ލޮސް އެންޖެލިސް، އެމެރިކާ (ޑިސެމްބަރު 10) - ޕޮޕް ލަަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް ފީޗާ ފިލްމެއް ޑިރެކްޓް ކުރަން ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ނޫސްތަކިން ރިޕޯޓުކޮށްފި އެވެ.
ވެރައިޓީ އަދި އެހެން ނޫސްތަކިން ރިޕޯޓުކުރި ގޮތުގައި ޓެއިލާ ސްވިފްޓް ވަނީ ފިލްމުގެ ސްކްރިޕްޓް ލިޔެފަ އެވެ. އެ ފިލްމު ޕްރޮޑިއުސް ކުރާނީ ސާޗްލައިޓް ޕިކްޗާޒް އިންނެވެ.
"ޓެއިލާއަކީ ޖީލަކުން އުފަންވާ މޮޅު އާޓިސްޓުންގެ ތެރޭގައި ހިމެނޭ ތަރިއެއް،" ސާޗްލައިޓްގެ ވެރިން ޑޭވިޑް ގްރީންބޯމް އަދި މެތިއު ގްރީންފީލްޑް ބުންޏެވެ.
"ޓެއިލާގެ ކެރިއާގައި މުޅިން އާ ދަތުރެއް ފަށާއި، އޭނާއާ ބައިވެރިވުމަކީ އަހަރުމެންނަށް ލިބޭ ބޮޑު އުފަލެއް އަދި ފަހުރެއް."
އެ ފިލްމްގެ ޕްލޮޓް އަދި ކާސްޓް ފަދަ ތަފްސީލްތައް ހާމައެއް ނުކުރެ އެވެ. މިދިޔަ އަހަރު ޓެއިލާ ވަނީ 15 މިނެޓުގެ ކުރު ފިލްމެއް ލިޔެ ޑިރެކްޓުކޮށްފަ އެވެ.

"އޯލް ޓޫ ވެލް" ގެ ނަން ދިން އެ ފިލްމު ބޭނުން ކުރީ އޭނާ 2012 ވަނަ އަހަރު ނެރުނު ލަވަ އަލުން ރެކޯޑްކޮށް، އޭގެ ވީޑިއޯގެ ގޮތުގަ އެވެ.
އޭގެ އިތުރުން ޓެއިލާގެ ގިނަ މިޔުޒިކް ވީޑިއޯތައް އުފެއްދުމުގައި ވެސް އޭނާގެ ބައިވެރިވުން ބޮޑެވެ. އޭނާއަކީ މިހާރު ދުނިޔޭގެ އެންމެ ކާމިޔާބު އެއް އާޓިސްޓެވެ.
ޓެއިލާއަށް 11 ގްރެމީ އެވޯޑް ލިބިފައިވާ އިރު، އެމްޓީވީ މިޔުޒިކް ވީޑިއޯ އެވޯޑްސްގައި އެންމެ މޮޅު ޑިރެކްޝަންގެ ގޮތުގައި ދެ ފަހަރު އެވޯޑް ހޯދި ހަމައެކަނި ސޯލޯ އާޓިސްޓަކީ އޭނާ އެވެ.










