ޖިރޫ އާއި އެމްބާޕޭގެ ރެކޯޑު ގޯލުތަކާ އެކު ފްރާންސް ކުއާޓާ އަށް

Dec 4, 2022, 5:36 PM
ޖިރޫ އާއި އެމްބާޕޭގެ ރެކޯޑު ގޯލުތަކާ އެކު ފްރާންސް ކުއާޓާ އަށް

ދޯހާ، ގަތަރު (ޑިސެމްބަރު 4) - އޮލިވިއޭ ޖިރޫ އާއި ކިލިއަން އެމްބާޕޭގެ ރެކޯޑު ގޯލުތަކާ އެކު ޕޮލެންޑް 3-1 އިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި މެޗަށް ދެ ޓީމުން ނުކުތްއިރު ފްރާންސުން ވަނީ އެންމެ ފަހުން ގްރޫޕް ސްޓޭޖުގައި ޓިއުނީޝިއާ އަތުން ބަލިވި މެޗުގައި ނުކުޅެ ތިބި މުހިންމު ކުޅުންތެރިންނަށް އަލުން ޓީމުން ޖާގަ ދީފަ އެވެ. ޕޮލެންޑަށް ބަލާއިރު އެ ޓީމުން ދެ ކުޅުންތެރިއަކަށް އަލުން ޓީމުން ޖާގަ ދިނެވެ.

މި މެޗު ފަށައިގެން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ފްރާންސުންނެވެ. އެ ގޮތުން، އަރިމަތިން އެމްބާޕޭ ދިޔައީ ޕޮލެންޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އޭނާ ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާފައި ނަގައިދިން ނުރައްކާތެރި ދެ ހުރަސް ބޭކާރުވީ ޖަހާނެ ކުޅުންތެރިއަކު ނެތިގެންނެވެ.

އޭގެ ފަހުން ފްރާންސުން ގޯލާ އަމާޒުކޮށް ގާތް ގާތުގައި ދެ ހަމަލާއެއް ފޮނުވާލި އެވެ. އައުރެލިން ޗުއަމެނީ ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ދަނިކޮށް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ދިފާއުކުރިއިރު، އޮސްމާނޭ ޑެމްބެލޭ ފޮނުވާލި ހަމަލާ އަމާޒުވީ ޝެޒްނީ އަތަށެވެ.

ޕޮލެންޑުން މެޗުގައި ފޮނުވާލި ފުރަތަމަ ހަމަލާ އަކީ ކައުންޓަ އޭޓެކުގައި ލިބުނު ފުރުސަތަކުން އޭރިއާ ބޭރުން ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އަނެއްކާވެސް ފްރާންސުން ރަނގަޅު ތިން ފުރުސަތެއް ހޯދި އެވެ. ޖޫލްސް ކޫންޑޭ ފޮނުވާލި ބޯޅަ ކީޕަރާ ދިމާލަށް ދިޔައިރު، ޑެމްބެލޭ ނަގައިދިން ހުރަހަކުން ޖިރޫ ހުސްކޮށް ހުރެ، ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން ކިލިއަން އެމްބާޕޭ ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާފައި ވާތު ފައިން ފޮނުވާލި ބޯޅަވެސް ކީޕަރު ޝެޒްނީ ވަނީ މަތަކޮށް ބޭރަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި ޕޮލެންޑަށް ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތުތެއް ލިބުނެވެ. އަރިމަތިން ބާޓޯސް ބެރެޒިންސްކީ ނަގައިދިން ހުރަހުން ޕިއޮޓްރަ ޒިއެލިންސްކީ ފޮނުވާލި ބޯޅަ ކީޕަރު ހޫގޯ ލޮރިސް ދިފާއުކުރި އެވެ.

ރިބައުންސަށް ނުކުތް ބޯޅަ ޒިއެލިންސްކީ ދެ ވަނަ ފަހަރަށް ފޮނުވާލުމުން ބްލޮކްވިއިރު، ދެން އެބޯޅަ ލިބުނީ ޖަކުބް ކަމިންސްކީ އަށެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލު ރޮނގުމަތިން ދިފާއުކުރީ ރަފައެލް ވަރާން އެވެ.

ފްރާންސުން ފުރަތަމަ ގޯލު ޖެހީ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. މި އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ޖަހައިދިނީ އޮލިވިއޭ ޖިރޫ އެވެ. މި ގޯލާ އެކު ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ތިއެރީ އޮންރީގެ ރެކޯޑް، ޖިރޫ ވަނީ މުގުރާލައިފަ އެވެ. ފްރާންސަށް އޮންރީ 51 ގޯލު ޖަހައިދިންއިރު، ޖިރޫ މިރޭ ޖަހައިދިން ގޯލަކީ ގައުމީ ޓީމަށް އޭނާގެ 52 ވަނަ ގޯލެވެ.

މި ހާފު ނިމުމުގެ ކުރިން ޕޮލެންޑުގެ ކަމިންސްކީ އަށް ގޯލެއް ޖަހާނެ ފުރުސަތެއް ލިބުނެވެ. އަރިމަތިން މެޓީ ކޭޝް ނަގައިދިން ހުރަސް ކަމިންސްކީ ފޮނުވާލުމުން އަރިމަތީ ދާގަނޑަށް އަމާޒުވީ ކުރިމަތީގައި ހުރި ޑެފެންޑަރު ޑަޔޮޓް އުޕަމެކާނޯ ފައިގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގެ ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ ފްރާންސުންނެވެ. ހިލޭ ޖެހުމަކުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ބޯޅަ ކީޕަރު ޝެޒްނީ ވަނީ ދީފާއުކޮށްފަ އެވެ. އޭގެ ފަހުން އެމްބާޕޭ ފޮނުވާލި ބޯޅަ އެއް ޑިފެންޑަރު ކަމީލް ގިލިކް ފައިގައި ޖެހިފައި ދިޔައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.

ފްރާންސްގެ ފަހު ދެ ގޯލު ޖަހައިދިނީ އެމްބާޕޭ އެވެ. މި ދެ ގޯލަކީ ވެސް ވަރަށް ހިތްގައިމު މޮޅު ދެ ގޯލެވެ. ފުރަތަމަ ގޯލަކީ ޑެމްބެލޭ ދިން ޕާހެއް ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ މަތީ ކަނަށް ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ޖެހި ގޯލެކެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އެމްބާޕޭ ޖެހި ދެ ވަނަ ގޯލަކީ ވެސް ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ.

މި ދެ ގޯލާ އެކު މި ފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ޖެހި ގޯލުގެ އަދަދު މިހާރު ވަނީ ފަހަކަށް އަރައިފަ އެވެ. މި ވަގުތު ލަނޑު ލިސްޓުގެ ކުރީގައި އެމްބާޕޭ އޮތްއިރު، އޭނާގެ ފަހަތުގައި އުޅޭ ކުޅުންތެރިންނަށް ޖެހިފައިވަނީ ތިން ގޯލެވެ. އަނެއްކޮޅުން، މިރޭގެ މެޗުގައި އެމްބާޕޭ ޖެހި ދެ ގޯލާ އެކު ވޯލްޑް ކަޕްގައި ފްރާންސަށް ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަކޮށްފަ އެވެ.

ޕޮލެންޑުން ޓީމުން ނަތީޖާގެ ފަރަގު ކުޑަކުރީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލަކުންނެވެ. ލެވަންޑޯސްކީ ފޮނުވާލި ފުރަތަމަ ޕެނަލްޓީ ކީޕަރު ލޮރިސް މަތަކުރި ނަމަވެސް، ލެވަންޑޯސްކީ އެ ބޯޅަ ޖެހުމުގެ ކުރިން ލޮރިސް ރޮނގު ހުރަސްކޮށް ކުރިއަށް ޖެހިފައިވާތީ ރެފްރީ ނިންމީ އަލުން އެ ޕެނަލްޓީ ޖަހާށެވެ. ދެ ވަނަ ފަހަރަށް ލެވަންޑޯސްކީ ވަނީ ލިބުނު ފުރުސަތުގައި ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

ވޯލްޑްކަޕްގެ ދެ ވަނަ ބުރުގައި ފްރާންސް ނުކުންނާނީ އިންގްލެންޑާއި ސެނެގާލް މިރޭ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox