އިޓަލީ މާފިއާގެ ވެރިޔަކު ފިލައިގެން އުޅޭތާ 30 އަހަރު ފަހުން ހައްޔަރުކޮށްފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މެޓިއޯ މެސީނާ ޑެނާރޯ ހައްޔަރު ކުރީ ސިސިލީގެ ވެރިރަށް ޕަލޭމޯގެ ޕްރައިވެޓް ކްލިނިކަކުންނެވެ. އޭނާ ދިޔައީ އެ ތަނުން ކެންސަރަށް ފަރުވާ ކުރަމުންނެވެ.
ތުހުމަތު ކުރެވޭ ގޮތުގައި މެސީނާ ޑެނާރޯއަކީ ކޯސާ ނޮސްޓްރާ މާފިއާ ގްރޫޕްގެ ވެރިއެކެވެ. ގިނަ މަރުތަކެއް ސާބިތުވެ، އޭނާގެ ގައިރު ހާޒިރުގައި 2002 ވަނަ އަހަރު އުމުރަށް ޖަލަށް ހުކުމްކުރި އެވެ.

މެސީނާ ޑެނާރޯ ހައްޔަރު ކުރުމަަށް ހިންގި އޮޕަރޭޝަނުގައި ސަލާމަތީ ފައުޖުގެ 100 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވި އެވެ.
އިޓަލީގެ މީޑިއާއިން ބުނީ އޭނާ ހައްޔަރު ކުރީ ހޯމަ ދުވަހު ހެނދުނު އިޓަލީ ގަޑިން ހެނދުނު 10:00 ހާއިރު ކަމަށާއި ހައްޔަރުކޮށްގެން ގެންދިޔަ ތަން ހާމަނުކުރާ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން އޭނާއަށް ކެންސަރު ޖެހި، ކީމޯތެރަޕީ ފަރުވާ ހޯދަން ކްލިނިކަށް ދިޔައީ ވަނަވަރު އޮޅުވާލައިގެންނެވެ.
މީހުން މެރުމުގެ އިތުރުން ގަވާއިދާ ހިލާފަށް ކުނި އެޅުމާއި، މަނީލޯންޑާ ކުރުމާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވެ އެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރުން ފެށިގެން އޭނާ ފިލައިގެން އުޅުނު ނަމަވެސް، ސިއްރު ލޮކޭޝަންތަކުގއި ހުރެގެން މާފިއާގެ އޮޕަރޭޝަންތައް ހިންގަން އިރުޝާދު ދިން ކަމަށް ތުހުމަތު ކުރެވެ އެވެ.
މެސީނާ ޑެނާރޯ ހައްޔަރު ކުރުމަށް އިދާރާތަކުން ދިޔައީ އޭނާއާ ގާތް މީހުން މޮނީޓާ ކުރަމުންނެވެ. އެގޮތުން 2013 ވަނަ އަހަރު އޭނާގެ ދައްތަ ޕެޓްރީޒިއާ އާއި އިތުރު ބަޔަކު ހައްޔަރު ކުރި އެވެ. އޭގެ އިތުރުން އޭނާއާ ގުޅުން ހުރި ގިނަ މުދަލާއި ވިޔަފާރިތައް ވެސް ހިފެހެއްޓި އެވެ.
އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ އިންޓީރިއާ މިނިސްޓަރާއި ފުލުހުންނަށް މަރުހަބާ ދަންނަވައިފަ އެވެ. ރައީސްގެ ބޭބޭފުޅު، ޕިއޭސާންޓީ ވެސް އަވަހާރަވީ 1980 ވަނަ އަހަރު މެސީނާ ޑެނާރޯ ނިސްބަތްވާ ކޯސާ ނޮސްޓްރާއިން ދިން ހަމަލާއެއްގަ އެވެ.










