މިހާރު ކެމްބޯޑިއާ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ހަ ދާއިރާއަކުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، ޓުއަރިޒަމް މިނިސްޓަރު ޑރ. މުހައްމަދު މައުސޫމުގެ އިތުރުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބޯޑު މެމްބަރު މުހައްމަދު އިކްރާމް އިބްރާހިމް އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ބައިވެރިވެވަޑައިގެންނެވި އެވެ.
ކެމްބޯޑިއާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޑެޕިއުޓީ ފޮރިން މިނިސްޓަރު ޕްރަކް ސޮކޮން އެވެ.
މިއަދު ސޮއިކުރެވުނު ހަ އެއްބަސްވުން

ވިސާގެ އެއްބަސްވުން
ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދުގައި ވެވުނު "ދަ އެގްރީމެންޓް އޮން ވިސާ އެގްޒެމްޕްޝަން ފޮ ހޯލްޑާސް އޮފް ޑިޕްލޮމެޓިކް، އޮފިޝަލްސް އެންޑް އޯޑިނަރީ ޕާސްޕޯޓް" އެއްބަސްވުމުގެ ދަށުން ދިވެހިން ކެމްބޯޑިއާއަށް ދަތުރުކުރުމުގައި ލުއިފަސޭތަކެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ބައިލެޓަރަލް ކޮންސަލްޓޭޝަންސް އެއްބަސްވުން
ރައީސް އޮފީހުން ބުނި ގޮތުގައި ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދުގައި ވެވުނު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ބައިލެޓަރަލް ކޮންސަލްޓޭޝަންސް" ގެ ދަށުން ރާއްޖެއާއި ކެމްބޯޑިއާ އާދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދޮރު ހުޅުވިގެންދާނެ އެވެ.
އިގުތިސާދީ ގުޅުމުގެ އެއްބަސްވުން
ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި ކެމްބޯޑިއާގެ ފޮރިން މިނިސްޓްރީއާ ދެމެދު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ބައިލެޓެރަލް ކޮންސަލްޓޭޝަންސް" ގެ ދަށުން ދެ ގައުމުގެ ދެމެދުގައިވާ އިގުތިސާދީ ގުޅުން ބަދަަހިކޮށް ދެ ގައުމަށްވެސް ފައިދާވާނެ ހަމަހަމަ މިނެއްގެ ދަށުން އެ ގުޅުން ހަރުދަނާ ކުރެވިގެންދާނެ އެވެ.
ސިއްހީ ދާއިރާގެ އެއްބަސްވުން
ރާއްޖޭގެ ހެލްތު މިނިސްޓްރީއާއި ކެމްބޯޑިއާގެ ފޮރިން މިނިސްޓްރީއާ ދެމެދު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ހެލްތް ކޯޕަރޭޝަން" ގެ ދަށުން ސިއްހީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް އެ ދާއިރާއިން ދެ ގައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ފަތުރުވެރިކަމުގެ އެއްބަސްވުން
ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީއާއި ކެމްބޯޑިއާގެ ފޮރިން މިނިސްޓްރީއާ ދެމެދު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ޓޫރިޒަމް ކޯޕަރޭޝަން" އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، އެ ދާއިރާއިން މީހުން ތަމްރީނުކުރުމާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ފުރުސަތުތައް ފުޅާ ކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ވިޔަފާރީގެ އެއްބަސްވުން
ރައީސް އޮފީހުން ބުނި މޯލްޑިވްސް ނެޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި ކެމްބޯޑިއާ ޗެމްބާ އޮފް ކޮމާސްގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، އިންވެސްޓްމަންޓުތައް ފުޅާކުރުމާއި، ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިނާއީ ވިޔަފާރިތަކާއި، އިގުތިސޯދީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ފުރުސަތުތައް ހުޅުވިގެންދާނެ އެވެ.













