ބައިނަލްއަގްވާމީ ތިން މުބާރާތެއް ރާއްޖޭގައި ބާއްވާ ގޮތަށް ޝެޑިއުލްކޮށް، ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް)ގެ 2023 ވަނަ އަހަރުގެ ކަލަންޑަރު އިއުލާންކޮށްފި އެވެ.
ރާއްޖޭގައި މިވަގުތު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް ކުޅިވަރު ކަމަށްވާ ބެޑްމިންޓަންގެ ހަރަކާތްތައް އެސޯސިއޭޝަނުން މި އަހަރު ތާވަލްކޮށްފައި ހުރީ މާޗް މަހުން ފެށިގެންގޮސް ނޮވެމްބަރު މަހާ ހަމައަށެވެ.
ބެޑްމިންޓަންގެ އަހަރީ ކަލަންޑަރުގައި 18 އިވެންޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖޭން ބައިވެރިވާ ބައިނަލް އަގުވާމީ ދެ ގޭމްސް އަކާއި ރާއްޖޭގައި ހޯސްޓް ކުރާ ބައިނަލް އަގުވާމީ ތިން މުބާރާތެއްގެ އިތުރުން ދެން ހިމެނެނީ، ރާއްޖޭގެ ލެވަލްގައި ކުޅެވޭނެ 13 މުބާރާތެކެވެ.
މި އަހަރު އަލަށް ބާއްވާ ބައިނަލްއަގްވާމީ މުބާރާތަކީ އަންނަ މެއި މަހުގެ ކުރީކޮޅު އޮންނަ މޯލްޑިވްސް އިންވިޓޭޝަނަލް ޗެލެންޖެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ މަތީ ފަންތީގެ އެތައް ކުޅުންތެރިންނެއް ވާދަކުރާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖު އޮންނާނީ ޖޫން މަހުގަ އެވެ. އޭގެ ފަހުން އޮގަސްޓް މަހު, މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސްގެ ނަމުގައި ވެސް މުބާރާތެއް އޮންނާނެ އެވެ.
މި އަހަރު ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ އެންމެ މުހިންމު ދެ މުބާރާތަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސް އެވެ. އައިއޯއައިޖީ އޮންނާނީ އޮގަސްޓް މަހުގެ 25 އިން ސެޕްޓެމްބަރު މަހުގެ ތިނަކަށް މަޑަގަސްކަރައިގަ އެވެ. އޭޝިއަން ގޭމްސް އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 އިން އޮކްޓޯބަރު އަށަކަށް ޗައިނާގެ ހަންޒޫގަ އެވެ.
މި ދެ ގޭމްސްގެ ތެރެއިން އައިއޯއައިޖީއަކީ ރައްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުން ވަރަށް ދުރާލާ ތައްޔާރުވާ މުބާރާތެކެވެ. އެންމެ ފަހުން ބޭއްވި އައިއޯއައިޖީ އިން ގިނަ މެޑަލްތަކެއް ހޯދި ބެޑްމިންޓަނުން މި އަހަރު ވެސް މުބާރާތާ ކުރިމަތިލަނީ 2019ގެ ކާމިޔާބީ ދަމަހައްޓާށެވެ.
ލޯކަލް މުބާރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޖޫން މަހު އޮންނަ 49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތާއި، އަތޮޅު ލީގު ބެޓްމިންޓަން މުބާރާތުގެ އިތުރުން އަހަރުގެ ފަހުކޮޅު އޮންނަ ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕެވެ. ހަމައެކަނި އިންޑިވިޖުއަލް އިވެންޓް އޮންނަ ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕަކީ މި އަހަރު މުޅިން އަލަށް ބާއްވާ މުބާރާތެކެވެ.
އިންޓަ ސްކޫލް މުބާރާތް ތިން ސަަރަހައްދެއްގައި މިއަހަރުވެސް އޮންނާނެ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމްތަކުން ވާދަކުރާ އިންޓަ ސްކޫލް ބެޑްމިންޓަން ޗެމްޕިއަންސް ލީގު އޮންނާނީ މާޗް މަހުގެ ކުރީކޮޅުގަ އެވެ. މިއީ މިއަހަރުގެ ބެޑްމިންޓަން ހަރަކާތްތައް ރަސްމީކޮށް ފަށާ އިވެންޓެވެ.
މި މުބާރާތްތަކުގެ އިތުރުން ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށްގެންދާ ވެޓްރަންސް މާސްޓާސް ކަޕާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ހާއްސަކޮށް ކުރިއަށްގެންދާ އެކްސްޕެޓްރިއެޓްސް ޗެމްޕިއަންޝިޕް ވެސް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ސަރުކާރު އޮފީސް/ކުންފުނިތަކުގެ މުބާރާތާއި ކޮލެޖު ޔުނިވާސިޓީ މުބާރާތްވެސް މިއަހަރު އޮންނާނެ އެވެ.












