ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުރު ފަދަ ހަމަޖެހޭ އަދި ތަފާތު ހިޔާލަށް ފުރުސަތު އޮތް ވެރިކަމެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހަށް ތާއިދުކުރާ ފަރާތްތަކުން އިސްނަގައިގެން މިރޭ ބޭއްވި "ޖަގަހަ ޖަލްސާ"ގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ބޭނުންވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ރައީސް ސޯލިހް ހޮވިވަޑައިގެން އެމަނިކުފާނު ވެރިކަމުގައި ދެމިހުރުމަށް ކަމަށެވެ. ރައީސް ސޯލިހްގެ ވެރިކަން ދެމެހެއްޓުުމަށް އެދެނީ އެމަނިކުފާނުގެ ކެތްތެރިކަމާއި ކުޅަދާނަކަމުން ކަމަށް ވެސް ޝާހިދުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ހަމަޖެހޭ ވެރިކަމެއް، ތަފާތު ހިޔާލުތަކަށް ޖާގަދީގެން ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކަށް އިހުތިރާމު ކުރާ ވެރިކަމެއް، ގާނޫނު ހިންގާ ވެރިކަމެއް އަޅުގަނޑުމެން ބޭނުން ވަނީ، އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެތްތެރި ކުޅަދާނަ ވެރިކަން،" ރައީސް ސޯލިހަށް ތާއީދުކުރައްވާ ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ ވާޙަކައިގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ބޭފުޅުން ހައްޔަރުކުރުމާއި ޝަރުއީ މުއައްސަސާތަކަށް އިހްތިރާމްނުކުރުމާއި ރައްޔިތުންގެ މަޖިލީހަށް ސިފައިން ވެއްދި ވާހަކަ ފާހަގަކޮށް ޝާހިދު ވިދާޅުވީ އަލުން އެދުވަސް ދެކެން ބޭނުންފުޅު ނުވާކަމަށެވެ.
"މީގެ ކުރިން އަޅުގަނޑުމެން ދެކެފިން، ސިޔާސީ މީހުން ހައްޔަރުކުރި ތަން، ވަކި ބަޔަކަށް އެކަނި ގާނޫނު ހިނގި ތަން، ޝަރުއީ މުއައްސަސާތަކަށް ރައީސް އިހުތިރާމު ނުކުރިތަން، ރައްޔިތުންގެ މަޖިލީހަށް ސިފައިން ފޮނުވައިގެން މަޖިލީހުގެ މެންބަރުން އެ ތަނުން ނަގައި އުކި ތަން، އަޅުގަނޑުމެން ދެކޭކަށް ބޭނުމެއް ނޫން މި މަންޒަރެއް އަލުން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ކުރިން އަބަދުވެސް ދައްކަނީ ޖީލެއް ހަލާކުވި ވާހަކަ އާއި މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖެހިފައި އޮތް ވާހަކަ ކަމަށެވެ. ނަަމަވެސް ރައީސް ސޯލިހަކީ ޖީީލެއް ބިނާކޮށްދެއްވި ވެރިއެއް ކަމަށް ވިދާޅުވެ މި ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމް ޝާހިދު ފާހަގަކުރެއްވި އެވެ.
އަދި މީގެ ކުރިން އެފައިސާ ހަރަދު ނުކުރެވެންވީ ކީއްްވެގެންތޯ ސުވާލު އުފައްދަމުން ޝާހިދު ވިދާޅުވީ، "ކުރިން އެހެން ހަރަދު ކުރަން ހުރި ފައިސާއިން އެ ހުރީ ހެންވޭރުގައި ބޮޑު އިމާރާތެއް ހަދާފައި"ކަމަށެވެ.













