މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖެނުއަރީ 14) - މަޝްހޫރު ސްޕްރިންޓަރު، އުސައިން ބޯލްޓް، ޖެމެއިކާގެ ކުންފުންޏެއް ކަމަށްވާ، ސްޓޮކް އެންޑް ސެކިއުރިޓީސް ލިމިޓެޑް (އެސްއެސްއެލް)ގެ އެކައުންޓެއްގައި އިންވެސްޓްކުރި "އެތައް މިލިއަން ޑޮލަރެއް ގެއްލިފައިވާ" ކަމަށް ޖެމެއިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ޖެމެއިކާގެ ފިނޭންޝިއަލް ސާވިސަސް ކޮމިޝަން (އެފްއެސްސީ) އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، އެސްއެސްއެލްގެ މާލީ މުއާމަލާތްތަކާ ގުޅޭ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށެވެ. އެ ގޮތުން، ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި އިންވެސްޓްކޮށްފައިވާ ފައިސާތަކެއް ވީނުވީއެއް ނޭނގި މަދުވެފައިވުމުގެ ކަންތައްތަކެއް ވެސް ބަލަމުން އަންނަ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އެތުލެޓިކްސްގެ ދުނިޔޭގެ އިތުރުން ކުޅިވަރުގެ ލެޖެންޑެއް ކަމަށްވާ ބޯލްޓްގެ މެނޭޖަރު، ނިއުޖެންޓް ވޯކާ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބޯލްޓް، 10 އަހަރަށް ވުރެ ގިނަ ދުވަހު، އެސްއެސްއެލްގައި އިންވެސްޓްކޮށްފައިވާ ކަމަށެވެ.

މަޝްހޫރު ސްޕްރިންޓަރު ބޯލްޓް: އޭނާ ވަނީ ބައެއް ފުޓްބޯޅަ ކްލަބްތަކުގައި ޓްރަޔަލްތަކެއް ފުރިހަމަކޮށްފައި.
ވޯކާ ބުނީ ބޯލްޓް އަތުން ވެސް ފައިސާތަކެއް ގެއްލިފައިވާތީ، އޭނާގެ މާލީ ކަންކަމުގެ ހުރިހާ މައުލޫމާތުތަކެއް އެއްކުރުމުގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ ކަމަށެވެ. އަދި ބޯލްޓް އަތުން ވެސް ގެއްލުނު ފައިސާގެ އަދަދު އެތައް މިލިއަނަަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ވޯކާގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެެވެ.
މި މައްސަލައިގައި އެސްއެސްއެލް މީޑިއާގައި ވާހަަކަ ދައްކަން ބޭނުމެއްނުވެ އެވެ.
ޖެމެއިކާގެ ފިނޭންޝިއަލް ސާވިސަސް ކޮމިޝަން (އެފްއެސްސީ) އިން ބުނެފައިވަނީ މި މައްސަލަައިގައި އެ އިދާރާއިން ވަރަށް ފުޅާކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރާނެ ކަމަށެވެ. އަދި ބޭނުންވާ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދަން ކިތަންމެ ދިގު މުއްދަތެއް ނެގި ކަމުގައި ވިޔަސް، އިންސާފު ގާއިމްކުރަން ކުރެވޭނެ ހުރިހާ ކަމެއް ކުރާނެ ކަމަށް އެފްއެސްސީން ވަނީ ބުނެފަ އެވެ.
މީގެ ހަ ވަރަކަށް އަހަރު ކުރިން، 2017 ވަނަ އަހަރު، އެތުލެޓިކްސް އިން ރިޓަޔާކުރި ބޯލްޓް ވަނީ އޮލިމްޕިކްސް އިން އަށް ރަން މެޑަލް އަދި ވޯލްޑް ޗެމްޕިއަންޝިޕުން 11 ރަން މެޑަލް ހޯދައިފަ އެވެ.
ބޯލްޓް ވަނީ 2008، 2012 އާއި 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގެ 100 މީޓަރާއި 200 މީޓަރު ރޭސް ކާމިޔާބުކޮށްފަ އެވެ. ދުނިޔޭގެ ދުވުމުގެ 100 މީޓަރު ދުވުމުގެ ރެކޯޑް އޮތީ ބޯލްޓް އަތުގަ އެވެ. އެއީ 2009 ވަނަ އަހަރު ބާލިންގައި 9.572 ސިކުންތުން ދުވެގެން ނިންމި ރޭހުގައި އޭނާ ހެދި ރެކޯޑެކެވެ. މިހާތަނަށް އަދި އެ ރެކޯޑް މުގުރާލެވޭ ގޮތެއްނުވި އެވެ.







