ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 4) - ޔޫރަޕްގައި އޭނާ އަށް ހުރިހާ ކާމިޔާބެއް ހާސިލްކުރެވިއްޖެ ކަމަށާއި ދެން އޮތީ ސައުދީ އަރަބިއްޔާގެ އަލް ނަސްރްއާ އެކު އޭޝިއާ ލެވަލްގައި ކާމިޔާބީތަކެއް ހޯދައި ރެކޯޑްތަކެއް ހެދުން ކަމަށް އެ ޓީމަށް ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ސޮއިކުރި ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ، 37، ވަނީ ދެ އަހަރުބައި ކޮންޓްރެކްޓެއްގެ ދަށުން އަލް ނަސްރަށް ޖުމްލަ އެކު، 500 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް އާމްދަނީ ލިބޭ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. މިއީ މިހާތަނަށް މި ވަރުގެ މުއްދަތެއްގެ ތެރޭގައި ފުޓްބޯޅަ ކުޅުންތެރިއަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ފަހަރެވެ.
އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ، ރޭ މީޑިއާ އާއި ސަޕޯޓަރުންނަށް ތައާރަފްކުރިއިރު، އޭނާ ވަނީ މީޑިއާގެ ސުވާލުތަކަށް ވެސް ޖަވާބު ދީފަ އެވެ.
މީގެ އެއް މަސް ކުރިން މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލި ރޮނާލްޑޯ ބުނީ އަލް ނަސްރަށް އަންނަން އެއްބަސްވީ ގިނަ އޮފާތަކެއް ދޫކޮށްލުމަށް ފަހު ކަމަށެވެ.
"އަހަރެން ޔޫރަޕްގައި ހާސިލްކުރަން ބޭނުން ހުރިހާ ކަމެއް ކޮށްފިން. އަހަންނަށް ވަރަށް ގިނަ އޮފާ ލިބުނު ޔޫރަޕުން، ވަރަށް ގިނަ ހުށަހެޅުން ބްރެޒިލުން، އޮސްޓްރޭލިއާ އިން، އެމެރިކާ އިން އަދި ޕޯޗުގަލް އިން ވެސް ލިބުނު،" ޔޫރަޕްގެ ހަތަރު ލީގެއްގައި ކުޅުނު ރޮނާލްޑޯ ބުންޏެވެ.
"ގިނަ ކްލަބްތަކަކުން އަހަންނާ ވާހަކަ ދެއްކި، އެކަމަކު، އަހަރެން މި ކްލަބަށް (އަލް ނަސްރަށް) ދެވުނު ބަހުގެ އިތުބާރު ދަމަހައްޓައި، މި ޓީމާ މި ގުޅުނީ މި ޗެލެންްޖް ޝައުގުވެރިވީމަ. އަހަންނަކީ ޗެލެންޖް ނަގާހިތްވާ ކުޅުންތެރިއެއް،"
ޗެމްޕިއަންސް ލީގުގެ ތަށި ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ބުނީ އޭނާ އަކީ "ހާއްސަ" ކުޅުންތެރިއެއް ކަމަށާއި އަމިއްލަ ނަމުގައި ޔޫރަޕް ފުޓްބޯޅައިގެ ގިނަ ރެކޯޑްތަކެއް އެބައޮތް ކަމަށެވެ. އަދި އުންމީދަކީ އަލް ނަސްރަށް ކުޅެމުން ވެސް ގިނަ ރެކޯޑްތަކެއް ހެދުން ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

އަލް ނަސްރު ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ތައާރަފްކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.
"މި ގައުމު (ސައުދީ)ގެ ފުޓްބޯޅަ ސަގާފަތުގެ ތެރެއިން އަހަރެން ފުޓްބޯޅައިގެ އާ ކަންތައްތަކެއް ކޮށް، އާ ރެކޯޑްތަކެއް ހަދަން ބޭނުން،" ރޮނާލްޑޯ ބުންޏެވެ.
ސައުދީގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އަލް ނަސްރު އެންމެ ފަހުން ތަށި އުފުލާލީ 2019 ވަނަ އަހަރު އެވެ. ރޮނާލްޑޯ އަށް ފަހު އަލް ނަސްރުން ފޯކަސް ދެން ހުރީ މަޝްހޫރު އެހެން ކުޅުންތެރިންނަށެވެ.
އަލް ނަސްރުގެ ނަން ހާމަކުރަން ބޭނުންނުވާ އޮފިޝަލަކު ސައުދީ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކުރިއަށް އޮތްތަނުގައި އަލް ނަސްރުން ރެއާލް މެޑްރިޑަށް ކުޅޭ ކްރޮއޭޝިއާގެ ކެޕްޓަން، ލޫކަ މޮޑްރިޗާއި ޗެލްސީ އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަށް ވެސް ބޮޑު ބިޑެއް ކުރާނެ ކަމަށެވެ.
ނިއުކާސަލް އިން ރޮނާލްޑޯ ފެނިދާނެތަ؟
އަލް ނަސްރަށް ރޮނާލްޑޯ ސޮއިކުރުމާ އެކު، ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރި އެއް ވާހަކަ އަކީ، ރޮނާލްޑޯ ބޭނުންނަމަ އަންނަ އަހަރު ނިއުކާސަލް ޔުނައިޓެޑަށް ބަދަލުވެވޭ ގޮތަށް އަލް ނަސްރުގެ ކޮންޓްރެކްޓްގައި މާއްދާއެއް ހިމަނާފައިވާ ކަމަށެވެ. އެއީ ނިއުކާސަލް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ އެވެ.
އަލް ނަސްރާއި ނިއުކާސަލް އަކީ ގުޅުން އޮތް ސައުދީގެ އިންވެސްޓަރުންތަކެއް ހިންގާ ދެ ކްލަބް އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ދަނޑުގައި ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ ރޮނާލްޑޯ އަށް ނިއުކާސަލް އަށް ކުޅެވޭ ގޮތަށް ކޮންޓްރެކްޓްގައި މާއްދާއެއް އޮތް ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށެވެ.
"ރޮނާލްޑޯ އަށް އަހަރެމެންގެ ފަރާތުން ވެސް ކާމިޔާބަށް އެދެން. އެކަމަކު، ތިބުނާ ވާހަކައިގައި (ނިއުކާސަލަށް ރޮނާލްޑޯ އަށް އާދެވޭ ގޮތަށް ކޮންޓްރެކްޓްގައި އޮތް ކަމުގެ) ހަގީގަތެއް ނެތް. އެކަން ޔަގީންކޮށްދެން،" ކުރިން ބޯންމައުތު ކޯޗަކަށް ހުރި ހޯވް ބުންޏެވެ.
އޭނާ ބުނީ ނިއުކާސަލްގައި އޮތް ޕްރޮޖެކްޓަކީ މަޑުމަޑުން ކްލަބްގެ ހަރަދުކުރުމުގެ ވައްޓަފާޅި އާއި އެހެނިހެން ކަންކަން އެހެން ބޮޑެތި ކްލަބްތައް އޮތް ހިސާބަށް ގެންދިއުން ކަމަށް ހޯވް ވަނީ ބުނެފަ އެވެ.












