މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް އެމްއޭސީއެެލް ސާވިސް ރިކޮގްނިޝަން ވޯޑު ދީފި އެވެ.
ދަރުބާރުގޭގައި ރޭގައި އެކަމަށް ހާއްސަކޮށް ބޭއްވި ހަފްލާއެއްގައި އެ ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދީފައިވާ 145 މުވައްޒަފަކަށް އެވޯޑުދީފައިވެ އެވެ.
އެ ހަފްލާގައި އެ ކުންފުންޏަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ 41 މުވައްޒަފުންނާއި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ 68 މުވައްޒަފުންގެ އިތުރުން 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ 16 މުވައްޒަފުންނަށް ވަނީ އެވޯޑު ދީފަ އެވެ. އޭގެއިތުރުން 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ 15 މުވައްޒަފުންނާއި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ފަސް މުވައްޒަފުންނަށް ވެސް ހިދުމަތުގެ އަގުވަޒަންކޮށް އެވޯޑު ދީފައިވެ އެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މަހްޖޫބު ޝުޖާއު ވިދާޅުވީ، ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ސަބަބުން އޭވިއޭޝަން އިންޑަސްޓްރީއަށް ޝައުގުވެރިވެ ދާއިރާއަށް ނުކުންނަ ޒުވާނުން ގިނަ ކަމަށެވެ.
"ހިދުމަތުން އިންސްޕަޔާވާ ކިތަންމެ ދަރިންނެއް މި މުޖުތަމައުގައި ތިބޭނެ، އަދި މިއީ ހަމައެކަނި އެމްއޭސީއެލްއަށް ކޮށްދެއްވާ ހިދުމަތެއް ނޫން، ގައުމުގެ ޒުވާން ޖީލު ރަނގަޅު މަގަށް ގެންދިޔުމަށް ވެދޭ އެހީތެރިކަމެއް،" ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަން ކުރައްވަމުން މަހްޖޫބު ވިދާޅުވި އެވެ.
އޭގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކަކީ އެއާޕޯޓަށާއި ހިދުމަތުގެ ރެކޯޑަށް ވެސް އުފާވެރި ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއާޕޯޓުގެ ޖާގަ އިތުރުވެ، ހިދުމަތްތައް ފުޅާވެގެންދާއިރު، އެ މަސައްކަތުގައި ތަޖުރިބާއާއި ވިސްނުން ވަރަށް މުހިންމު ވާނެ ކަން ވެސް މަހްޖޫބު ފާހަގަ ކުރެއްވި އެވެ.
"ވައިގެ ދަތުރުފަތުރު ފަދަ ހަލަބޮލި ސިނާއަތެއްގައި ހިދުމަތް ކުރުމުގައި ވިހި ތިރީހަކަށް އަހަރު ހޭދަ ކުރުމަކީ ވަރަށް ބޮޑު ކާމިޔާބެއް، ވަޒީފާ ދޭ ފަރާތެއްގެ ހައިސިއްޔަތުން އެމްއޭސީއެލްގެ ލެގަސީ އަކީ ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ކުންފުނިކަމުގައި ވުން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުވައްޒަފުން ކުންފުނީގައި ދިގު މުއްދަތަކަށް މަސައްކަތް ކުރުމުގެ އެއް ސިއްރަކީ މުވައްޒަފުންނާ މެދު ބަހައްޓާ ފަރުވާތެރިކަމާއި ގާތްކަން ކަމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކުންފުންޏަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ގިނަ ވަޒީފާދޭ އެއް ކުންފުންޏެވެ. 3500 އަށް ވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގެ އެކި ދާއިރާތަކުގައި ހީވާގިކަމާ އެކު މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ލާބައާއި މަންފާއަށް އަބަދުވެސް އިސްކަންދޭ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.










