އުރީދޫ މޯލްޑިވްސްގެ "ގުރޯ ވިތު އުރީދޫ" ކެމްޕޭން ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.
އެ ކެމްޕޭން އިފްތިތާހުކޮށްފައި ވަނީ އެކަމަށް ހާއްސަކޮށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
ގުރޯ ވިތު އުރީދޫ ކެމްޕެއިން އަކީ ރައްޖޭގައި އާންމުކޮށް ހެދޭ މާމެލާމެއްޔާއި ތަރުކާރީ އަދި މޭވާގެ ބާވަތްތަކަށް ހާއްސަކޮށްގެން ޒުވާނުން ދަނޑުވެރިކަމަށް ނެރުމަށްޓަކައި އުރީދޫއިން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ އެ ކެމްޕޭނަށް "ގުރޯ ވިތު އުރީދޫ" ގެ ނަމުން ނަން ދީފައި ވަނީ އުރީދޫ މޯލްޑިވްސްއަށް އަށާރަ އަހަރު ފުރުމާ ވެސް ގުޅުވައިގެން ކަމަށް އެކުންފުނީގެ މީޑިއާ އޮފިޝަލް، ނާއިފާ ޖިހާދު ވިދާޅުވި އެވެ.
"މި ކޮންސެޕްޓު ނަގާފައި މިއިނީ އަސްލު ރާއްޖޭގައި އާންމުކޮށް ހެއްދޭ އެކި ވައްތަރުގެ މާތަކާއި ތަރުކާރީ އަދި މޭވާއަކީ ވަރަށް ފަސޭހައިން ހެއްދޭ އެއްޗެހި ކަމަށްވެފައި އުރީދޫއަށް 18 އަހަރު ފުރުމާ ވެސް އެކު، ގުރޯ ވިތު އުރީދޫ މި ކިޔަނީ،" ނާއިފާ ވިދާޅުވި އެވެ.
މިއަދުގެ ހަފްލާގައި އުރީދޫން ވަނީ އެ ކުންފުނިން މިއަހަރަށް ނެރޭ ކަލަންޑަރު ވެސް ދައްކާލާފަ އެވެ.
"ގުރޯ ވިތު އުރީދޫ" ތީމްއަށް ހާއްސަކޮށް ހަދާފައިވާ އެ ކަލަންޑަރާ އެކު އަހަރުގެ ކޮންމެ މަހަކަށް ގަހެއް ހާއްސަކޮށް އެ ގަހާ ގުޅޭ މައުލޫމާތުގެ އިތުރުން އެ ގަހުގެ އަސްލު މުޑުވައް ވެސް ހިމަނާފައިވެ އެވެ.
އޯގުމެންޓެޑް ރިއާލިޓީ ޓެކްނޮލޮޖީ ހިމަނައިގެން ހަދާފައިވާ އެ ކަލަންޑަރާ އެކު ގަސް ހެއްދުމަށް ބޭނުންވާނެ ބާރަ ޕޮޓުވެސް ހިމަނާފައިވެ އެވެ.
"ގުރޯ ވިތު އުރީދޫ" ކެމްޕޭން މިއަދު އިފްތިހާހު ކުރިއިރު، އެ ކެމްޕޭނުގެ އެމްބަސެޑަރަކަށް ވަނީ އައްޑު އަތޮޅަށް އުފަން، ރަމްޒީ ހުސައިން ހަމަޖައްސާފަ އެވެ.
ޒުވާން ދަނޑުވެރިޔާގެ ނަމުން މަޝްހޫރު ރަމްޒީ އަކީ ރާއްޖޭގައި ތަފާތު ފެންވަރެއްގައި އަދި އެހާމެ ފުޅާމިނެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ޒުވާނެކެވެ.
ކުރިން ރާއްޖޭގެ އެކި އުމުރުފުރާގެ ގައުމީ ޓީމުތަކަށް ފުޓުބޯޅަ ވެސް ކުޅެފައިވާ ރަމްޒީ ދަނޑުވެރިކަމުގެ ތެރެއަށް ވަނީ ޖަޕާނުން ހަ މަސް ދުވަހުގެ ދަނޑުވެރިކަމުގެ ޓްރެއިނިން ކޯހެއް ފުރިހަމަ ކުރުމަށްފަހު ވަރަށް ބޮޑެތި ދިރާސާތަކެއް ވެސް ހެދުމަށްފަހު އެވެ.
ނާއިފާ ވިދާޅުވީ ޒުވާން ދަނޑުވެރިޔާގެ ތަޖުރިބާ އާއި އުރީދޫ މޯލްޑިވްސްގެ އެއްބާރުލުމާ އެކު މީޑިއާގެ އެކި މަންސަތަކާއި އެނޫންވެސް ގޮތްގޮތުން ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް މިއަހަރު ތެރޭގައި ކުރުމަށް އުރީދޫން ރާވާފައިވާ ކަމަށެވެ.











