މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަންނަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް، ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އިއްޔެ މެންދުރު ފަހު، ސޮނީ ހައުސްގައި ބޭއްވި ހާއްސަ އިވެންޓެއްގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާ އެވެ. އަދި ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެސިސްޓެންޓް މާކޮމް މެނޭޖަރު، މަރިޔަމް އަބްދުﷲ (މަރީ) އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް މިހާތަނަށް ބޭއްވި ހަ ފަހަރުގައި ވެސް ސޮނީ ސްޕޯޓްސް އިން ވަނީ ސްޕޮންސަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރެއިން ދެ ފަހަރެއްގެ މަތިން ޓައިޓަލް ސްޕޮންސަރުންގެ ގޮތުގައި މަސައްކަތްކުރިއިރު، މި ފަހަރަކީ، ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ސޮނީ ފެންނާނެ ތިން ވަނަ ފަހަރެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ރިލްވާްން (ވ) އާއި ސޮނީ ސްޕޯޓްސްގެ ފަރާތުން މަރީ، އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ދެކޭ ގޮތުގައި ސޮނީ ފަދަ ދިވެހި ކުޅިވަރުގައި އިތުބާރު ހޯދާފައިވާ ކުންފުންޏެއްގެ ސަޕޯޓާއެކު މި މުބާރާތް ކުރިއަށް ގެންދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ސޮނީ ސްޕޯޓްސް އިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުރިއަށް އޮތް މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރުކަން ނަގަން ނިންމި އެންމެ ބޮޑު ސަބަބަކީ މި މުބާރާތަކީ، މުޅި ރާއްޖޭގެ މެދުގައި ވަރަށް ފޯރީގައި ކުރިއަށްދާ މުބާރާތަކަށް ވާތީ، މި ފަދަ ކުޅިވަރުގެ ބޮޑު އިވެންޓެއްގައި ބައިވެރިވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެންނެވެ.
އިއްޔެ ބޭއްވި ސްޕޮންސަޝިޕް އިވެންޓްގައި ވަނީ އަންނަ އަހަރު މުބާރާތުގެ ލޯގޯ ވެސް ވަނީ ރަސްމީކޮށް ދައްކާލައިފަ އެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން، 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި އަހަރުގެ މުބާރާތުގައި 102 ޓީމު ބައިވެރިވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި އަދަދަށް ވުރެ އިތުރު އަދަދެކެވެ.
އަންނަ ފެބްރުއަރީ މަހު ފަށަން ތާވަލުކޮށްފައިވާ، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އާ މުބާރާތުގައި ގިނަ ޓީމުތަކެއް ބައިވެރިވެފައިވާތީ، މެޗުތަކުގެ އަދަދު ވެސް ގިނަވާނެ އެވެ. މި ފަަހަރުގެ މުބާރާތުގައި 240 އަށް ވުރެ ގިނަ މެޗު ކުޅޭނެ އެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ރާވާފައިވަނީ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންގޮސް، މުބާރާތް ވީހާ ވެސް ފުރިހަމަކޮށް މުބާރާތް ކުރިއަށް ގެންދިއުމަށެވެ.
ގިނަ ބަޔެއްގެ ތަރުހީބު ބޮޑު މުބާރާތެއްގެ ގޮތުގައި އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ، ޕަބްލިކް ރިލޭޝަން (ޕީއާރް) ޕާޓްނަރެއްގެ ގޮތުގައި "އަދަދު" ހަމަޖައްސާފައިވާއިރު، "އަދަދުގެ ފަރާތުން މުބާރާތް ޕްރޮމޯޓް ކުރަން ގިނަ ކަންތައްތަކެއް ކުރަން ވަނީ ރާވައިފަ އެވެ.












