"ކްރިމިނަލް ކޯޓުން މި ވަރުގެ ބޮޑު 11 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްޔެ, ކުރީގެ ރައީސެއްގެ މައްޗަށް އިއްވިއިރު އަދިވެސް ރިޕޯޓް ނުލިބޭ، ކޯޓަށް ހާޒިރުވީ 9 ޖެހިއިރު، ޝަރީޢަތް ފެށީ 12 ޖަހަން ކައިރި ވެފައި ހުއްޓާ، ހުކުމް މި އިއްވީ ރިޕޯޓް ތައްޔާރުނުކޮށް ތިބެބާ؟ މިއީ އިންސާފުތޯ؟"
އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މުހައްމަދު ޓުވިޓާގައި "ބަންޑުންކޮށްލި" ޝަކުވާތަކެވެ. ހައްގު ޝަކުވާތަކެކެވެ. އާދީއްތަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ތާވަލުކުރި ޔާމީންގެ އަޑުއެހުން ނިންމާލިި އިރު އިރުއޮއްސިއްޖެ އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ރިޕޯޓް ދޫކުރެވުނީ އިއްޔެ މެންދުރުފަހެވެ.
ޔާމީނަކީ ބޮޑު ސިޔާސީ ޕާޓީއެއްގެ ލީޑަރެވެ. އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ. ތުހުމަތަކީ އެމަނިކުފާނު ރާއްޖޭގެ ރައީސަކަށް ހުންނެވިއިރު، މުޅި ދައުލަތް ބޭނުންކޮށްގެން ހިންގި ބޮޑު ހިޔާނާތުގައި ބައިވެރިވުމެވެ. މި އެކި ސަބަބުތަކާ އެކު، ހެނދުނު ނުވައެއް ޖަހާއިރުން ފެށިގެން އެ ބޮޑު ހުކުމަށް ގިނަ ދިވެހިން އެ ދުވަހު ތިބޭނީ އިންތިޒާރުގަ އެވެ.
ސޯޝަލް މީޑިއާގައި އެ ދުވަހު ފުރަތަމަ އޮތީ މި ވާހަކަ އެވެ. ސަބަބެއް ނޭނގި ޝަރީއަތް ލަސްވަމުން ގޮސް ދެ ގަޑިއިރު ފާއިތުވެގެން ދިޔަ ވާހަކަ އެވެ. ކޯޓުގައި ޝަރީއަތުގެ އަޑުއެހުމަށް ދާނީ ގާތްގަނޑަކަށް ތިންވަރަކަށް ގަޑިއިރެވެ. އެކަމަކު ތާވަލުކުރި ވަގުތުން ފެށިގެން ހުކުމް އިއްވާ ނިންމުމާ ހަމައަށް ނުވަ ގަޑިއިރު ހިނގި އެވެ. އެއަށް ފަހު ދެން ޖެހުނު މައްސަލައަކީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބުމެވެ. އެ ރިޕޯޓު ދެވުނީ ޖެހިގެން އަދި ދުވަހު މެންދުރެވެ.
ސިޔާސީ ބޭފުޅެއްގެ މައްސަލައަކާއި، ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައަށް ވުމާ އެކު ކޯޓުގެ އިދާރީ ލަސްވުންތައް އެންމެންނަށް ފާހަގަވެ އެ ވާހަކަ މުޅި ސޯޝަލް މީޑިއާގައި އެ އޮތީ އެވެ. ފަހަރެއްގައި ރައީސް ޔާމީންގެ ވަކީލުން ސޯޝަލް މީޑިއާގައި އެ ވާހަކަތައް ގިނައިން ދެއްކުމާއި ކޯޓަށް ވެސް ގޮސް ރިޕޯޓް ލިބެންދެން ކުރި ހިތްވަރުން ގިނަ ބައެއްގެ ސަމާލު ކަމަށް އަންނަ ވަރުކޮށްލީ އެވެ.
"ރައީސް ޔާމީންގެ ޝަރީއަތުގައި ތިން ކަމެއް މި ހިނގީ. ފުރަތަމަ ޝަރީއަތް ފެށުން ވަރަށް ބޮޑަށް ލަސްވުން، އެއީ ދެން ހަމަ ވަރަށް އާންމު ކަމެއް. ދެން އޮތީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުން، ގިނަވެގެން 10 ދުވަހުގެ ފުރުސަތު ދޭން އޮންނަ އިރު ދިނީ މާ ކުޑަވަގުތުކޮޅެއް. ފަހު ކަމަކަށް ރިޕޯޓް ވަގުތުން ނުލިބުން، އެއީ ވެސް ވަރަށް އާންމު ކަމެއް،" ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ އަބްދުﷲ ޝާއިރު ވިދާޅުވި އެވެ.
ދިފާއީ ވަކީލުން ކޯޓުތަކަށް ވަގުތު ދެނީ ދުރާލާ ކޯޓުތަކުގެ ގަޑިތައް ހޯދުމަށް ފަހެވެ. އެކަމަކު 10:00 ޖަހާއިރަށް ހަމަޖެހޭ އަޑުއެހުމެއް ލަސްވަމުން ގޮސް މެންދުރުފަހުން ވެސް ބޭއްވިފައި ހުރެ އެވެ. އޭގެ ސަބަބުން މެންދުރުފަހު ވަގުތު ދީފައި އޮންނަ އެހެން މައްސަލައެއްގެ އަޑުއެހުން ޖެހޭނީ ކެންސަލްކުރާށެވެ. ނޫނީ ފަހުގެ ވަގުތަކަށް ފަސްކުރާށެވެ. މިއީ ކޯޓުތަކުގައި އާންމުވެފައި އޮތް މައްސަލައެކެވެ.
ތާވަލުކުރެވިފައިވާ ވަގުތުގެ 15 މިނެޓް ކުރިއަށް ގޮސް އަޑުއެހުމަށް ވަންނަން ނަން ނޯޓް ކުރަން ޖެހެ އެވެ. ނަން ނޯޓް ކުރުމަށް ފަހު، ޝަރީއަތް ފެށެން ދެން ދެތިން ގަޑިއިރު އިންތިޒާރުގައި ކޯޓުގެ އެތެރޭގައި ތިބެން ޖެހުނު ފަހަރު މަދެއް ނުވާނެ އެވެ. އެހާ ގިނަ އިރު ވުމަށް ފަހު ފެށޭން އަދި އެތައް ގަޑިއިރެއް ވާނެ ކަން އަންގާފައި އެބަ ހުއްޓެވެ. ކެންސަލް ވެސް ކޮށްފައި އެބަ ހުއްޓެވެ.
އޮންލައިންކޮށް ބާއްވާ ޝަރީއަތުގެ އަޑުއެހުންތައް ފެށުން ވެސް ވަރަށް ބޮޑަށް ލަސްވެ އެވެ. އެ ގޮތަށް ބާއްވާ އަޑުއެހުންތައް ނުފަށައިގެން، ކޯޓަށް ގުޅުމުން ހަބަރު ނުވެދާ ފަހަރު ވެސް މަދެއް ނުވާނެ އެވެ. އަޑުއެހުން ކެންސަލް ވެގެން ދިޔަ ކަން ދެން އެނގޭނީ އެހެން ނޫސްވެރިއެއްގެ ފަރާތުންނެވެ. ނޫނީ އެ މައްސަލާގައި ހިމެނޭ ދިފާއީ ވަކީލެއްގެ ފަރާތުންނެވެ. ބައެއް ފަހަރު ޕީޖީން ވެސް އޮޅުން ފިލުވަން ޖެހިދާނެ އެވެ.
އެންމެ ފުރަތަމަ ކޯޓުން ތާވަލު ނެރޭއިރު އެއީ ހާޒިރުވެގެން، އޮންލައިންކޮށް ނޫނީ ސިއްރުން ދާނެ އަޑުއެހުމެއް ކަން ވެސް އެނގޭކަށް ނޯވެ އެވެ. ގިނަ ފަހަރު ޖެހުނީ ގުޅައިގެން އެ ކަމެއް ސާފުކުރުމަށެވެ. ނުގުޅިގެން، މުހިންމު އަޑުއެހުންތަކަށް ނުވަދެވި ވެސް ގޮސް އެބަ ހުއްޓެވެ. އޮންލައިން ކަމެއް ނޫނީ ހާޒިރުވާން ޖެހޭ ކަމެއް ސާފުނުވެގެނެވެ. ފަހުން ދެން ތާވަލު އާންމުކުރަނީ އެ ކަންކަން ހިމަނައިގެނެވެ.
ދެން މި އޮތީ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވުމެވެ. މި ލިޔުމަށް ވާހަކަ ދެއްކި ގިނަ ވަކީލުން ވެސް ބުނެފައި ވަނީ ވަގުތުން ވަގުތަށް ޝަރީއަތް ނިމުމާއެކު ރިޕޯޓް ދެނީ މަދު ފަހަރަކު ކަމަށެވެ. އެކަމަކު ޔާމީންގެ މައްސަލާގައި ރިޕޯޓް ދިންހާ ލަސްކޮށް ނުދޭ ކަމަށް ބައެއް ވަކީލުން ބުނާއިރު، އެ ކަމާ ހިޔާލު ތަފާތުކޮށް ވެސް ބައެއް ވަކީލުން ވާހަކަ ދައްކާފައިވެ އެވެ.
"ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓްގެ ކަންތައް، ވަގުތުން ވަގުތަށް މަދު ފަހަރަކު ރިޕޯޓް ދޭނީ، ބައެއް ފަހަރު ރަށްރަށުގެ ކޯޓުތަކުގައި އަނެއް ދުވަހު ވެސް ދީފައި އެބަ ހުރޭ، ކްރިމިނަލް ކޯޓުގައި ދެން އެހާ ލަސްވުން އާންމު ނޫނަސް، ބައެއް ފަހަރު ހަމަ ވަރަށް ލަސްވެފައި ވެސް އެބަ ހުރި،" ޝާއިރު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމާއި ޝަރީއަތް ފެށުމާއި ޝަރީއަތުގެ ރިޕޯޓް ދިނުން ލަސްވެގެން ވަކީލުން ކަންބޮޑުވުން ވެސް ފާޅުކޮށްފައި އޮތް ވަގުތަކަށް ވެސް ވެފައި، މަސްލަހަތަށް ޓަކައި މި ލިޔުމަށް ބައެއް ވަކީލުން ވާހަކަ ދެއްކީ ވެސް ނަން ނުޖެހުމަށް ޝަރުތުކޮށްފަ އެވެ.
"ޝަރީއަތް ލަސްވުން އެއީ ވަރަށް އާންމު ކަމެއް. އެކަމަކު ރިޕޯޓް އެހާ ބޮޑަށް ލަސްވެފައި ހުރި ހަނދާނެއް ނެތް، އެކަމަކު އެއީކީ ވެސް ވަގުތުން ވަގުތަށް ގިނަ ފަހަރު ދެވޭ އެއްޗެއް ނޫން. ޝަރީއަތް ނިންމާ ދުވަހުގެ ދެތިން ގަޑިއިރު، ބައެއް ފަހަރު ހައެއްކަ ގަޑިއިރު ފަހުން ދެވިފައި ހުރީ،" މިހާރު ވެސް ސިޔާސީ މީހުންގެ މައްސަލަތަކުގައި މަސައްކަތް ކުރަމުން އަންނަ ވަކީލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
އެ މައުލޫގައި ވާހަކަ ދެއްކި އެހެން ވަކީލަކު ބުނީ ވަރަށް ގިނަ މައްސަލަތަކުގައި ވެސް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލަސްވެފައި އެބަ ހުރި ކަމަށެވެ. އޭނައަށް ފެންނަ ގޮތުގައި، މި ފަހަރު އެހާ ބޮޑަށް އެ ކަން އަޅައިގަނެގެން މި ދަނީ އަދި ދިފާއީ ވަކީލުން އެހާ ވަރަކަށް އެ ވާހަކަ ދެއްކެނީ ވެސް ސިޔާސީ މީހެއްގެ މައްސަލައަކަށް ވެސް ވާތީ އެވެ.
"މީގައި އަސްލު ޕޮއިންޓްއަކީ، އެއީ ވެގެން ވާނެ ކަމެއް ނޫނޭ، އާންމު ކަމެއް ގޮތަށް އޮތަސް، އެއްވެސް މައްސަލައެއްގައި އެ ކަން އޮންނަން ވާނެ ގޮތެއް ނޫން، އެއްވެސް މައްސަލައެއްގައި ރިޕޯޓް އެހާ ލަހުން އާންމުކޮށް ނުވާނެ، ޝަރީއަތް ނިމޭއިރު އޮންނަން ވާނީ ރިޕޯޓް ދީފައި،" ސިޔާސީ ވަރަށް ގިނަ މީހުންގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައި ހުރި ވަކީލަކު، ނަން ނުޖެހުމަށް އެދި ބުންޏެވެ.
މިހެން މެދުވެރިވާން ދިމާވާ ގިނަ ސަބަބުތަކެއް ހުރެ އެވެ. ހުކުމް ފުރަތަމަ ވެސް ލިޔާނީ ގާޒީ ދިން ނުކުތާތަކުގެ މައްޗަށް ކޯޓުގައި ހުންނަ އިދާރީ މުވައްޒަފެކެވެ. ފުރަތަމަ ހުކުމް އިއްވާއިރު އެ ލިޔުމުގައި ކުށް ހުރެދާނެ އެވެ. ހާއްސަކޮށް އިބާރާތުގެ ކުށެވެ. ބައެއް ފަހަރު ހުކުމް އިއްވާއިރު ގާޒީ އަޅައިގަންނަ ފަހަރުތަކާއި ލިޔުންގަނޑު ނުކިޔެގެން ހުއްޓިލާ ފަހަރު ވެސް އަންނަނީ އެހެންވެ އެވެ. ދެން ރިޕޯޓް ދޫކުރާއިރު ލަސްވުންތަކެއް އަންނަނީ ވެސް އެ ބައި އިސްލާހު ކުރުމުގައި ކަމަށް ވެސް ވެދާނެ އެވެ.
ކޮންމެ ގޮތެއް ވިޔަސް ވެސް ކޯޓުގެ އިދާރީ ކަންކަން އެއަށް ވުރެ ހަރުދަނާ ވާން ޖެހެ އެވެ. ނުވައެއް ޖަހާއިރު ތާވަލުކޮށް އެ ވަގުތަށް ފެށެން އެބަ ޖެހެ އެވެ. ހުކުމް ލިޔުމަށާއި ލިޔުމުގައި އެއްވެސް ކުށެއް އޮތްތޯ ބެލުމަށް ވަގުތު ލިބެ އެވެ. ގާނޫނުގައި އޮންނަ ގޮތަށް އަމަލުކުރާ ނަމަ، 30 ދުވަހެވެ. ގިނަ ފަހަރު، އެ މުއްދަތަށް ވުރެ މާ ފަހުން ވެސް ހުކުމް އިއްވާފައި އެބަ ހުއްޓެވެ. ހުކުމްކުރާން އަޑުއެހުން ތާވަލުކުރަން ވާނީ ވެސް އެހާ ވަރަށް ތައްޔާރުވެގެނެވެ. ހުކުމްކޮށް ނިމޭއިރަށް ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ވެސް ވަގުތުން ދޭން ވާނެ އެވެ. އެއީ ރައީސް ޔާމީން އަދި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބެންޖެހޭ ހައްގެކެވެ.












