އެމެރިކާގެ ރޮކް ބޭންޑް ގަންސް އެން ރޯޒާޒަގެ ނަން ބޭނުންކޮށްގެން އޮންލައިން ފިހާރައެއްގައު ބަޑި ވިއްކާތީ ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އޮންލައިންކޮށް ބަޑި ވިއްކާ ފިހާރައިގެ ނަމަކީ "ޓެކްސަސް ގަންސް އެން ރޯޒާޒް" އެވެ. ބޭންޑުން ބުނީ އެއީ ވިޔަފާރި ކުރުމަށް ބޭންޑުގެ ނަން ބޭނުން ކުރުން ކަމަށެވެ.
ލޮސް އެންޖެލިސްގެ ކޯޓަކަށް ހުށަަހެޅި މައްސަލައިގައި ބުނީ ބަޑި ވިއްކާ ފިހާރަ އާއި ބޭންޑާ ގުޅުމެއް އޮތް ކަމަށް ދޭހަވާ ގޮތަކަށް އެ ވިޔަފާރި ޕްރޮމޯޓް ކުރަމުންދާ ކަމަށެވެ.
"ބަޑި އާއި ހަތިޔާރުގެ ރީޓެއިލް ވިޔަފާރި ކުރާ ބަޔަކާ އެއްވެސް ގުޅުމެއް އޮންނަ ކަމަށް ދޭހަވާން ގަންސް އެން ރޯޒާޒްއިން ބޭނުމެއް ނުވޭ،" ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވެ އެވެ.
ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު އުފެދުނު ގަންސް އެން ރޯޒާޒްއަކީ އެންމެ ކާމިޔާބު އެއް ބޭންޑެވެ. އެ ބޭންޑުން ރޮކް އެންޑް ރޯލް ހޯލް އޮފް ފޭމްގެ ތަރިއެއް ހޯދީ 2012 ގަ އެވެ.

ބޭންޑުގެ މެމްބަރުންނަކީ އެކްސެލް ރޯޒް، ސޯލް ހަޑްސަން ނުވަތަ ސްލޭޝް އަދި މައިކަލް މެކްކޭގެން ނުވަތަ ޑަފް އެވެ. ބޭންޑުން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ބަޑި ވިއްކާ ފިހާރައިން ވަކި އެއްޗެއް ނުބުނެ އެވެ.










