ޔަހޫދީންނާ ދެކޮޅު ޕޯސްޓުތައް ޓްވިޓާއިން ރިމޫވް ނުކުރާ ކަމަށް ބުނެ ޖަރުމަނުވިލާތުގައި ޔަހޫދީންގެ ދެ ގްރޫޕަކުން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ޔަހޫދީންނާ ދެކޮޅު ހަ ޕޯސްޓެއް އެ ގްރޫޕްތަކުން ފާހަގަކުރެ އެވެ. އެއީ އޮކްޓޯބަރު 2021 ގައި ބިލިއަނަރު އެލޮން މަސްކް ޓްވިޓާއާ ހަވާލުވި ފަހުން ކުރި ޕޯސްޓުތަކެކެވެ.
ޔަހޫދީންނާ ދެކޮޅު ވިސްނުން ފެތުރުމާއި ޔަހޫދީންނާ ދެކޮޅަށް ހިންގި ގަތުލުއާއްމު ނުވަތަ "ހޮލޮކޯސްޓް" އަކީ ހަގީގަތެއް ނޫން ކަމަށް ބުނުމަކީ ޖަރުމަނުގައި ކުށެކެވެ.
އޭގެ އިތުރުން އެއީ ޓްވިޓާގެ އުސޫލްތަކާ ވެސް ހިލާފު ޕޯސްޓުތަކެވެ. އެހެން ނަމަވެސް، ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ޓްވިޓާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
"ޓްވިޓާއަށް އޮތް އިތުބާރު ގެއްލިއްޖެ. ނަފުރަތު އުފެދޭ ކޮންޓެންޓު ފަތުރަން ދޫކޮށްލުމުން، ޓްވިޓާ ބޭނުންކުރާ މީހުން ނުރައްކަލަށް ހުށަހެޅޭ،" ޔޫރޮޕިއަން ޔޫނިއަން އޮފް ޖުވިޝް ސްޓުޑަންޓްސް ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހެޅީ ހޭޓްއެއިޑް ގްރޫޕުންނެވެ. ޓްވިޓާގެ އިތުރުން ފޭސްބުކް އާއި އިންސްޓަގްރާމް އަދި ޓިކްޓޮކްގައި ވެސް ޔަހޫދީންނާ ދެކޮޅު ޕޯސްޓު ފަތުރާ މައްސަލަ ކުރިމަތިވެ އެވެ.








