މަތީ ތައުލީމu ހާސިލuކުރުމަށް ބޭނުންނާ ފަރާތްތަކަށް މާލީގޮތުން ދިމާވާ ދަތިތައް ހައްލުކޮށްދީ، އެހީތެރިވުމަށްޓަކައި ބީއެމްއެލް އިން ދޫކުރާ ކިޔަވާ ލޯނުގެ އިންޓަރެސްޓު ރޭޓު ފަސް ޕަސެންޓަށް ކުޑަކުރަން ނިންމާފައިވާ ކަމަށް އެ ބޭންކުގެ ޗެއާޕާސަން، ޔޫޝައު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ ބީއެމްއެލްއަށް ސާޅީސް އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކުރޮސް ރޯޑްސްގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތް އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޔޫޝައު ވިދާޅުވީ ކިޔަވާ ލޯނުގެ އިންޓަރެސްޓު ރޭޓަށް ބަދަލު ގެންނަން ނިންމީ ވަރަށް ގިނަ ބެލެނިވެރިންނާއި ކިޔަވާ ކުދިންގެ ފަރާތުން އެ ލޯނުގެ އިންޓަރެސްޓު ރޭޓު މުރާޖާ ކުރުމަށް އެދެމުން ދިޔުމުގެ ސަބަބުން ކަމަށެވެ.

މިރޭގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކނބަލުން ވަޑައިގަންނަވަނީ -- ފޮޓޯ: ބީއެމްއެލް
"އާދެ! އެކެއް ފެބުރުއަރީން ފެށިގެން ބީއެމްއެލް ކިޔަވާ ލޯނުގެ ރޭޓު ފަސް އިންސައްތައަށް ދަށް ކުރެވޭނެ، މި ބަދަލާ އެކު ކުރިން ނަގާފައިވާ ބީއެމްއެލް ކިޔަވާ ލޯނުތަކުގެ ރޭޓު ވެސް ފަސް އިންސައްތައަށް ބަދަލުވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
މިއީ މި ލޯނުގެ އިންޓަރެސްޓު ރޭޓު ކުޑަކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު ވެސް ވަނީ ކިޔަވާ ލޯނުގެ އިންޓަރެސްޓު ރޭޓު އެގާރަ ޕަސެންޓުން ނުވަ ޕަސެންޓަށް ކުޑަކޮށްފަ އެވެ. އޭނާ ވިދާޅުވީ ކިޔަވާ ލޯނުގެ އިންޓަރެސްޓު ރޭޓު ކުޑަ ކުރުމަށް ނިންމީ އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން މުރާޖާ ކުރުމަށްފަހު ކަމަށެވެ.
ބީއެމްއެލް ކިޔަވާ ލޯނަކީ ދިގު މުއްދަތަކަށް ބަހާލައިގެން ނުވަތަ ކިޔަވާ ނިމިގެން އަނބުރާ ފައިސާ ދެއްކޭގޮތަށް ވެސް ދޫކުރާ ލޯނެކެވެ. އޭގެއިތުރުން ލޯނު ފައިސާ ޖަމާ ކުރާނެ ގޮތް ވެސް އެ ލޯނު ނަގާ ދަރިވަރަށް އިހުތިޔާރު ކުރެވޭނެ އެވެ.
ކިޔަވާ ލޯނުން ހަމަޖައްސައިދޭނީ ކޯސް ފީއާއި އެހެނިހެން ހަރަދުތަކުގެ 75 ޕަސެންޓެވެ. ބާކީ 25 ޕަސެންޓު ހަމަޖައްސަން ޖެހޭނީ އެ ކުއްޖަކު އަމިއްލަ އަށެވެ.











