ބީއެމްއެލް އުފެއްދުމުގައި އެންމެ އިސްދައުރެއް އަދާ ކުރެއްވި ބޭފުޅުންނާއި އެ ބޭންކަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބީއެމްއެލް އިން އެވޯޑު ދީފި އެވެ.
ބީއެމްއެލް އަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރޮސް ރޯޑްސްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
އެގޮތުން ބީއެމްއެލް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި މޭސްތިރިޔާގެ އެވޯޑު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ، މައުމޫން އަބްދުލް ގައްޔޫމަށް އެރުވިއިރު، އަލްމަރުހޫމް އިސްމާއިލް ފަތުހީ އަށް ވަނީ އެ ބޭންކު އުފެއްދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންނަށް ދެވޭ ޝަރަފުވެރި އެވޯޑު އަރުވާފަ އެވެ.
އޭގެއިތުރުން ބީއެމްއެލް އުފެދުނީއްސުރެ މިއަދާ ހަމައަށް އެ ބޭންކަށް ހިދުމަތް ކުރުމުގައި ދެމިތިއްބެވި، އައިޝަތު ނޫރައްދީނާއި ފާތުމަތު މަނިކެ އަދި މޫސާ މުހައްމަދަށް ވަނީ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފަ އެވެ.

ބީއެމްއެލް އަށް 40 އަހަރު ހިދުމަތް ކުރެއްވި ކަމުގެ ޝަރަފުވެރި އެވޯޑު އައިޝަތު ނޫރައްދީނަށް އަރުވަނީ -- ފޮޓޯ: ބީއެމްއެލް
ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޗެއާޕާސަން، ޔޫޝައު ސައީދު ވިދާޅުވީ އެ ބޭންކު ފުރަތަމަ ވުޖޫދަށް އައީ އެންމެ ދިހަ ވަރަކަށް މުވައްޒަފުންނާ އެކުގައި ކަމަށާއި ވޭތުވެދިޔަ 40 އަހަރު ބޭންކަށް ހިދުމަތް ކުރެއްވުމުގައި ދެމިތިއްބެވި އެހާރާއި މިހާރުގެ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.
"ބޭންކުގެ ހަޔާތުގައި، މިދިޔަ ދިގު މުއްދަތުގެ ތެރޭގައި ބޭންކުގެ ކަސްޓަމަރުންނަށާއި، ހިއްސާދާރުންނަށާއި، ދިވެހި ރައްޔިތުންނަށް އަދި ބޭންކުގެ ވިޔަފާރިއަށް، ވަރަށް އިހުލާސްތެރިކަމާ އެކު، ހިދުމަތްތަކެއް ކޮށްދެއްވުމުގައި [އެބޭފުޅުން] ދެއްކެވި ނަމޫނާއަށް އަޅުގަނޑު ސާބަސް ދަންނަވަން،" ޔޫޝައު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި އިގުތިސާދު ހިންގުމަށް ދިވެހި ބޭންކެއް ވުޖޫދަށް ގެނައުމުގެ މުހިންމުކަން ވިސްނިވަޑައިގެން، ދިވެހި ބޭންކެއް އުފެއްދެވުމަށް ނިންމަވައި މައުމޫން އެކަމުގެ އަމަލީ މަސައްކަތް ފެއްޓެވިކަން އެއީ ބީއެމްއެލް ވުޖޫދުވުމުގެ ސިއްރު ކަމަށެވެ.
އަދި އެބޭންކު އުފެއްދުމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާ ކުރެއްވި އަލްމަރުހޫމް އިސްމާއިލް ފަތުހީގެ ނަންފުޅު ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ބީއެމްއެލް އުފެއްދީ 11 ނޮވެމްބަރު 1982 ވަނަ އަހަރެވެ. އެންމެ ދިހަ ވަރަކަށް މުވައްޒަފުންނާ އެކު ފެށި އެ ބޭންކުގެ މުވައްޒަފުންގެ ގޮތުގައި މިއަދު 950 މީހުން އެބަތިއްބެވެ. އޭގެތެރެއިން 99 ޕަސެންޓަކީ ދިވެހިންނެވެ.
ބީއެމްއެލްއަށް 40 އަހަރު ފުރުނުއިރު، 26 ބިލިއަންގެ ޑިޕޮސިޓު ބޭސް އެއް އެ ބޭންކުގައި އޮވެ އެވެ.











