ކްރިޕްޓޯ ކަރެންސީ ހިމެނޭ ގޮތަށް ބޭނުންކުރެވޭ ޕޭމަންޓް ސިސްޓަމެއް ޓްވިޓާއިން ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ފައިނޭޝަލް ޓައިމްސް ސައިޓްގައި ރިޕޯޓްކޮށްފައިވާ ގޮތުން ޓްވިޓާއިން ދަނީ މިހާރު ރެގިއުލޭޓަރީ ލައިސަންސްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން، އެ ޕްލެޓްފޯމްގައި ބޭނުންކުރާން ޕޭމެންޓް ސޮފްޓްވެއާ ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް، އެ ކުންފުނީގެ ދެ މުވައްޒަފަކާ ހަވާލާދީ އެ ސައިޓުގައި ބުނެފައިވެ އެވެ.
އެގޮތުން، ފުރަތަމަ ފިޔަވަހީގައި މި ސިސްޓަމް މެދުވެރިކޮށް ރަސްމީ ކަރެންސީތަކުގެ މުއާމަލާތްތައް ކުރެވޭނެ އެވެ. އަދ،ި މުސްތަގުބަލުގަ ކްރިޕްޓޯ ކަރެންސީތަކުގެ މުއާމަލާތްތައް ވެސް ކުރެވޭނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓްވިޓާއިން ފައިނޭންޝަލް އިންޑަސްޓްރީއަށް ވަނުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ. އެގޮތުން، މިދިޔަ ނޮވެމްބަރު މަހު އެމެރިކާގެ ޓްރެޝަރީގައި ޕޭޕަމަންޓް ޕްރޮސެސާއެއްގެ ގޮތުގައި ވަނީ ރަޖިސްޓާކޮށްފަ އެވެ.
ޓްވިޓާގެ މިހާރުގެ ސީއީއޯ، މަޝްހޫރު ބިލިއަނާ އީލޯން މަސްކް ވަނީ ފައިސާ ހޯދޭނެ އައު ގޮތްތަކެއް އެ ކުންފުނިން ތަނަވަސް ކުރާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެގޮތުން، ޓްވިޓާ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ އިތުރުން ޑެބިޓް ކާޑް އަދި ސޭވިންގްސް އެކައުންޓް ތައާރަފު ކުރަން ބޭނުންވާ ކަމަށް މަސްކް ވަނީ ބުނެފަ އެވެ.
އަދި، މިކަންކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ ހުރިހާ ރަސްމީ ކަމެއް އަހަރެއްހާ ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށް މަސްކް ވަނީ އަންދާޒާކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތެރޭ އީލޯން މަސްކް ޓްވިޓާ ގަތުމަށް ފަހު އަންނަނީ ބޮޑެތި ބަދަލުތަކެއް ކުންފުނީގެ ހިންގުމަށް ގެންނަމުންނެވެ. މިކަމުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑު ކިޔުންވެސް ވަނީ އޭނާއަށް އަމާޒުވެފަ އެވެ.
މަސްކް ބުނެފައިވާ ގޮތުގައި އޭނާގެ އަމާޒަކީ ޓްވިޓާ އަކީ ހުރިހާ ކަމެއް ކުރެވޭ "އެވްރީތިން އެޕް" އަކަށް ހެދުމުވެ. އެގޮތުން، އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިހާރުވެސް ހިމެނޭ ފީޗާއެއް ކަމަށްވާ ވީޑިއޯ ކޯލިން ވެސް ޓްވިޓާއަށް ވަރަށް އަވަހަށް އަންނާނެ ކަމަށް މަސްކް ބުނެ އެވެ.
މަސްކު ޓްވިޓާ ގަނެފައިވަނީ 44 ބިލިއަން ޑޮލަރަށެވެ. އޭރު އެކުންފުނިން ފައިސާ ހޯދަނީ ހަމައެކަނި އިސްތިހާރު ވިއްކައިގެންނެވެ. އެގޮތުން އިސްތިހާރު ވިއްކައިން އަހަރަކު 5 ބިލިން ޑޮލަރު އޭރު އެ ކުންފުންޏަށް ލިބެއެވެ.








