މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ މުބާރާތުގެ ޕަބްލިކް ރިލޭޝަން (ޕީއާރް) ޕާޓްނަރެއްގެ ގޮތުގައި "އަދަދު" ހަމަޖައްސައިފި އެވެ.
މިއީ "އަދަދު" އިން މި މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރާ ދެ ވަނަ ފަހަރެވެ.
"އަދަދު"އާ އެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެއްބަސްވުމުގެ ކަންކަން ކުރިއަށްދިޔައީ، މާފަންނު ކާމް އިންގައި ބޭއްވި އިވެންޓެއްގަ އެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ޖަމިއްޔާގެ ރައީސް ރިލްވާން މޫސާ ބައިވެރިވިއިރު، "އަދަދު"ގެ ފަރާތުން މި މުބާރާތުގެ ކަންކަން ރޭވުމުގައި އެއްބަސްވީ އެސޯސިއޭޓް އެޑިޓަރު (ސްޕޯޓްސް)، އައްޒާމް އަލިފުޅު އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަން، "އަދަދު" އިން ބޭނުންވި ސަބަބަކީ މިއީ ރާއްޖޭގައި އެންމެ ފުޅާކޮށް ބޭއްވޭ ފުޓްސަލް މުބާރާތަށް ވެފައި، މިއީ ރާއްޖޭގެ ގިނަ ރަށްތަކާއި ގިނަ ޒުވާނުންގެ އިތުބާރު ލިބިފައިވާ، ވަރުގަދަ މުބާރާތަކަށް ވާތީ އެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗުގެ ތެރެއިން ތިމަރަފުށި ޓީމުގެ އަސްވަދު (ކ) ގާފަރުގެ މާއިސް ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަދަދު
ފޯރި އަށް ބަލާއިރު، ގިނަ ބަޔެއްގެ ތަރުހީބު ބޮޑު މުބާރާތެއްގެ ގޮތުގައި އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖް އަންނަ ފެބްރުއަރީ މަހު ފަށަން ނިންމާފައިވާއިރު، "އަދަދު"ގެ ފަރާތުން މުބާރާތް ޕްރޮމޯޓް ކުރަން ގިނަ ކަންތައްތަކެއް ކުރަން ވަނީ ރާވައިފަ އެވެ.
މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި އަހަރުގެ މުބާރާތުގައި 102 ޓީމު ބައިވެރިވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި އަދަދަށް ވުރެ އިތުރު އަދަދެކެވެ. ގިނަ ޓީމުތަކެއް ބައިވެރިވެފައިވާތީ، މެޗުތަކުގެ އަދަދު ވެސް ގިނަވާނެ އެވެ. މި ފަަހަރުގެ މުބާރާތުގައި 250 އަށް ވުރެ ގިނަ މެޗު ކުޅޭނެ އެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ރާވާފައިވަނީ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންގޮސް، މުބާރާތް ވީހާ ވެސް ފުރިހަމަކޮށް މުބާރާތް ކުރިއަށް ގެންދިއުމަށެވެ.
މުބާރާތުގެ ފޯމެޓަށް ބޭނުންތެރި ބަދަލެއް
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފޯރި ނެގެހެއްޓުމާއި މުބާރާތުގެ ކަންކަން ފުރިހަމަކުރަން މީގެ ކުރިން ވެސް ވަނީ ކުދިކުދި ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން މި ފަހަރުގެ މުބާރާތަށް ވެސް ބަދަލެއް ގެންނަން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.
މި ފަހަރުގެ މުބާރާތުން ފެންނާނެ ބަދަލުތަކަށް ބަލާއިރު، އެއް ބަދަލަކީ ހަ ޓީމަށް ވުރެ މަދުން ޓީމުތައް ބައިވެރިވާ އަތޮޅުތަކުގައި ލީގު ބުރު ނިންމުމަށް ފަހު، އިތުރު ފައިނަލެއް ކުޅޭނެ ގޮތަކަށް ހެދުމެވެ. މީގެ ކުރިން މުބާރާތް ކުރިއަށްދިޔަ ގޮތުން ހަ ޓީމަށް ވުރެ މަދުން ޓީމުތައް ބައިވެރިވާ އަތޮޅުތަކުގައި، އަތޮޅު ޗެމްޕިއަން ކަނޑައަޅަނީ ލީގު އުސޫލުން ބަލައިގެންނެވެ. އެކަމަކު އާ ފޯމެޓްގައިވާގޮތުން އަތޮޅުތަކުގެ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމު ވަކިން ފައިނަލެއް ކުޅެން ޖެހޭނެ އެވެ. އެ އަތޮޅަކުން ޒޯން ބުރަށް ކޮލިފައިވާނީ ޗެމްޕިއަންކަން ހޯދާ ޓީމެވެ.
އޭގެ އިތުރުން، މިފަހަރުގެ މުބާރާތުގައި ވެސް ޖުމްލަ، ހަ ޓީމަށް ވުރެ އިތުރަށް ބައިވެރިވާ އަތޮޅުތަކުގައި ކުޅޭނީ ދެ ގްރޫޕެއްގެ މެދުގަ އެވެ. އެކަމަކު، ފޯރިގަދަ ކުރުމުގެ ގޮތުން ދެ ގްރޫޕަށް ފަހު، ސެމީ ފައިނަލް މެޗުތައް ވެސް ކުޅޭނެ އެވެ. މިއީ ގްރޫޕް ސްޓޭޖަށް ފަހު ވެސް ފޯރިގަދަ ބުރެއް ބަލާލަން ލިބޭނެ ބަދަލެކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެފަހުން ބޭއްވި ފޯރިގަދަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ، މުބާރާތުގެ ތަށި ޖުމްލަ ތިން ފަހަރު އުފުލާލާފައިވާ ތ. ތިމަރަފުއްޓެވެ. ފުޓްސަލްގެ މަގުބޫލު ރަށެއް ކަމަށްވާ ތިމަރަފުށިން މި މުބާރާތް ކާމިޔާބުކުރީ 2016، 2019 އަދި 2021 ވަނަ އަހަރު އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ތިމަރަފުށި ޓީމުން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު
މި މުބާރާތުގެ ތަށި ދެން ހޯދި ޓީމުތަކަކީ މާލޭގެ މާފަންނާއި ހެންވޭރުގެ އިތުރުން ބ. ހިތާދޫ އެވެ. ހިތާދޫން 2015 ވަނަ އަހަރު ތަށި ހޯދީ ގާފަރު ބަލިކޮށްފަ އެެވެ. ގާފަރު ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ތިމަރަފުށި އަތުން ވެސް ބަލިވެފަ އެވެ.
މި ފަހަރުގެ މުބާރާތަށް ވެސް ރަށްރަށުގެ ޓީމުތަކުގެ ތައްޔާރީތައް ފޯރީގައި މިހާރު ވެސް ކުރިއަށްދާއިރު، ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުންގެ ކަންކަން ހަމަޖެއްސުމުގެ ކަންކަން ވެސް ކުރިއަށްދެ އެވެ. ގިނަ ރަށްރަށުން މި ފަހަރު ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ކަންކަން ކުރަނީ ކައުންސިލުން ދޭ އެއްބާރުލުމާ އެކު އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބައިވެރިވި ޓީމުތައް
ހއ. އަތޮޅު: ހޯރަފުށި، ބާރަށް، ކެލާ، އިހަވަންދޫ، އުތީމު، ވަށަފަރު، މާރަންދޫ، މުރައިދޫ، ފިއްލަދޫ، ދިއްދޫ، ތަކަންދޫ، ތުރާކުނު
ހދ. އަތޮޅު: ހިރިމަރަދޫ، ނާވައިދޫ، ނެއްލައިދޫ، ނޭކުރެންދޫ، ނޮޅިވަރަންފަރު، ކުމުންދޫ، ވައިކަރަދޫ، މަކުނުދޫ، ފިނޭ
ށ. އަތޮޅު: ބިލެއްފަހި، ޅައިމަގު، ކަނޑިތީމު، މަރޮށި، މިލަންދޫ، ފީވަށް، ފޯކައިދޫ
ރ. އަތޮޅު: ދުވާފަރު، އަލިފުށި، އިންނަމާދޫ، އިނގުރައިދޫ، މީދޫ
ބ. އަތޮޅު: ކެންދޫ، އޭދަފުށި، ފެހެންދޫ، ތުޅާދޫ
ޅ. އަތޮޅު: ހިންނަވަރު، ކުރެންދޫ
ކ. އަތޮޅު: ހިންމަފުށި، ކާށިދޫ، މާފުށި، ދިއްފުށި، ތުލުސްދޫ، ގާފަރު، ގުރައިދޫ
އއ. އަތޮޅު: ރަސްދޫ، ބޮޑުފޮޅުދޫ، މަތިވެރި، ފެރިދޫ، ތޮއްޑޫ
އދ. އަތޮޅު: ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، މާމިގިލި، ފެންފުށި، ދަނގެތި
މ. އަތޮޅު: ނާލާފުށި، ކޮޅުފުށި، މަޑުއްވަރި، މުލައް، މުލި، ދިއްގަރު
ފ. އަތޮޅު: ނިލަންދޫ، ބިލެއްދޫ، ދަރަނބޫދޫ، މަގޫދޫ
ދ. އަތޮޅު: ބަނޑިދޫ، ކުޑަހުވަދޫ، މާއެނބޫދޫ
ތ. އަތޮޅު: ހިރިލަންދޫ، ބުރުނި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ތިމަރަފުށި، ގާދިއްފުށި
ލ. އަތޮޅު: ކަލައިދޫ، އިސްދޫ، މާބައިދޫ، މާމެންދޫ، ގަން
ގއ. އަތޮޅު: ނިލަންދޫ، ކޮނޑޭ، ވިލިނގިލި، މާމެންދޫ، ދެއްވަދޫ، ގެމަނަފުށި، ކަނޑުހުޅުދޫ، ދާންދޫ
ގދ. އަތޮޅު: ހޯޑެއްދޫ، ވާދޫ، މަޑަވެލި، ތިނަދޫ، ގައްދޫ
އައްޑު އަތޮޅު: މަރަދޫ ފޭދޫ، ފޭދޫ، ފުވައްމުލައް، ދަނޑިމަގު
މާލެ: މާފަންނު، މައްޗަންގޯޅި، ހުޅުމާލެ، ވިލިމާލެ












