ކުޅުނު ހާއްސަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކަކާ ބުނީ ލެއާއޯ އަކީ އެކަނި ކުޅެގެން ވެސް މެޗެއް ބަދަލުކޮށްލެވޭ ފަދަ "ކޮލިޓީ ހުރި ކުޅުންތެރިއެއް" ކަމަށެވެ. މި ވަގުތު ލެއާއޯ ހުރި ފޯމަށް ބަލާއިރު، ކްލަބް ބަދަލުކޮށް އާ ޗެލެންޖެއް ނެގުމަކީ ބުއްދިވެރި ނިންމުމަކަށް ނުވާނެ ކަމަށް ކަކާ ވަނީ ބުނެފަ އެވެ.
"އަހަރެން (ލެއާއޯ އަށް) ލަފާދޭނަަމަ ބުނާނީ މި ވަގުތު މިލާނުގައި މަޑުކުރާށޭ. މި ވަގުތު ތި ހުރި ހިސާބުން މިލާނާ އެކު ކުރިއަށްދެވޭނެއޭ. ބައެއް ހާލަތްތަކުގައި މިލާން ދޫކޮށްލުމަކީ ރަނގަޅު ނިންމުމެއް ކަމަށް ހީވިޔަސް، ކަން ހިނގަނީ އެ ގޮތަކަށް ނޫން،" މިލާނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އައިސް، 2009 ވަނަ އަހަރު އެ ޓީމު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ކަކާ ބުންޏެވެ.
ލެއާއޯ ގަންނަން މަސައްކަތް ކުރާ ކްލަބްތަކުގެ ތެރޭގައި ރެއާލް މެޑްރިޑާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެ އެވެ.
ޖެނުއަރީ ޓްރާންސްފާގައި ލެއާއޯ، ކްލަބް ބަދަލުކުރަން ކުރި މަސައްކަތުގެ ސަބަބުން އޭނާގެ ފޯމަށް އަސަރުކޮށްފައިވާ ކަމަށް ބުނެ، އިޓަލީ މީޑިއާގައި ވަނީ ވާހަކަ ދެކެވިފަ އެވެ.
ލެއާއޯގެ އޭޖެންޓް، ޓެޑް ޑިމްވުލާ ބުނީ ގަދަހަދައިގެން ނޫނީ ކްލަބަށް ނުފޫޒު ފޯރުވައިގެން ޓީމު ދޫކޮށްލަން ލެއާއޯ މަސައްކަތް ނުކުރާ ކަމަށާއި އޭނާ އަދިވެސް އެދެނީ މިލާނާ އެކު ރަނގަޅު ކޮންޓްރެކްޓެއް ހަދައި، އިތުރަށް އެ ޓީމުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ކަމަށެވެ.












