މެޑްރިޑް (ޖެނުއަރީ 11) - ސައުދީ އަަރަބިއްޔާގެ އަލް ނަސްރަށް ސޮއިކުރަން ޕޯޗުގަލްގެ ކްރިސްޓިއާނޯ ނިންމި ނިންމުން އޭނާގެ ކުރީގެ ކުލަބު ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ދިފާއުކޮށްފި އެވެ.
ދުނިޔޭގެ ރެކޯޑު މުސާރައެއް ލިބޭ ގޮތަށް ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވީ އާ އަހަރު ފެށުމުގެ ކުރިންނެވެ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ރޮނާލްޑޯ ސޮއިކުރީ އަހަރެއްގެ މައްޗަށް 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެވެ.
އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައި ރޮނާލްޑޯ އޭޝިއާގެ ކުލަބަކަށް ކުޅެން ނިންމުމުން އޭނާ އަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އެކަމާ ގުޅޭގޮތުން ރޮނާލްޑޯ ބުނީ އޭނާ އަށް ޔޫރަޕްގެ ގިނަ ކުލަބުތަކެއްގެ ހުށަހެޅުންތައް ލިބުނު ކަމަށާއި، ނަމަވެސް ޔޫރަޕްގައި އޭނާ ހޯދަން ބޭނުންވާ އިތުރު ކާމިޔާބެއް ނެތް ކަމަށެވެ.
ރޮނާލްޑޯގެ ސައުދީގެ ކުލަބަކަށް ކުޅެން ނިންމުމުން އޭނާ އަށް ފާޑުކިޔާ ގިނަ މީހުން ބުނަނީ އެންމެ މަތީ ފަންތީގައި ބޯޅަ ކުޅޭ ފެންވަރު 37 އަހަރުގެ ރޮނާލްޑޯގެ ކިބައިގައި ނެތީ ކަމަށެވެ.
ރޮނާލްޑޯގެ ދިފާއުގައި އެންމެ ފަހުން ނުކުތީ ރެއާލްގެ ކޯޗު އަންޗެލޮޓީ އެވެ. އޭނާ ބުނީ ރޮނާލްޑޯގެ ނިންމުމުގެ ސަބަބުން މުޅި އޭޝިއާގެ ފުޓްބޯޅައަށް ކުރިއެރުން އަންނާނެ ކަމަށެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ބައްރުގައި ފުޓްބޯޅައިގެ ފޯރިގަދަކޮށް ސަޕޯޓަރުން އިތުރުވާނެ ކަމެއް ކަމަށް އަންޗެލޮޓީ ސިފަކުރި އެވެ.
އަންޗެލޮޓީ ބުނީ ރޮނާލްޑޯ އަކީ ރެއާލް މެޑްރިޑްގެ ލެޖެންޑެއް ކަމަށާއި، އަލް ނަސްރާ އެކު، ރޮނާލްޑޯ ފަށާ ކެރިއަރުގެ އާ ޗެޕްޓަރުގައި ވެސް ކާމިޔާބަށް އެދޭ ކަމަށެވެ.
"މިއީ އޭޝިއާގެ ފުޓްބޯޅައިގެ ކުރިއެރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް، ރޮނާލްޑޯގެ ސަބަބުން އެ ގައުމުގެ ފުޓްބޯޅައިގެ ފެންވަރު ރަނގަޅުވާނެ" 2013-2015 އަށް ރެއާލް މެޑްރިޑުގައި ރޮނާލްޑޯއަށް އިރުޝާދުދިން ކޯޗު ބުންޏެވެ.
ސައުދީގެ ކުލަބަށް ރޮނާލްޑޯ ކުޅެން ނިންމުމުން ރެއާލްގެ ކުރީގެ ބައެއް ކުޅުންތެރިންނާއި މިިހާރުގެ ބައެއް ކުޅުންތެރިންވަނީ އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ. ރޮނާލްޑޯ އެންމެ ފަހުން ކުޅުނު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ގާތުގައި، ރޮނާލްޑޯ، އަލް ނަސްރަށް ދިއުމާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ އިނގިރޭސި މީޑިއާ އިން ސުވާލުކުރުމުން ޓެން ހާގް ބުނީ، "ޓީމުގައި ނެތް ކުޅުންތެރިންގެ ވާހަކަ ދައްކަން" ބޭނުންނުވާ ކަމަށެެވެ.
އަލް ނަސްރަށް އަދި ރޮނާލްޑޯ މެޗެއް ނުކުޅުނު ކަމުގައިވިޔަސް މިހާތަނަށް އެކުލަބަށް ވަނީ ރޮނާލްޑޯގެ ޖާޒީ ވިއްކައިގެންވެސް ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެންމެ ފަހުން އެ ކުލަބު ކުޅުނު މެޗުގައި ރޮނާލްޑޯ ނުކުޅުނު ކަމުގައިވިޔަސް އެ މެޗުގެ ހުރިހާ ޓިކެޓެއް ވިކި ހުސްވި އެވެ. މީގެ އިތުރުން ކުލަބުގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަވުވެސް މިލިއަނުން އިތުރުވިކަން ފާހަގަކޮށްލެވެ އެވެ.












