ރާއްޖޭގެ އެކި ކަންކޮޅުގައި ތިބި ގޭމަރުންނަށް ހާއްސަކޮށްގެން ހަތަރު ސިޓީގައި އުރީދޫ ނޭޝަން އިން ކުރިއަށް ގެންދާ ފީފާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 15 ވާ ބުރާސްްފަތި ދުވަހެވެ. މުބާރާތުގައި ރަޖިސްޓަރީ ވާން ބޭނުންވާ ފަރާތްތަކަށް މި ލިންކު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.
އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިންއާއި ފުވައްމުލަކު އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކުލަބު ކޮރަލްސް ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދާނީ މާލެ ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގަ އެވެ.

ގްރޫޕު ސްޓޭޖާއީ ނޮކްއައުޓު ސްޓޭޖާއި ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭހެން ޖުމްލަ ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ގެންދާނީ އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑުލައިންތަކާ އެއްގޮތަށެވެ. މި މުބާރާތުގައި ބައިވެރިވާ ހުރިހާ ބައިވެރިންވެސް އެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެކަމަށް އުރީދޫއިން ބުނެ އެވެ.
މި މުބާރާތުގެ ވަނަވަނައަށްދާ ފަރާތްތަކަށް އުރީދޫ ނޭޝަން ފީފާ ވޯލްޑުކަޕުގެ ގިފްޓު ޕާޓުނަރު، ރެޑްވޭވުން އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވެ އެވެ.
އެގޮތުން އެއްވަނައަށްދާ ފަރާތަކަށް 65 އިންޗީގެ ނިކާއީ ސްމާޓު ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީއެއް ހުށަހަޅާފައި ވާއިރު ދެވަނައަށްދާ ފަރާތަކަށް ހުށަހަޅާފައި ވަނީ ކީބޯޑާއި މައުސް، ހެޑްފޯން އަދި މައުސް ޕެޑު ހިމެނޭ ގޭމިން ޕެކެކެވެ. އަދި ތިންވަނައަށްދާ ފަރާތަކަށް ހުށަހަޅާފައި ވަނީ ހައިސެންސް ބާ އެޗްއެސް 201-60 2.0 ޗެނަލް ސައުންޑުބާ އެކެވެ.
އުރީދޫ ނޭޝަން ފީފާ މުބާރާތަކީ ގޭމު ކުޅޭ ފަރާތްތަކަށް ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑުކަޕުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން "އުރީދޫ ފުޓްބޯޅަ ފޯރި" ކެމްޕެއިންގެ ދަށުން މި މަހުގެ ކުރީކޮޅު އިއުލާނުކުރި މުބާރާތެކެވެ.










