ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާ ބާއްވައި އެ ކުންފުނިން އަންނަ އަހަރަށް އަރަނި ބަޖެޓެއް ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ޖަލްސާގައި ވަނީ އެ ކުންފުނިން މިދިޔަ އަހަރު ހޯދާފައިވާ ކުރިއެރުންތަކާއި، ކުންފުނީގެ މާލީ ހިސާބުތައް އަދި ކުންފުނީގެ ކުރިމަގާއި މެދު އަލިއަޅުވާލާފަ އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރި މަސައްކަތުގައި، އިގްތިސާދު ހީނަރުވެފައި އޮތް ދަނޑިވަޅެއްގައި ދިމާވި ގޮންޖެހުންތަކާ އެކު ވެސް އެ ކުންފުނީގެ މާލީ ހާލަތު ވަނީ ދެމެހެއްޓިފަ އެވެ.
އަހަރީ އާންމު ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި އެ ކުންފުނީގެ ބަޖެޓު ވެސް ފާސްކޮށްފައިވާއިރު އެއީ އަރަނި ބަޖެޓެއް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ހާސިލުކުރުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ އެންމެ މުހިންމު އެއް ސިޔާސަތަކީ ހަރަދު ކުޑަކުރުމެވެ. އެކަމަށް މަގުފަހި ކުރުމުގެ ގޮތުން އެ ކުންފުނީގެ ގްރިޑުގައި ބޭނުންކުރާ 35 އިންސައްތަ ކަރަންޓަކީ އިޔާދަކުރަނިވިކޮށް އުފައްދާ ކަރަންޓަށް ހެދުމަށް ވަނީ ނިންމާފަ އެވެ.
އަދި، ތެލަށް ކުރާ ހޭދަ ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، އިޔާދަ ކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުންވެސް އެކަންކަމުގެ ތެރޭގައި ހިމެނެ އެވެ.
ހަމައެހެންމެ، އެ ކުންފުނީގެ ވިޔަފާރި ސިންދަފާތުކޮށް، ސޭލްސް ސެންޓަރާއި، ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، އިތުރު ވިޔަފާރިތައް އެކްސްޕްލޯކޮށް، އޭގެން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުމުގެ އަމާޒު ވެސް ވަނީ ކަނޑައަޅާފަ އެވެ.
އޭގެ އިތުރުން، މި ޖަލްސާގައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގައި ހިންގަމުންދާ ހަވަނަ ޕަވާ ޑިވެލޮޕްމަންޓު ޕްރޮޖެކްޓުގެ ގޮތުގައި 70 މެގަވޮޓުގެ އީންޖުގެއެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ވެސް ނިންމާފަ އެވެ.
މާލެ އާއި ތިލަފުށި ގުޅާލުމުގެ މަސައްކަތް ކުރަމުންދާއިރު އިންޓަކަނެކްޝަން ގްރިޑުގެ ފޭސް ދޭއްގެ މަސައްކަތް ފަށައި، އެއް ވިއުގައަކުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ވެސް ނިންމާފަ އެވެ.
އަންނަ އަހަރު އެ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ވަނީ ކަނޑައަޅާފަ އެވެ.
ސްޓެލްކޯއިން ދަނީ އެނާޖީ މެނޭޖުމަންޓު ސިސްޓަމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ފިންލޭންޑުގެ ވާޓްސިލް ކުންފުންޏާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.










