ލިވަޕޫލް (ޑިސެމްބަރު 29) - ނެދަލެންޑްސްގެ ޒުވާން ފޯވާޑް، ކޯޑީ ގަކްޕޯ، އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ބަދަލުވީ އެ ޓީމަށް ކުޅޭ ނެދަލެންޑްސްގެ ކެޕްޓަން، ވާޖިލް ވެން ޑައިކާ ވާހަކަ ދެއްކުމަށް ފަހު ކަމަށް ބުނެފި އެވެ.
ގަކްޕޯ، 23، ލިވަޕޫލާ އެކު ހަ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާއިރު، އޭނާގެ އަގު ޖުމްލަ އެކު، 50 މިލިއަން ޑޮލަރަށް އަރާނެ އެވެ. ލިވަޕޫލުން ގަކްޕޯގެ ޑީލްގައި ދެން ފުރިހަމަ ކުރަން ޖެހޭނެ ބަޔަކީ އޭނާގެ ވޯކް ޕާމިޓް ހޯދުމުގެ ކަންކަމެވެ.
ގަކްޕޯގެ ސޮއި ހޯދަން މަޝްވަރާކުރި ކްލަބްތަކުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ދެ ބާރު ކަމަށްވާ، މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ވެސް ހިމެނެ އެވެ.
އެކަމަކު، ލިވަޕޫލުން ގަކްޕޯ ގަންނަން މަސައްކަތް ފެށިތާ މާގިނަ ވަގުތުތަކެއް ނުނަގައި، ހައެއްކަ ގަޑިއިރުގެ ތެރޭގައި ވަނީ ގަކްޕޯ ކުޅެމުން އައި ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަންއާ އެކު އެއްބަސްވުމަކަށް އަތުވެފަ އެެެވެ.
ލިވަޕޫލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ގަކްޕޯ ބުނީ ލިވަޕޫލާ ގުޅުމުގެ ކުރިން ވެން ޑައިކާ ވާހަކަ ދެއްކި ކަމަށެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ވެން ޑައިކް ވަނީ ވަރަށް ބޮޑަށް ގަކްޕޯ އަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ.

ނެދަލެންޑްސްގެ މެޗެއްގެ ތެރެއިން ވެން ޑައިކް (ކ) އާއި ގަކްޕޯ.
ގަކްޕޯ ބުނީ ވެން ޑައިކްގެ ލަފާގެ މަތިން ލިވަޕޫލާ ގުޅުން ވީ ވަރަށް ފަސޭހަ ނިންމުމަކަށް ކަމަށެވެ.
"މިދިޔަ ދުވަސްތަކުގައި އަހަރެމެން ފޯނުން ވަރަށް ގިނަ ވާހަަކަ ދެއްކިން، އޭނަ (ވެން ޑައިކް) އަހަރެން ގާތުގައި ބުނީ މިއީ ކެރިއަރުގައި އާ ކަންތައްތަކެއް ދަސްކޮށް ޑިވެލޮޕްވާން ބަލާއިރު، އަހަންނަށް އެންމެ ރަނގަޅުވާނެ ކްލަބް ކަމަށް،" ގަކްޕޯ ބުންޏެވެ.
"މިއީ ވަރަށް ބޮޑު ކްލަބެއް، އާއިލާއެއްގެ ގޮތުގައި އޮތް ކްލަބެއް، އަހަންނަކީ ވެސް ވަރަށް އެ ވިސްނުމުގެ އާއިލީ މީހެއް. އަހަރެން ވަރަށް އުފާވޭ ވެން ޑައިކް އަހަންނަށް އެހީވާން މި ކްލަބްގައި ހުންނާނެތީ. އަހަރެންގެ ޑިވެލޮޕްމަންޓްގައި އޭނާ އަށް އިސް ރޯލެއް ކުޅެދެވޭނެ،"
ނެދަލެންޑްސްގެ ހަތަރު އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅުނު ގަކްޕޯ، ސީނިއާ ޓީމަށް ކުޅެން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. މި ސީޒަނުގައި މިހާތަނަށް ގަކްޕޯ ހުރީ ރަނގަޅު ފޯމެއްގަ އެވެ. އޭނާ ވަނީ ވޯލްޑް ކަޕާއި ކްލަބް މެޗުތައް ހިމެނޭ ގޮތަށް މި ސީޒަނުގައި 34 މެޗުން 18 ލަނޑު ޖަހައި، 18 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ގަކްޕޯގެ ޑީލް ނުނިންމުމުން ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ހިތްހަމަނުޖެހިފައި
ގަކްޕޯގެ ޑީލް ނިންމަން އެންމެ ބޮޑަށް ފާރަލަމުން އައި ކްލަބަކީ ޕީއެސްވީ އައިންދޯވަންގެ ކޯޗަކަށް މި ވަގުތު ހުރި ރޫޑް ވެން ނިސްޓަލްރޫއީގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑް އެވެ. މި ސީޒަން ފެއްޓުމުގެ ކުރިން ވެސް ޔުނައިޓެޑުން ވަނީ ގަކްޕޯ ގަންނަން މަސައްކަތް ކޮށްފަ އެވެ. އެއީ އޭރު އަޔަކްސް އަށް ކުޅެމުން އައި ބްރެޒިލްގެ ވިންގް، އެންޓޮނީގެ ޑީލް ނިންމަން ޔުނައިޓެޑަށް ގޮންޖެހުން ކުރިމަތިވި ދަނޑިވަޅުގަ އެވެ.
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ މީގެ ކުރިން ނޫސްވެރިންގެ އެކި ބައްދަލުވުންތަކުގައި ގަކްޕޯގެ ޑީލާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބު ވެސް ދީފަ އެވެ. ލިވަޕޫލުން ގަކްޕޯ ގަތް ފަހުން، މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން، ޓެން ހާގް ބުނީ ޔުނައިޓެޑުން ދާން މިހާރު ބޭނުންވާ މިސްރާބަށް ބަލާއިރު، ކުރަން ޖެހޭ ހަރަދުކޮށްފައި ރަނގަޅު ކުޅުންތެރިޔާގެ ސޮއި ހޯދަން އިންވެސްޓް ކުރާނެ ކަމަށެވެ.
އީއެސްޕީއެން އިން ރިޕޯޓްކުރާ ގޮތުގައި ޔުނައިޓެޑުން އެއްވެސް ފަހަރަކު ގަކްޕޯ ގަންނަން ރަސްމީ ބިޑެއް ކޮށްފައެއް ނުވެ އެވެ. އެކަމާ ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ހުރީ ހިތްހަމަޖެހިފަ އެވެ. މި ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑުން ޕީއެސްވީއާ މަޝްވަރާ ކުރިއިރު، ހަމައެކަނި ވާހަކަ ދެކެވުނީ ގަކްޕޯ ގަންނަން 30 މިލިއަން ޑޮލަރުގެ ބިޑެއް ކުރުމަށެވެ. އެކަމަކު، އެ އޮފާ ރަސްމީ ސިފައެއްގައި ހުށަހަޅާފައިނުވާ ކަަމަށް ރިޕޯޓްތައް ބުނެ އެވެ.












