މެންޗެސްޓާ (ޖެނުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗަކީ ފަހަކަށް އައިސް އެ ޓީމުން ހޯދަމުން އަންނަ ކުރިއެރުންތައް ވަޒަންކޮށްލަން ލިބޭ "އިމްތިހާނެއް" ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
ސިޓީ ދަނޑުގައި އޮކްޓޫބަރު މަހު 6-3 އިން ޔުނައިޓެޑް ބަލިވި މެޗަށް ފަހު، ދެން އެ ޓީމު ހުރިހާ މުބާރާތެއްގައި ކުޅުނު 18 މެޗުގެ ތެރެއިން ބަލިވީ އެންމެ ފަހަރަކު އެވެ.
ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ނެގި ބްރޭކަށް ފަހު އެންމެ ރަނގަޅު ފޯމެއްގައި އޮތް އިނގިރޭސި ޓީމަކީ ޔުނައިޓެޑް އެވެ. ދެ ވަނައިގައި އޮތް ސިޓީ އަތުން އަމިއްލަ ދަނޑުގައި މޮޅުވެގެން، އެ ޓީމާ ޕޮއިންޓަކަށް ގާތަށް ޖެހިލުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ.
ޓެން ހާގް ބުނީ ޕޮއިންޓުގެ ގޮތުން ސިޓީއާ ފަރަގު ކުޑަކުރަން ފުރުސަތު ލިބިފައި އޮތްއިރު، މި މެޗަކީ އެހެން ގޮތަކުން ވެސް ޔުނައިޓެޑަށް މުހިންމު މެޗެއް ކަމަށެވެ. އެއީ ޔުނައިޓެޑުން ތަށި ހޯދާ ޓީމެއްގެ ގޮތުގައި ކުރިއަށްދާން ބަލާއިރު، ފާއިތުވި އަހަރުތަކުގައި އެކަން ހާސިލްކޮށްފައިވާ ސިޓީގެ މައްޗަށް ކާމިޔާބު ހޯދުން ވެގެންދާނީ ޓީމަށް އިތުބާރު ބޮޑުވާނެ ކަމެއްގެ ގޮތުގައި ޓެން ހާގް ދެކެ އެވެ.
"އަހަރެމެން އެ މެޗުން (އޮކްޓޫބަރު މަހު ސިޓީ އަތުން ބަލިވި މެޗުން) ގިނަ ކަންތައްތަކެއް ދަސްކުރިން. އަހަރެމެން އަމިއްލަ ނަފްސާ މެދު ވިސްނާލައި، ކަންކަން ރަނގަޅުކުރަން ފުރުސަތު ލިބުނު މެޗެއް އެއީ. އަހަރެމެން ދަސްކުރި ކަންކަން ދަނީ ރަނގަޅަށްތޯ ޓެސްޓް ކޮށްލަން ރަނގަޅު މެޗެއް މިއީ، މި ހުރިހާ ގޮތަކުން ބަލާއިރު، އަހަރެމެން ހަގީގީ ލެވަލްގައި ކުރިއަށްދޭތޯ ބަލަން މިއީ އިމްތިހާނެއް،" ޓެން ހާގް ބުންޏެވެ.
"ޔުނައިޓެޑްގެ ފޯކަސް ހުރީ ކުރިއަށް، މާޒީގައި ވެފައިހުރި ކަންތައްތައް ބަލަން ވިސްނުމެއް ނެތް،"
ސިޓީއާ ދެކޮޅަށް މިއަދު ނުކުންނައިރު، ޔުނައިޓެޑް ވަނީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ނުވަ މެޗުން ވެސް މޮޅުވެފަ އެވެ. އެކަމަކު، އެންމެ ފަހުން އެ ޓީމު އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އޮތީ ދަށް ރެކޯޑެކެވެ. ސިޓީ ވަނީ އެންމެ ފަހުން، ޔުނައިޓެޑް ދަނޑުގައި ކުޅުނު 14 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވެފަ އެވެ.
އެހެން ނަމަވެސް ސިޓީ މި މެޗާ ކުރިމަތިލާއިރު، އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ބަލިވެފަ އެވެ. އެއީ ލީގު ކަޕްގެ ކުއާޓާ ފައިނަލްގައި ސައުތެމްޓަން އަތުންނެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސައުތެމްޓަން މެޗުގައި ކަންތައްތައް ދިމާވި ގޮތާ ބެހޭގޮތުން ކުޅުންތެރިންނާ ވާހަަކަ ދައްކާފައިވާ ކަމަށެވެ. ޔުނައިޓެޑް މި ވަގުތު އޮތް ފޯމަށް ބަލާއިރު، މިއީ ސިޓީ އަށް ހުރިހާ ގޮތަކުން ވެސް އުނދަގޫވާނެ މެޗެއްގެ ގޮތުގައި ގާޑިއޯލާ ގަބޫލުކުރެ އެެވެ.
"މީގެ މަސްތަކެއް ކުރިން އަހަރެން ބުނިން ޔުނައިޓެޑް މިހާރު އެ ކުޅެނީ އެ ކްލަބްގެ ތާރީހުގައި ވެސް ކުޅެމުން އައި ގޮތަށް ވަރަށް އިތުބާރާ އެކުގައޭ، އެކަމަކު، އޭރު ގިނަ ބަޔަކު އެ ވާހަކަ ގަބޫލުކުރަން ބޭނުމެއް ނުވި. މިހާރު ފެންނަން އެ އޮތް ހަގީގަތަކީ ޔުނައިޓެޑް އެ ކުޅެނީ ފޯމުގައި، ކޮންމެ ޓީމެއް ކައިރީގައި ވެސް ކުޅެގެން މޮޅުވާން، އެހެންވީމަ މި ބުނަނީ، މިއީ އަހަރެމެން ވަރަށް ސަމާލުވާން ޖެހޭނެ މެޗެކޭ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ލީގުގެ ރޭހުގައި ޔުނައިޓެޑް ވެސް އެބައޮތް ކަމަށާއި އެ ވިސްނުމަށް ބަލާއިރު، މި މެޗުގެ ތިން .ޕޮއިންޓް ދެ ޓީމަށް ވެސް މުހިންމުވާނެ ކަމަށެވެ. ފަސް އަހަރު ތެރޭ ހަތަރު ފަހަރަށް ސިޓީން ލީގު ތަށި ހޯދިއިރު، އެއިން ކޮންމެ ފަހަރަކު ވެސް އުނދަގޫ ވަގުތުތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 15:30 ގަ އެވެ.












