ރިޔާދް، ސައުދީ އަރަބިއްޔާ (ޖެނުއަރީ 8) - ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ދާދި ފަހުން ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ އެކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އެ ޓީމަށް ކުޅޭ ކެމަރޫންގެ ފޯވާޑް ވިންސެންޓް އަބޫބަކާރު ޓީމުން ބޭރުކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ރޮނާލްޑޯ، 37، އަލް ނަސްރަށް ބަދަލުވިއިރު، އެ ކްލަބުން އޭނާ އަށް ސީޒަނެއްގެ މައްޗަށް ޖެހޭ މުސާރަ އަކީ މިހާތަނަށް ފުޓްބޯޅަ ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު މުސާރަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯއަށް އެކުލަބުން ރޮނާލްޑޯއާއިއެކު އެއްބަސްވެފައިވަނީ 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށެވެ.
ޑިސެމްބަރު މަހުގެ ފަހު ދުވަހު އަލް ނަސްރަށް ސޮއިކުރި ނަމަވެސް އޭނާގެ ރަޖިސްޓްރޭޝަންގެ ކަންކަން ހުރީ މުޅިން ހަމަ ނުޖެހި އެެވެ. އެންމެ ބޮޑު ސަބަބަކީ ސައުދީ ލީގުގެ ކުލަބުތަކަށް ލިބޭ ބިދޭސީ ކުޅުންތެރިންގެ އަށް ކޯޓާ ރޮނާލްޑޯ އައުމުގެ ކުރިން ހަމަވެފައިވުމުންނެވެ. އެކުލަބުން އުއްމީދުކޮށްގެން ތިބީ ރޮނާލްޑޯ ސޮއިކުރުމުގެ ކުރިން އެޓީމްގެ އުޒްބެކިސްތާން ކުޅުންތެރިޔާ ޖަލޯލިދީން މަޝަރިޕޯވް އެހެން ކުލަބަކާ ގުޅޭނެކަމަށެވެ. ނަމަވެސް ފަހު ވަގުތު އެ ޓްރާންސްފާގެ ކަންކަން ހަމަނުޖެހުނީ އެވެ.
އެންމެ ފަހުން ރޮނާލްޑޯ ރަޖިސްޓްރީ ކުރުމަށް އެކުލަބުން ދޫކޮށްލަން ނިންމީ ކެމަރޫންގެ ފޯވާޑް ވިންސެންޓް އަބޫބަކާރު އެވެ. މީގެ ދެ އަހަރު ކުރިން، 2021 ވަނަ އަހަރު އަލް ނަސްރަށް ސޮއިކުރި އަބޫބަކާރު ދާދި ފަހުން ނިމުނު ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާ އެކު އޭނާ ހޯދުމަށް ޔޫރަޕްގެ ބައެއް ކުލަބުތަކުން ހުށަހެޅުންތައް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަލް ނަސްރަށް ރޮނާލްޑޯ ކުޅޭނެ ފުރަތަމަ މެޗަށް ވާނެ ކަމަށް ބެލެވެނީ މި މަހުގެ 21 ގައި އަލް އިއްތިފާގާ ދެކޮޅަށް ކުޅޭ މެޗެވެ. އެހާތަނަށް ރޮނާލްޑޯގެ ސަސްޕެންޝަންގެ މައްސަލަ އާއި ޓީމުގައި ރަޖިސްޓްރީ ކުރުމުގެ ކަންކަން ނިމޭނެ ކަމަށް އަލް ނަސްރުގެ އޮފިޝަލަކާ ހަވާލާދީ ސައުދީ އަރަބިއްޔާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.












