ޝައިޚް ޝަޢުރާވީގެ ސިގިރޭޓު

ޝައިޚް ޝަޢުރާވީ

ޝައިޚް ޝަޢުރާވީ

ގުނަމުންދިޔައީ ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކެވެ. ދުނިޔޭގެ ކަންކޮޅުތަކަށް ނަން މަޝްހޫރު ޢިލްމުވެރިޔާ ޝައިޚް ޝަޢުރާވީ އަލްޖީރިއާއަށް ދަތުރުފުޅެއް ކުރައްވައި އެތަނުގެ ހޮޓަލެއްގައި ފައިބައިވަޑައިގެން ހުންނެވި އެވެ. އަލްޖީރިއާގެ އޭރުގެ އެންމެ މަޝްހޫރު ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިޚް މުޙައްމަދު ބިން ޤާޔިލް ޝައިޚް ޝަޢުރާވީއަށް ޒިޔާރަތްކުރެއްވި އެވެ. މުޙައްމަދު ބިން ޤާޔިލް ޝައިޚް ޝަޢުރާވީގެ ކޮޓަރިކޮޅަށް ވެންނެވިއިރު ސިއްސައިގެންދިޔައީ ޝައިޚް އިންނެވީ ސިނގިރޭޓެއް ބޯށެވެ. މުޙައްމަދު ބިން ޤާޔިލް ވަގުތުން ކޯފާ އިސްކުރައްވައި ސިގިރޭޓް ޙަރާންކަމުގެ މައްޗަށް ދަލީލު ދައްކަވަން ފެއްޓެވުމުން ދެބޭފުޅުންގެ ދެމެދުގައި ހޫނު ޒުވާބެއް ހިނގަން ފަށައިފި އެވެ.

ޝައިޚް ޝަޢުރާވީގެ ޒުވާން ދަރިކަލުންނަށް މިމަންޒަރު ބެއްލެވުމަކީ މާ ހިތްހަމަޖެހޭ ކަމެއްކަމުގައި ނުވި އެވެ. އެހެންކަމުން ޝައިޚްގެ ދަރިކަލުން ކޮޓަރިކޮޅުން ނުކުމެ ބޭރު މަގުމައްޗަށް ފައިބާ ހިނގާލާފައި، ގަޑިއެއްހާއިރު ފަހުން އެނބުރިއައެވެ. ގަޑިއެއްހާއިރު ފަހުން އެނބުރި އައިވަގުތު ޝައިޚްގެ ޒުވާން ދަރިކަލުންނަށް ފެނުނު ހައިރާންކުރަނިވި މަންޒަރަކީ، މުޙައްމަދު ބިން ޤާޔިލްވެސް ޝައިޚްއާއެކު އިންނެވީ ސިގިރޭޓް ބޯށެވެ. ޝައިޚްގެ ދަރިކަލުން ކިޔައިދެއްވާ ގޮތުގައި، އެވަގުތު ތިމަންނާ މުޙައްމަދު ބިން ޤާޔިލްއާ ސުވާލުކުރީމެވެ. ސިގިރޭޓް ޙަރާންކަމުގައި ވިދާޅުވީ ދާދި ދެންމެ ނޫންތޯ އެވެ؟ އެހިނދު އަލްޖީރިއާގެ ޝޭޚް ވިދާޅުވިކަމުގައިވެ އެވެ. ހުރިހާ ސިގިރޭޓެއް ހަރާމެވެ. ޝައިޚް ޝަޢުރާވީގެ ސިނގިރޭޓް ފިޔަވައެވެ.

ޝައިޚް ޝަޢުރާވީ ސިގިރޭޓް ބޯން ފެއްޓެވީ 1947 ވަނަ އަހަރު އުމުރުފުޅުން 36 އަހަރުގައެވެ. އެކަމާބެހޭގޮތުން ތަފާތު އެކި ޕްރޮގްރާމްތަކުގައި ޝައިޚްއާ ސުވާލުކުރެވިފައިވެއެވެ. ދުވަސްވަރަކީ މިސްރުގައި އާދަޔާހިލާފަށް ކޮލެރާ ފެތުރެމުންދިޔަ ދުވަސްވަރެވެ. އެދުވަސްވަރު މިސްރުގެ މުޖުތަމައުގައި ވަރަށް ބޮޑަށް އާންމުވެފައި އޮތް އެއްވިސްނުމަކީ ގިނައިން ފިޔާކެއުމާއި ސިގިރޭޓް ބުއިމަކީ ކޮލެރާއިން ސަލާމަތްވާ ކަމެއްކަމަށެވެ. ޝައިޚް ވިދާޅުވާ ގޮތުން ސިގިރޭޓް ބައްލަވަން ފެއްޓެވުނީ އެވިސްނުމުގައި ޖެހެވިގެންނެވެ. އެހެން ނަމަވެސް ފަހުން އެކަމަކީ ދުރުނުވެވޭވަރުގެ އާދަޔަކަށްވެގެންދިޔައީ އެވެ.

ކޮންމެއަކަސް އޭގެ ސާޅީސް އަހަރުވީއިރުވެސް ޝައިޚްގެ މިއާދައާ ދުރުވެވޭ ގޮތެއް ނުވިއެވެ. މިލިޔުމުގެ ފެށުމުގައި ބަޔާންކުރެވިފައިވާ ވާހަކައަކީ އޭގެ އެއް މިސާލާއި އޭގެ ގޯސް އެއް ނަތީޖާ އެވެ. 1987 ވަނަ އަހަރު ޝައިޚްގެ އުމުރުފުޅުން 76 އަހަރުފުޅުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ވަޑައިގެންނެވި އެވެ. އަރިހުގައި ޝައިޚްގެ އެކުވެރިޔާ ޑރ ސައްޔިދު ޖަލާލް ހުންނެވި އެވެ. ކަޢުބާއާ ނުހަނު ކައިރި ހިސާބެއްގައި ޝައިޚްގެ އަރިހުގައި ސައްޔިދު ޖަލާލް ހުންނަވާފައި ޝައިޚްގެ އަތްޕުޅުގައި ހިއްޕެވި އެވެ. އެއަށްފަހު ސައްޔިދު ޖަލާލް ދުޢާކުރެއްވި އެވެ. "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް އިޖާބަކުރައްވާނޭ ދުޢާއެއް ވާނަމަ، ޝައިޚް ޝަޢުރާވީ، ސިގިރޭޓް ބުއިން ހުއްޓާލާތޯ މިއަޅާ ދުޢާކުރަމެވެ."

ސައްޔިދު ޖަލާލު މިޢަމަލުކުރެއްވި ގޮތުންނާއި އަލްޖީރިއާގައި މުޙައްމަދު ބިން ޤާޔިލް އަމަލުކުރެއްވި ގޮތުން ޝައިޚްއަށް ނުހަނު ބޮޑު އަސަރެއް ކުރެއްވިކަމުގައި ކައިރި އުޅުއްވި ބޭފުޅުން ކިޔައިދެއްވާފައިވެ އެވެ. އެހެން ނަމަވެސް ޝައިޚް ސީރިއަސްކޮށް އެކަމާ ވިސްނަވަން ފެއްޓެވީ ވަރަށް ބޮޑު އާލާސްކަންފުޅެއް ކުރިމަތިވުމާ ގުޅިގެންކަމުގައިވެ އެވެ.

ޝައިޚް ސިގިރޭޓް ބުއިން ހުއްޓަވާލެއްވި ގޮތުގައިވެސް ހިތްވަރުގެ ނަމޫނާއެއް ވަނީ ދައްކަވާފަ އެވެ. ދުވާލެއްގެ މައްޗަށް ފަސްފޮށި ސިގިރޭޓް ބޮމުން ވަޑައިގެންނެވި ޝައިޚް ސިގިރޭޓް ހުއްޓަވާލައްވާފައި، ވެސް ސިގިރޭޓް ފޮއްޓަކާއި އަލިފާންފޮއްޓެއް ޖީބުގައި އަދި އޮފީހުގައި، އެއްއަހަރު ވަންދެން ބޭއްވި އެވެ. އެކަމާބެހޭ ގޮތުން ވިދާޅުވެފައި ވަނީ އެކަން އެގޮތަށް ކުރެއްވީ، ސިގިރޭޓް ހުއްޓާލީ އެނުލިބިގެން ނޫންކަމާއި އޭގެ ގެއްލުން ބޮޑުކަމާއި އެބުއިމަކީ ޝަރުޢީގޮތުން ޙަރާންކަމެއް ކަމަށް ގަބޫލުކޮށްގެންކަމުގެ މައްޗަށް ނަފުސު ތަރުބިއްޔަތުކުރުމުގެ ބޭނުމުގައިކަމަށެވެ.

ނަވާރަސަތޭކަ އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހުން 15 ވަނަ ދުވަހު މިޞްރުގެ ރަށަކަށް އުފަންވެވަޑައިގެން މުޙައްމަދު މުތަވައްލިއްޝަޢުރާވީ ކީރިތި ޤުރުއާން ހިތްޕުޅުން ދަސްކުރެއްވީ އުމުރުފުޅުން އެންމެ އެގާރަ އަހަރުގަ އެވެ. އިހު މީހުންގެ ޅެންތަކާއި ހިކުމަތްތައް ހިތްޕުޅުން ދަސްކުރެއްވުން ގިނަ ދަރިވަރެއްގެ ގޮތުގައި އުމުރުފުޅުން ދާދި ޅައިރުވެސް މަޝްހޫރުވެވަޑައިގެންނެވި އެވެ. ދާދި ޅައިރު، އަރަބި ބަހުގެ އިހާއި ފަހުގެ އަދަބިއްޔާތުގެ ތެރެއަށް ވަދެވަޑައިގަތުން ހިނގާދިޔައީ ޝަރުޢީ އެކިއެކި ޢިލްމުތަކުގެ ތެރެއަށް ފީނަމުން ވަޑައިގެންނެވިގެންނެވުމާއި އެއްހަމައެއްގައި އެކުއެކީގަ އެވެ. ޢުލޫމުލްޤުރުއާނާއި ތަފްސީރާއި ޙަދީޘް ފޮތްފޮތުގެ އެންމެ ބޮޑެތި ފޮތްތަކަށް ތައުލީމީ ހަޔާތުގެ ފެށުމުގައި އަހުލުވެރިވެވަޑައިގެންނެވި އެވެ. ޝައިޚް ފަހުން ބޮޑަށް މަޝްހޫރުވެގެން ދިޔައީ އާންމުންނަށް ތިލަވާނެހެން ފަސޭހަ އަދި ޝައުޤުވެރި ގޮތެއްގައި ކީރިތި ޤުރުއާނުގެ ތަފްސީރު ކިޔައިދެއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ޝައިޚަކީ ޒަމާނީ ތަފްސީރުގެ އެއްބާނީގެ ގޮތުގައި ސިފަކުރެވިދާނެ އެވެ. އެކަމަކު ދީނީ ޢިލްމުގެ އެހެނިހެން ދާއިރާތަކުން ލިޔުއްވާފައިވާ ފޮތްތަކާއި ދެއްވާފައިވާ ޚުތުބާތަކާއި ދަރުސްތައް އެއްފަހަރުން ގުނާލައި އަދަދުކުރެވޭވަރަށްވުރެ ގިނަ އެވެ.

އަޅުގަނޑުގެ މިލިޔުމަކީ ޝައިޚްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔާ ލިޔުމަކަށް ނުވުމާއެކު މިމިންވަރަށް ކުރުކޮށްލާނަމެވެ. އިސްވެދިޔަ އިބާރާތްތައް މިބަޔާންކޮށްލީ ފަހަރުގައި ޝައިޚަކީ ކިހާވަރެއްގެ ކޮން ބޭކަލެއްކަން އެނގުން މުހިންމު ކިޔުންތެރިޔަކަށް ފަސޭހަކޮށްލާދިނުމުގެ ބޭނުމަށެވެ. އަދި ހަމަ އެހެންމެ، "ޝޭޚް ވެސް ސިގިރޭޓް ބުޔޭ މަވިއްޔާ ވަކި ނުބޯންވީ ކީއްވެހޭ" މިހެން ހިތަށް އަރާފާނެ މީހަކަށް ވިސްނައިދިނުމުގެ ގޮތުންނެވެ. ޝައިޚް ނަމޫނާއަކަށް ބަލާނަމަ، ބަލަންވާނީ އެކަން އެކަނި ނޫންކަން ބުނެދިނުމުގެ ގޮތުންވެސްމެއެވެ.

ޝައިޚްގެ ޢިލްމުވެރިކަމުގެ މުއްސަނދިކަމާއި އާންމުންނަށް ވިސްނައިދިނުމާއި ކަންކަން ހުށަހަޅައިދިނުމުގައި ގެންގުޅުއްވި ޝައުޤުވެރި ބަސްމަގާއި ސާދާ މިޒާޖުގެ ސަބަބުން ޝައިޚްގެ މަގުބޫލުކަން ބޮޑުވި ވަރަކީ، ވަރަށް ގިނަ ގައުމުތަކުންވެސް، އެގައުމުތަކުގެ ދައުލަތުގެ އެކިއެކި މަގާމުތައް ވެސް ޝައިޚަށް ހުށަހެޅުއްވިއެވެ. އެހެންނަމަވެސް ޝައިޚް އެއިން މަގާމަކާ ހަވާލުވެވަޑައިގަތުމުގެ ބަދަލުގައި ޙަޔާތުގެ ފަހުކޮޅު އެކީއެކަށް ދީނީ ދަޢުވަތަށް އެކަނި ޚާއްޞަކުރެއްވިއެވެ.

1992 ވަނަ އަހަރު ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައި ޝައިޚް ވިދާޅުވެފައިވާ އިބަރާތްތަކުން މިލިޔުން ނިންމާލާނަމެވެ. "ވަރަށް ޒުވާން ދުވަސްވަރުން ފެށިގެން ސިގިރޭޓް ބޯން ފަށައިފީމެވެ. މިހާރު އޭގެ ގެއްލުމުގެ އަސަރުތައް މިދަނީ އަހަރެންގެ ސިއްހަތަށް ވޭންދެމުންނެވެ. އެހެނީ ޒުވާނާ އޭނާގެ ބާރުވެރިކަމުގައި ސިގިރޭޓްގެ ގެއްލުންތަކުގެ އިހުސާސެއް ނުވެއެވެ. އޭގެ އަސަރުތަކަކީ ހަށިގަނޑަށް މަޑުމަޑުން ވެރިވަމުންދާ އެއްޗެކެވެ. އޭގެ ނުރައްކާތެރި ނަތީޖާތައް ފެންނަނީ ހަޔާތުގެ ފަހު ދުވަސްކޮޅުގައެވެ. އާދޭހެވެ! އަހަރެން ކުރިން ސިގިރޭޓް ބުއީމެވެ. އެކަމަކު އޭގެ ގެއްލުމާއި ނުބައިކަން ގަބޫލުކުރެވުމުން އެކަން ހުއްޓާލީމެވެ. އަދި ސިގިރޭޓް ފޮއްޓަކާއި އަލިފާންފޮޓެއް އެއްއަހަރުވަންދެން އަހަރެންގެ ޖީބުގައި ބޭއްވީމެވެ. އަދި އަހަރެންގެ އޮފީހުގައިވެސްމެއެވެ. ސިގިރޭޓް ހުއްޓާލިތާ މިހާރު 12 އަހަރު ފާއިތުވެއްޖެއެވެ. އޭގެ ފަހުން އަހަންނަށް ވަރަށް ބޮޑު ބަދަލެއް އިހުސާސްކުރެވެއެވެ. އަހަރެންގެ ސިއްހަތު ވަރަށް ބޮޑަށް ފަސޭހަވެފައިވާކަމުގެ އިހުސާސެއްވެއެވެ. އަދި ނިދުމާއި ކެއުމާއި ނޭވާލުންވެސްމެއެވެ. ސިގިރޭޓް ބުއިމަކީ ހަރާންކަމެކެވެ. އަހަރެން އަބަދުވެސް އައީ އެހެން ބުނަމުންނެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox