ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 30) - ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ދާދި ފަހުން، ސައުދީ އަރަބިއްޔާގެ، އަލް ނަސްރަށް ބަދަލުވި ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، ފުޓްބޯޅަ ކެރިއަރު ނިންމާނީ އެ ޓީމުގައި ހުރެ އެއް ނޫން ކަމަށާއި ޔޫރަޕަށް އެނބުރި ދާނެ ކަމަށް އަލް ނަސްރުގެ ކޯޗު ރުޑީ ގާސިއާ ބުނެފި އެވެ.
މީގެ މަހެއްހާ ދުވަސްކުރިން، ރޮނާލްޑޯ، 37، އަލް ނަސްރަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ ކޮންޓްރެކްޓްގެ ނިޔަލަށް ރޮނާލްޑޯ އެ ޓީމުގައި މަޑުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ރެކޯޑްތަކެއް ހަދާފައިވާ، ރޮނާލްޑޯ، އަލް ނަސްރާ އެކު ހަދާފައިވާ އެއްބަސްވުމުގެ ނިޔަލަށް އެ ޓީމަށް ކުޅެފިނަމަ، އޭރު އޭނާ އަށް 40 އަހަރު ފުރޭނެ އެވެ.
ޔޫރަޕްގެ ކްލަބްތަކަށް ކުރިން ކޯޗުކޮށްދިން ގާސިއާ ބުނީ އަލް ނަސްރަށް ފަހު ވެސް، ރޮނާލްޑޯ އަށް އަދިވެސް ޕްރޮފެޝަނަލްކޮށް ކުޅުން ކުރިއަށްގެންދެވޭނެ ކަމަށެވެ.
"އޭނާ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ. އޭނަ ކެރިއަރު ނިންމާލާނީ އަލް ނަސްރުގައި ހުރެއެއް ނޫން. އޭނާ އެނބުރި ޔޫރަޕަށް ދާނެ،" މާސޭ އާއި ލިޔޯން އަދި ރޯމާ އަށް ކޯޗުކޮށްދިން ގާސިއާ ބުންޏެވެ.
ސައުދީ އަރަބިއްޔާގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ކުޅުނު ހާއްސަ މެޗެއްގައި ރިޔާދު ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ރޮނާލްޑޯ ވަނީ ޕީއެސްޖީއާ ބައްދަލުކޮށްފަ އެވެ. އޭގެ ފަހުން، އަލް ނަސްރު ޖޯޒީގައި ރޮނާލްޑޯ ދެ މެޗެއް ވަނީ ކުޅެފަ އެވެ. އެއީ ސައުދީ ޕްރޯ ލީގުގައި އަލް ނަސްރުން އަލް އިއްތިފާގު އަތުން މޮޅުވި މެޗާއި، ސައުދީ ސުޕަ ކަޕްގައި އަލް އިއްތިހާދު އަތުން ބަލިވި މެޗުގަ އެވެ.
ރޮނާލްޑޯ އަށް އަދި އަލް ނަސްރު ޖޯޒީގައި ގޯލެއް ނުޖެހެ އެވެ. އެކަމަކު، ގާސިއާ ބުނީ ސައުދީގެ މާހައުލަށް ހޭނެމުންދާހާ އަވަހަކަށް ރޮނާލްޑޯގެ ގޯލުތައް ފެންނާނެ ކަމަށެވެ.
ނަސްރަށް ސޮއިކޮށް، އެ ކްލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ފުރަތަމަ ފަހަރަށް މީޑިއާއާ ކުރިމަތިލައި ސުވާލުތަކަށް ޖަވާބުދިންއިރު ވަނީ ގިނަ ވާހަކަތަކެއް ދައްކައިފަ އެވެ.
އެ ގޮތުން، މީޑިއާގެ އެއް ސުވާލުގެ ޖަވާބުގައި ރޮނާލްޑޯ ވަނީ ޔޫރަޕްގައި އޭނާ އަށް ހުރިހާ ކާމިޔާބެއް ހާސިލްކުރެވިއްޖެ ކަމަށާއި ދެން އޮތީ ސައުދީ އަރަބިއްޔާގެ އަލް ނަސްރްއާ އެކު އޭޝިއާ ލެވަލްގައި ކާމިޔާބީތަކެއް ހޯދައި ރެކޯޑްތަކެއް ހެދުން ކަމަށް ބުނެފަ އެވެ.
ދާދި ފަހުން ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މީގެ ދެ މަސް ކުރިން މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލްކުރުމަށް ފަހު ރޮނާލްޑޯ ފުރަތަމަ ބޭނުންވީ ޔޫރަޕްގެ ޓީމަކާ ގުޅޭށެވެ. ބަޔާން މިއުނިކާއި ޗެލްސީގެ ތެރެއިން ކްލަބެއްގެ އޮފާއެއް ލިބޭތޯ ރޮނާލްޑޯ އެދުނު ކަމަށާއި އެކަން ނުވުމުން އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒާ ގުޅުން ގޯސްވެ، އެ ދެ މީހުންގެ ޕްރޮފެޝަނަލް ގުޅުން ނިމުމަކަށް އަތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.












