ހޮލީވުޑްގެ ތަރި ޖޮނީ ޑެޕް އާއި އޭނާގެ ކުރީގެ އަނބިމީހާ އަދި އެކްޓްރެސް އެމްބާ ހާޑްގެ އަބުރުގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން އެމްބާ ނިންމައިފި އެވެ.
އުމުރުން 36 އަހަރުގެ އެމްބާ އިންސްޓަގްރާމް މެދުވެރިކޮށް ބުނީ "އުނދަގޫ" ގޮތް އިހްތިޔާރްކޮށް، މައްސަލަ ނިންމަން އެއްބަސްވީ "ބަލި ގަބޫލުކުރާތީ ނޫން" ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު އޭނާ އާއި އުމުރުން 59 އަހަރުގެ ޖޮނީ ޑެޕްގެ މައްސަލަ ކޯޓުގައި ކުރިއަށް ދިޔަ އެވެ. އެ އަޑުއެހުންތަކުގެ ތެރެއިން އެ ދެ މީހުންގެ ގުޅުމާ ބެހޭ ގިނަ ކަންކަން އާއްމުވި އެވެ.
އަޑުއެހުންތަކަށް ފަހު ޖޫރީއިން ނިންމީ އެމްބާގެ ނަމުގައި ޝާއިއު ކުރި ލިޔުމެއްގެ ސަބަބުން ޖޮނީ ޑެޕްގެ އަބުރަށް އުނިކަން ލިބުނު ކަމަށެވެ. އެ ލިޔުމުގައި ބުނީ އެމްބާއަކީ ގެވެށި އަނިޔާ ލިބިފައި ހުރި މީހެއް ކަމަށެވެ.
މައްސަލަ އިތުރަށް ކޯޓުގައި ކުރިއަށް ނުގެންގޮސް ދެ ފަރާތުން އެއްބަސްވި ގޮތުގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.

ޖޫރީގެ ނިންމުން އުވާލައި، އަލުން ޝަރީއަތްކޮށްދިނުމަށް އެދި މި މަހުގެ ކުރީކޮޅު އެމްބާ ކޯޓަށް އިސްތިއުނާފު ހުށަހެޅި އެވެ.
އެކަމަކު ހޯމަ ދުވަހުގެ ބަޔާނުގައި އޭނާ ބުނީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމީ "އެމެރިކާގެ ގާނޫނީ ނިޒާމަށް އިތުބާރު ގެއްލުމުން" ކަމަށެވެ.
"އެމެރިކާގައި އިސްތިއުނާފުކޮށްގެން ކާމިޔާބުވި ނަމަވެސް، އަލުން ޖެހޭނީ ޝަރީއަތަކާ ކުރިމަތިލާން. އަލުން އެކަމާ ކުރިމަތިލުމުގެ ހިތްވަރެއް ނެތް،" އޭނާ ބުންޏެވެ.
ޖޮނީ ޑެޕް އާއި އެމްބާގެ ކައިވެނި ރޫޅުނީ 2017 ގަ އެވެ. އެ ކައިވެނީގެ ތެރޭގައި ދެ މީހުން ވެސް އެކަކު އަނެކަކަށް އަނިޔާވެރިވި ކަމަށް ތުހުމަތު ކުރެ އެވެ.
އެހެން ނަމަވެސް، ޖޫރީއިން ބޮޑަށް ބުރަވީ ޖޮނީ ޑެޕްގެ ފަޅިއަށެވެ. އެގޮތުން އޭނާގެ އަބުރު ގެއްލިފައި ވާތީ ބަދަލުގެ ގޮތުގަައި 15 މިލިއަަން ޑޮލަަރު ދޭން އެމްބާއަށް އެންގި އެވެ.










