މާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މިއަދު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ހުކުމް ތަންފީޒުކުރުމަށް މި މަހުގެ އަށް ވަނަ ދުވަހު އެ ޖަލަށް ގެންދިޔަ ގައިދީއެކެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެބްސައިޓުގައި މިއަދު އާންމުކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ ލ. ކުނަހަންދޫ ކަރަންކާގެ މުހައްމަދު ރަޝީދު، 36، އެވެ.
އެ އިދާރާއިން ބުނެފައިވާ ގޮތުގައި މުހައްމަދު ރަޝީދު މަރުވެފައިވަނީ އޭނާ ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.
އަދި އޭނާގެ ހާލު އިތުރަށް ގޯސްވެ ސީޕީއާރް ދިން ކަމަށާއި އޭޭނާ މަރުވީ މިއަދު ހެދުނު 10:40 ހާއިރު ކަމަށްވެސް ކަރެކްޝަންސްއިން ވަނީ ބުނެފަ އެވެ.

އެ އިދާރާއިން އިތުރަށް ބުނެފައިވަނީ މުހައްމަދު ރަޝީދު ޖަލަށް ގެނެވުނު ދުވަހު ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައިނުވާ ކަމަށާއި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެއް ނޫން ކަމަށެވެ.
އަދި އޭނާ މަރުވުމާއެކު އާއިލާގެ އިތުރުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަަމަށްވެސް ކަރެކްޝަންސްއިން ވަނީ ބުނެފަ އެވެ.
ވައްކަމުގެ މައްސަލައެއްގައި އޭނާ ޖަލުގައި ތަންފީޒުކުރަމުންދިޔައީ ހަ މަހާއި 14 ދުވަހުގެ ހުކުމެއް ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފަ އެވެ.













