އަހަރެއްގެ މުއްދަތުގައި އެންމެ ގިނަ މަސް ކިރުވުމުގެ ރެކޯޑާއެކު މިފްކޯއިން މަސްވެރިންނަށް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ދޫކޮށްފި އެވެ.
އިއްޔެ ފާހަގަ ކުރި ރާއްޖޭގެ މަސްވެރިންގެ ދުވަހު މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިސްމާއީލް ފައުޒީ، އެ ކުންފުނީގެ ބައެއް ތަފާސްހިސާބާއެކު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި އަހަރުގެ މިހާތަނަށް 59,310 މެޓްރިކް ޓަނުގެ މަސް މިފްކޯ ބަނދަރުތަކާއި ބޯޓުތަކަށް ކިރުވާފައިވާ ކަމަށެވެ.
އެ މަހުގެ އަގުގެ ގޮތުގައި 966.2 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކާފައިވެ އެވެ.
ދެހާސް އަށާރައިން ފެށިގެން މި އަހަރުގެ މިހާތަނަށް މިފްކޯއަށް ޖުމުލަ 257،820 މެޓްރިކް ޓަނުގެ މަސް ގަނެފައި ވާއިރު، 4.5 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެ އެވެ.
titledesc
ގަނެވުނު މަހާއި ދޫކުރެވުނު ފައިސާ އަހަރުން އަހަރަށް އިތުރުވެފައިވުން މިފްކޯގެ ސީއީއޯ ފާހަގަ ކުރެއްވީ މިގޮތަށެވެ؛
"ހުރި ވަސީލަތްތަކާއިއެކު މިފްކޯގެ ހީވާގި މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކުރައްވައިފި،"
އެ ކުންފުންޏަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަޓަކައި ބިޔަ މަޝްރޫއުތަކެއް ވަނީ ފަށައިފަ އެވެ. އާ ބޯޓުފަހަރު ގެނެފައިވާއިރު، މަސްވެރިކަމުގެ ފަހި މޫސުމްގައި ކޫއްޑޫއަށް މަސްކިރުން ލަސްވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ފަޅުގެ ޖާގަ ބޮޑުކޮށް، ކޯލްޑް ސްޓޯރޭޖަށް 4000 ޓަން އިތުރުކުރަން ވަނީ ނިންމައިފަ އެވެ.
ފެލިވަރުގައި މުޅިން އަލަށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީޒިން އަދި 80 ޓަނުގެ އާރުއެސްޑަބްލިޔޫ ސިސްޓަމެއް ގާއިމްކުރުމާއި، 3500 ޓަނުގެ ކާގޯ ވެސަލް ކައިރިކުރެވޭ ފެންވަރަށް ބަނދަރު ތަރައްގީ ކުރުމާއި، މަސް ކިރާނެ ޖެޓީއަކާއި ފެލިވަރުގެ ބޭނުންތަކަށް އިތުރު ޖެޓީއެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އަދި 100 ޓަނުގެ ކާރުހާނާ ހެދުން ވެސް ހިމެނެ އެވެ.









